ސުވާލު އުފެދޭ މަރުތައް ހިމެނޭ މައްސަލަތަކުގައި މަރުވި ސަބަބު ދެނެގަތުމަށް ފޮރެންސިކް ޕެތެލޮޖީގެ ޚިދުމަތް ރާއްޖޭގައި ޤާއިމްކުރުމަށް މަޝްވަރާކުރައްވައިފިއެވެ.
ފުލުހުން ވިދާޅުވީ ފޮރެންސިކް ޕެތޮލޮޖީގެ ޚިދުމަތް ރާއްޖޭގައި ފެށިއްޖެނަމަ ގޮތް ނޭނގޭ މަރު ނުވަތަ ސުވާލު އުފެދޭ މަރުތައް ހިމެނޭ މައްސަލަތަކުގައި މަރުވި ސަބަބު ދެނެގަތުމުގައި ފަސޭހަތަކެއް ވެގެންދިޔުމުގެ އިތުރުން މިފަދަ މައްސަލަތައް ތަހުޤީޤުތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ. އަދި މެޑިކޯ-ލީގަލްގެ ޚިދުމަތް މިހާރަށްވުރެ ބޮޑަށް ތަރައްޤީވުމަށް މަގުފަހިވެގެންދާނެކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
އިސްކަންދަރު ބިލްޑިންގައި އިއްޔެ ބޭއްވެވި ބައްދަލުވުމުގައި ފޮރެންސިކް ޕެތެލޮޖީގެ ޚިދުމަތް ރާއްޖޭގައި ޤާއިމްކުރުމާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސަސްއާއި އާސަންދަ ކޮމްޕެނީ ލިމިޓެޑް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މިބައްދަލުވުމުގައި ރާއްޖޭގައި ފޮރެންސިކް ޕެތެލޮޖީގެ ޚިދުމަތް ޤާއިމްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ހުޅުމާލެ ހޮސްޕިޓަލުގެ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ޕެތޮލޮޖީގެ ހިދުމަތް ގާއިމް ކުރުމަށް ބޭނުންވާ ޖާގަ ހަމަޖެއްސުމާއި މިފަދަ މުހިންމު ހިދުމަތެއް ގާއިމްވެގެން އަންނައިރު ބޭނުންވާނެ އެހެނިހެން އެހީތެރިކަން ހުޅުމާލެ ހޮސްޕިޓަލުގެ ފަރާތުން ހޯދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ފުލުހުން ވިދާޅުވެއެވެ.
މި ބައްދަލުވުމުގައި ހުޅުމާލެ ހޮސްޕިޓަލުގައި ފޮރެންސިކް ޕެތެލޮޖީގެ ޚިދުމަތް ޤާއިމްކުރުމަށްޓަކައި ބޭނުންވާ ޖާގައިގެ ދަތިކަން ހުރުމާއެކު އެކަމާ ގުޅޭގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެކު މަޝްވަރާކުރުމަށް ނިންމެވިއެވެ. އަދި މިޚިދުމަތް ފެށުމަށް ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެ ބާރަށް ކުރިއަށް ގެންދިޔުމަށްޓަކައި ފުލުހުންނާއި އާސަންދަ ކޮމްޕެނީ ލިމިޓެޑް އަދި މިނިސްޓްރީ އޮފް ހެލްތު ގުޅިގެން މަސައްކަތްތަކެއް ކުރުމަށްވެސް ނިންމެވިކަމަށް ފުލުހުން ވިދާޅުވެއެވެ.