އާސީޒަނަށް ކްލަބްތައް ތައްޔާރުވާން ފަށައި، ގިނަ ޕްރެކްޓިސް މެޗުތަކެއްވެސް އަންނަނީ ކުޅެމުންނެވެ. އެއް ޓީމް އަނެއް ޓީމާއި ކުޅޭ މެޗުތަކުން ކޯޗުން ދަނީ މިސްޓޭކްސް ފާހަގަކޮށް އެކަންކަން ރަނގަޅުކުރަން މަސައްކަތްކުރަމުންނެވެ. އެފަދަ މެޗުތަކުން ބަލިވުމަކީ މާބޮޑުކަމަކަށް ކޯޗުންވެސް މެނޭޖްމަންޓުންވެސް ނަހަދައެވެ.
ނަމަވެސް އިއްޔެ ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބާއި، މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ވާދަކުރި މެޗު ތަފާތެވެ. މެޗު ސޯޝަލް މީޑިއާގައި ޕްރޮމޯޓްކުރުންވެސް ތަފާތެވެ. އެހެން މެޗުތަކަށްވުރެ ބޮޑަށް އިޝްތިހާރުކުރިއެވެ. މެޗު ކުޅުނު ދަނޑުވެސް ތަފާތެވެ. ޕްރެކްޓިސް މެޗެއް ނަމަވެސް ކުޅުނީ ރަސްމީ ސްޓޭޑިއަމްގައެވެ. ސްޓޭޑިއަމްއަށް މީހުން ވަން ނިސްބަތްވެސް ތަފާތެވެ. ވެހެމުންދިޔަ ބޯވާރޭގައިވެސް މިހާރު ޢާއްމުކޮށް ލީގުގެ ގަދަ މެޗުތައް ބަލަން ދަނޑަށް މީހުން ވަންނަ ވަރަށް މީހުންވަނެވެ.
ދެޓީމްގެ މެނޭޖްމަންޓުން ދިން ސަމާލުކަންވެސް ތަފާތެވެ. ނިއު އަދި މާޒިޔާގެ ބޯޑް މެމްބަރުންވެސް ޕްރެކްޓިސް އަދި ޕްރެކްޓިސް މެޗުތައް ބަލަން ދެއެވެ. ނަމަވެސް އިއްޔެ އަދަދު އިތުރެވެ. މާޒިޔާގެ ސީނިއަރ އޮފިޝަލުންނާއި ސަޕޯޓަރުން ސްޓޭޑިއަމްގެ އުތުރުފަރާތު ގޮނޑިބަރީގައި ތިއްބެވެ. ނިއުގެ ސަޕޯޓަރުން ދެކުނު ފަޅީގެ ގޮނޑިބަރީގައި ތިއްބެވެ. ކްލަބްގެ ޗެއަރމަންއާއި ވައިސްޗެއަރމަން ދަނޑުގައި އިންނެވިއެވެ. އެހެން ޓީމްތަކުގެ އޮފިޝަލުންނާއި ކޯޗުވެސް ސްޓޭޑިއަމްއިން ފެނުނެވެ. ސަޕޯޓަރުންގެ ހަޅޭކުގެ އަޑާއި، ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުންދިޔަ އަޑުވެސް އިވެމުންދިޔައެވެ.
img:http://s2.psmnews.mv/images/660x400/14860114451403.jpg|މާޒިޔާ ސީޒަނަށް ތައްޔާތުވާން އީގަލްސްއާ ދެކޮޅަށް ކުޅެނީ: ފޮޓޯ-އީގަލްސް
އެންމެ ބޮޑު ތަފާތެއް ފެނުނީ ކުޅުންތެރިންގެ ފަރާތުންނެވެ. ރަސްމީ މެޗެކޭ އެއްވެސް ތަފާތެއް ނުފެނުނެވެ. ކުޅުންތެރިންގެ ފަރާތުން ފެނުނީ އެއް ޓީމް އަތްދަށު ނުވާން އަނެއް ޓީމުން މަސައްކަތްކުރަމުން ދިޔަތަނެވެ. ރެފްރީގެ ނިންމުންތަކަށްވެސް ދެކޮޅު ހަަދަމުން ދިޔަތަނެވެ. ލަނޑަށްފަހު ރަސްމީ މެޗެއްގައި އުފާ ފާޅުކުރާވަރަށް އުފާ ފާޅުކުރަމުން ދިޔަތަނެވެ. ދެޓީމުންވެސް ނެގެން އޮތް އެންމެ ވަރުގަދަ ސްކޮޑް މެޗުން ފެނުނެވެ.
މާޒިޔާގެ ބިދޭސީ ހަތަރު ކުޅުންތެރިންވެސް ފުރަތަމަ އެގާރައިގައި ކޯޗު ބޭނުންކުރިއެވެ. ޓީމުން ނުފެނުނު މުޙިންމު ދެ ކުޅުންތެރިންނަކީ ހުސެއިން ނިޔާޒް މުޙައްމަދާއި، އަހުމަދު އިމާޒްއެވެ. އެދެކުޅުންތެރިން މުޅިން ފިޓްނުވުމުން ބެންޗްގައިވެސް ނެތެވެ. އެދެކުޅުންތެރިން ނެތްތަން ފޫބައްދަންވެސް ތިބީ އެވަރުގެ ކުޅުންތެރިންނެވެ. ނިއުރޭޑިއަންޓްގައިވެސް އަނިޔާގައި ތިބި ކުޅުންތެރިން ފިޔަވައި އެހެން ކުޅުންތެރިން ކޯޗު ބޭނުންކުރިއެވެ. ބިދޭސީ ފޯވާޑާއި، ޖަޕާން މިޑްފީލްޑަރުގެ އިތުރުން ޤާނާގެ ޑިފެންޑަރު އަނިޔާގެ ސަބަބުން ބޭނުމެއް ނުކުރެއެވެ. މީގެއިތުރުން އަނިޔާގައި ހުރި އަކްރަމް އަބުދުލްޣަނީ ފިޔަވައި އެހެން ކުޅުންތެރިން ކޯޗު ބޭނުންކޮށް، ނެގެން އޮތް އެންމެ ރަނގަޅު އެގާރަ ނެގިއެވެ.
img:http://s4.psmnews.mv/images/660x400/14860114822409.jpg|ނިއުގެ ކުޅުންތެރިން ޕްރެކްޓިސްގައި: ފޮޓޯ- ނިއުރޭޑިއަންޓް ފޭސްބުކް ޕޭޖް
މިސީޒަންގައި ބިދޭސީ ކޯޗުން ގެނައީ މިދެޓީމުންނެވެ. އެހެންކަމުން ފުރަތަމަ ދުވަހުން ފެށިގެންވެސް ދެ ކޯޗުންގެ ވާދަވެރިކަން އައީ ފާހަގަކުރެވެމުންނެވެ. އިއްޔެގެ މެޗު ކުޅެމުންދިޔައިރު ކޯޗުންގެ ހަރަކާތްތައްވެސް ފެނުނީ އެފަދަ ގޮތަކަށެވެ. މީގެކުރިން ނިއުރޭޑިއަންޓް ވަނީ ގްރީން ސްޓްރީޓާއި، ޓީސީއާވެސް ވާދަކޮށްފައެވެ. އެމެޗުގައިވެސް ކުޅުންތެރިންގެ ފަރާތުން ހޭވައްޓާލާފަ މޮޅުވާން އުޅުނުތަނެއް ނުފެނެއެވެ. ލަނޑަށްފަހު މުޅި ޓީމް އުފާފާޅުކުރިތަނެއްވެސް ނުފެނެއެވެ. މާޒިޔާ ޓީސީއާ ވާދަކޮށްފިއެވެ. ގްރީން ސްޓްރީޓާވެސް ވާދަކުރިއެވެ. އީގަލްސްއާވެސް ވާދަކުރިއެވެ. ނަމަވެސް އެމެޗުތަކުގައި ފެނުނު މަންޒަރު މުޅިން ތަފާތެވެ. މިވަނީ ކިހިނެއްހެއްޔެވެ؟
" އަސްލު މިދިޔަ އަހަރުތަކުގައި ހަޤީޤީ ވާދަވެރިންނަކީ ނިއުއާ މާޒިޔާ ދޯ. މިދިޔަ އަހަރު ނޫނިއްޔާ ނިއުއިންވެސް ބޮޑު ތައްޓެއް ހޯދާ. އަހަރެމެންވެސް، ކުޅުންތެރިންވެސް ބޭނުމެއް ނުވޭ ނިއު އަތުން ބަލިވާކަށް. ނިއުއާ ޖެހުނީމަ އިއްޔެ އަހަރެމެން ކުރީ މެޗުތަކުގައި ކުޅުނު ގޭމްވެސް ނުކުޅެވުނު. ކޯޗުވެސް އެކަން ފާހަގަކުރި. ކޯޗު ބުނީ ކޮންކަމަކާހޭ ބިރުން އެއުޅުނީ. އަޞްލު އެފެންނަނީ ތަފާތު. ނިއުއަތުން ބަލި ނުވާންވެގެން ކުޅުންތެރިންވެސް ޕްރެޝަރަށްދޭ. " އިއްޔެވެސް މެޗު ބަލަން އިން މާޒިޔާގެ ސީއީއޯ ހުސެއިން ޝާފިއު ވިދާޅުވިއެވެ.
އަނެއްކޮޅުން ނިއުއިން ވަނީ ކުރިން ކުޅުނު ދެ މެޗަށްވުރެ ރަނގަލު ކުޅުމެއް އިއްޔެ މާޒިޔާއާ ދެކޮޅަށް ދައްކާފައެވެ. ޓީސީ މެޗާއި، ގްރީން ސްޓްރީޓް މެޗަށްވުރެ އިއްޔެ ނިއުގެ ކުޅުން ރަނގަޅުކަން އެޓީމްގެ ސަޕޯޓަރުންވެސް ފާހަގަކުރިއެވެ.
img:http://s3.psmnews.mv/images/660x400/14860115662072.jpg|މާޒިޔާގެ މެސެޑޯނިޔާ ކޯޗު: ފޮޓޯ-މާޒިޔާ
މިދިޔަ ފަސް އަހަރަށް ބަލާއިރު ނިއުއާއި މާޒިޔާގެ ވާދަވެރިކަން ނަތީޖާތަކުންވެސް ނުފެންނަނީ މިދިޔަ 2016 ވަނަ އަހަރުއެވެ. އޭގެކުރިން ދިޔަ ހަތަރު އަހަރުވެސް ވާދަކުރަމުން ދިޔައީ ނިއުއާއި މާޒިޔާއެވެ. ލީގުގެ އެކެއް ދޭއްގައިވެސް 2014 ވަނަ އަހަރުގެ ނިޔަލަށް އޮތީ މިދެޓީމެވެ. ވިކްޓްރީ ބަލިކަށިވެފައި އޮތް ދަނޑުވަޅެއްގައި ކޯޗު އަލީ ސުޒޭން މާޒިޔާއާއި ހަވާލުވެ، ނިއުރޭޑިއަންޓަށް ޗެލެންޖްކުރުމަކީވެސް ދެޓީމްގެ ވާދަވެރިކަން ބޮޑުވި ސަބަބެކެވެ. އެކަން މާޒިޔާގެ އޮފިޝަލުންވެސް ޤަބޫލުކުރެއެވެ. ނިއުއާ އަބަދުވެސް ޗެލެންޖްކުރާ، އެކްލަބާ ދުވަހަކުވެސް ހަވާލުނުވާނެކަން އިއުލާންކޮށްފައިވާ ކޯޗެއް މާޒިޔާއާ ހަވާލުވުމުން ނިއުގެ ސަޕޯޓަރުންގެ ތެރޭގައިވެސް ވާދަވެރިކަން ބޮޑުވެ މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުތައް ޚާއްޞަވިއެވެ.
މިދިޔަ އަހަރު ނިއުއަށް މާޒިޔާގެ މައްޗަށް ކުރި ނުހޯދި، މިއަހަރު އަލުން ސްކޮޑް ވަރުގަދަވުމުން މާޒިޔާ މިއަހަރު ބަލިކުރަން ނިއުގެ ސަޕޯޓަރުންވެސް އިތުރަށް ބޭނުންވެއެވެ.
" އިމްރާންއާއި، އަޝްފާޤް މާޒިޔާއިން ދިޔަ ހިސާބުން އެކްލަބްގެ މެނޭޖްމަންޓުން ދެއްކި ވާހަކައަކީވެސް ވާދަވެރިކަން ބޮޑުވާނެ ސަބަބެއް. މިދިޔަ އަހަރު ނިއުއަށް މާޒިޔާ އަތުން މޮޅު ނުވެވުމަކީވެސް ވާދަވެރިކަން ބޮޑުވާ ސަބަބެއް. އޭގެކުރިން ދެޓީމްގެ ވާދަވެރިކަން ބޮޑުކޮށް އޮތް އިރު ނިއު ކުރި ހޯދާފައިވުމުން މާޒިޔާއިން މިއަހަރު އިތުރަށް މަސައްކަތްވެސް ކުރާނެކަމަށް ޤަބޫލުކުރެވެނީ " ދެޓީމްގެ ވާދަވެރިކަން ބޮޑަށް އޮތް އިރު ނިއު ހިންގުމުގައި މަސައްކަތްކުރެއްވި އޮފިޝަލަކު އޭނާގެ ހިޔާލު ފާޅުކުރިއެވެ.
img:http://s2.psmnews.mv/images/660x400/14860116085949.jpg|ނިއުރޭޑިއަންޓް ކޯޗު(ކ) އާއި އެސިސްޓެންޓް ކޯޗު ސަމްޕަތު: ފޮޓޯ- ނިއުރޭޑިއަންޓް
ދެޓީމްގެ އަމާޒު އެއް އަމާޒަކަށްވުމަކީވެސް ދެޓީމްގެ ވާދަވެރިކަން ބޮޑުވާނެ ސަބަބެކެވެ. ޔަޤީނުންވެސް ދެޓީމަށް އެއަމާޒަށް ވާޞިލެއް ނުވެވޭނެއެވެ. އެއަމާޒަށް ވާޞިލް ވެވޭނީ ކޮންމެވެސް އެއް ޓީމަކަށެވެ. ނުވަތަ ދެ ޓީމަށްވެސް އެއަމާޒު ހާޞިލް ނުވާނީއެވެ. އެއީ ސީޒަންގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރުމަށް ކަނޑައަޅާފައިވާ އަމާޒެވެ. މިހުރިހާ ސަބަބުތަކާއި، ވިކްޓްރީއާއި ވެލެންސިޔާ މިދިޔަ އަހަރުތަކުގައި ބަލިކޮށް ފެނުމުން ނިއުއާއި މާޒިޔާގެ ވާދަވެރިކަން ވަނީ އެތައް ގުނައެއް ބޮޑުވެފައެވެ.
ދެ ޓީމްގެ ހަޤީޤީ ވާދަވެރިކަން މިސީޒަންގައި ފެށިގެންދާނީ މާރޗް 20 ވަނަ ދުވަހު ހަވީރުއެވެ. މާލޭ ލީގުގައި މިދެޓީމް ވާދަކުރާ މެޗަކީ މިސީޒަންގައި މިދެޓީމް އެއް ޓީމް އަނެއް ޓީމާ ދެކޮޅަށް ކުޅޭ ފުރަތަމަ ވާދަވެރި މެޗެވެ. އެހިސާބަށްދާއިރު އަދި ދެޓީމަށްވެސް ކުރިއެރުންތަކެއް އައުމުގެ ފުރުޞަތު ބޮޑެވެ. އެހެންކަމުން އިއްޔެ ކުޅުނު ޕްރެކްޓިސް މެޗު 2-1 ން މާޒިޔާ ކާމިޔާބުކުރުމަކީ އަދި ދެޓީމްގެ ވާދަވެރިކަން މިސީޒަންގައި ވަޒަންކުރަން އޮތް ނަތީޖާއެއް ނޫނެވެ.