ތަޢުލީމީ ދާއިރާއިން މިއަދު ފެންނަމުން މިދާ ކާމިޔާބީއަކީ އެންމެން ގުޅިގެން އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ ނަތީޖާ ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ކ. އަތޮޅުގެ ސްކޫލުތަކަށް ހިންގެވި އެޑޮޕްޝަން ޕްރޮގްރާމް ނިންމެވުމުގެ ގޮތުން ހޮޓެލް ޖެންގައި ރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، އަމިއްލަ ގޮތްތައް ދޫކޮށް ގުޅިގެން އެއް އަމާޒަކަށް މަސައްކަތް ކޮށްފިނަމަ ރަނގަޅު ކާމިޔާބީތައް ލިބެމުން އަންނަކަން މިއަދު ސާބިތުވަމުން އެބަދާކަމަށެވެ. އަދި ސަރުކާރުގެ ތަޢުލީމީ ސިޔާސަތު ކަމަށްވާ އެއްވެސް ކުއްޖަކު ބާކީ ނުކުރާ ސިޔާސަތުގެ ދަށުން މިހާރު ފެންނަމުން މިދަނީ މުޅި ރަށުގެ އެންމެހާ ރައްޔިތުންވެސް މިކަމުގައި ބައިވެރިވަމުންދާތަންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިދިޔަ އަހަރު ބޭއްވި އޯލެވެލް އިމްތިހާނުން އާދަޔާ ޚިލާފު ރަނގަޅު ނަތީޖާއެއް ރާއްޖެއިން ޙާސިލް ކޮށްފައިވާކަން ފާހަގަކުރައްވާ އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވީ، މިދިޔަ އަހަރު ބޭއްވެވި އިމްތިހާންތަކުން ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ސްކޫލްތަކަކުންވެސް ކުރިއެރުންތައް ހޯދާފައިވާކަމަށެވެ.
"އެޑޮޕްޝަން ޕްރޮގްރާމުން އަޅުގަނޑުމެންނަށް ކުރެވުނު ކަމަކީ ވަކިވަކިން ސްކޫލްތައް ހުރި ގޮތާއި، އެސްކޫލްގައި އަޅުގަނޑުމެން ބަދަލުކުރަންވީ ކަންތައްތަކާއި، ކާމިޔާބު ހޯދަންޏާ އަޅުގަނޑުމެން ދާންވީ ދިމާ ވަރަށް ބޮޑަށް އަޅުގަނޑުމެން ފާހަގަކޮށްފަ ސައިންޓިފިކްކޮށް އެމަސައްކަތް ކުރެވުނުތަން. އަދި އަޅުގަނޑުމެން އެފެއްޓެވި މަސައްކަތުގައި ދެމި ތިއްބެވިކަން. އެއީ އެއްވެސް ހިސާބަކުން އުނދަގޫވެ ދަތިވެގެން ދޫނުކުރުމުގެ ނަތީޖާ މިރޭ އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ.،" އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ކ.އަތޮޅުގެ ރަށްރަށުގެ ސްކޫލްތަކުން މީގެ ކުރީ އަހަރުތަކުގައި ހޯދާފައިވާ ނަތީޖާތަކާއި މިދިޔަ އަހަރު ހޯދާފައިވާ ނަތީޖާތައް ދައްކުވައިދޭ ޕްރެޒެންޓޭޝަނެއް ވަނީ ހުށައަޅާފައެވެ. މިދިޔަ އަހަރު ބޭއްވި އިމްތިހާންތަކުން ކ.އަތޮޅުގެ ހުރިހާ ސްކޫލްތަކަކުންވެސް ވަނީ ކުރިއެރުން ހޯދާފައެވެ. މިރަސްމިއްޔާތުގައި ކ. އަތޮޅު ސްކޫލްތަކުން ހޯދި ކާމީޔާބީ ފާހަގަކޮށް އެސްކޫލްތަކަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހަނދާނީ ފިލާއެއް ދެއްވާފައެވެ.