ރާއްޖޭގެ ރަށްރަށުގައި ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ސަރުކާރުން މިވަގުތު އެންމެ ގިނައިން ހިންގަވަނީ މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮންޕެނީ އެމް.ޑަބްލިޔު.އެސް.ސީއާ ޙަވާލުކުރައްވައިގެނެވެ. އެކުންފުނިން ރާއްޖޭގެ އެކިހިސާބުގައި މިހާރުވެސް 30 މަޝްރޫޢުގެ މަސައްކަތްކުރަމުން އެބަގެންދެއެވެ. މީގެތެރެއިން އެންމެ ބޮޑެތި މަޝްރޫޢުތަކަކީ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކެވެ.
އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، އެކުންފުނީގެ އަމާޒަކީ ކަނޑައެޅިފައިވާ މުއްދަތަށް ރަނގަޅު ފެންވަރުގައި މަސައްކަތް ނިންމުންކަމަށެވެ.
"މިވަގުތު ފަސް ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރެވެމުން އެބަދޭ. އަދި އޭގެއިތުރުން މިދިޔަ އަހަރުގެތޭގައި އަޅުގަނޑުމެންނާ ހަވާލުކުރި 5 ޕްރޮޖެކްޓެއް އަޅުގަނޑުމެން ނިންމައިފިން. މިއަހަރުގެ ތެރޭގައި 15 ޕްރޮޖެކްޓެއް ނިންމުމުގެ އަޒުމްގައި އަޅުގަނޑުމެން ފަށައިގެން މި ދަނީ." ފަޒުލް ވިދާޅުވިއެވެ.
img:http://s1.psmnews.mv/images/660x400/14850954070192.jpg|އެމް.ޑަބްލިޔު.އެސް.ސީ ސޮލިއުޝަންސް ޕޭޖް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވާހަކަފުޅުދައްކަވަނީ
ފަޒުލް ރަޝީދު ވިދާޅުވީ، ރަށްރަށުގައި މަސައްކަތް ކުރާއިރު ދިމާވާ ދަތިތައް ޙައްލުކުރުމަށްޓަކައި އެކުންފުންޏާ މަޝްވަރާކުރުމުން އެ ދަތިތަކަށް ޙައްލު ހޯދޭނެކަމަށެވެ.
"މަގު ކޮންނަމުންދާއިރު އުނދަގޫވާނެ. ނޫނީ މަގު ކޮންނަމުންދާއިރު ކޭބަލެއްވެސް ކަނޑައިގެން ހިނގައިދާނެ. އެކަމަކު މިއިން ކޮންމެ ކަމަކުން ފަހުވަގުތު ތިބޭފުޅުންނަށް ފައިދާ ލިބިގެން އެބަދޭ. އަޅުގަނޑު އިސްވެ ތިބޭފުޅުންގެ ކިބައިން މާފަށް އެދެން. އެކަހަލަ ކަމެއް ދިމާވެއްޖެ ނަމަ އަޅުގަނޑު ދަންނަވާލަން ބޭނުމީ އަޅުގަނޑުމެންގެ ޕްރޮޖެކްޓް ނިމޭއިރު ތިބޭފުޅުންނަން ދިމާވި ނުވަތަ ދިމާވެދާނެ މައްސަލަތައް އަޅުގަނޑުމެން ޙައްލުކޮށްދޭނަމޭ." ފަޒުލް ވިދާޅުވިއެވެ.
އެމް.ޑަބްލިޔު.އެސް.ސީން ރަށްރަށުގައި މަޝްރޫޢުތައް ހިންގާއިރު އެކުންފުނީގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން ރަށްރަށުގެ ރައްޔިތުން އެދޭ ކަންތައް ކޮށްދޭކަން ފަޒުލް ވިދާޅުވިއެވެ. މީގެތެރޭގައި މަގުހެދުމާއި ފުޓްބޯޅަދަނޑު މަރާމަތުކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.