ޚަބަރު

އިންތިޚާބުގައި ވާދަކުރުމަށް ދެއްވި މުއްދަތު އިތުރުކުރައްވައިފި


އޭޕްރީލްމަހުގެ 15 ވަނަ ދުވަހު ބޭއްވެވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގައި ވާދަކުރުމަށް ދެއްވާފައިވާ މުއްދަތު މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ. 

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިބަދަލު ގެންނަން ނިންމެވީ އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުގެ ޝަރުތުތަކަށް ބަދަލު ގެންނަވާ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގެ ޤާނޫނަށް ގެންނެވި ބަދަލާ ގުޅިގެންކަމަށެވެ. އެގޮތުން ކުރިން ނަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ޝަރުތު ހަމަނުވެގެން ފޯމް ބާތިލުކޮށްފައިވާ ފަރާތްތައް ޤާނޫނަށް ގެންނެވި އިޞްލާޙުގެ ދަށުން ޝަރުތު ހަމަވާނަމަ އަލުން ފޯމް ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިހާތަނަށް ކެންޑިޑެސީ ޤަބޫލުކޮށްފައިވާ ފަރާތްތަކުގެ ކެންޑިޑެސީއަށް އެއްވެސް ބަދަލެއް ނާންނާނެކަމަށެވެ. 

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރަސްމީ ދުވަސްތަކުގެ ހެނދުނު 8:00 އިން ހަވީރު 3:00 އަށް ފޯމް ބަލައިގަތުން ކުރިއަށްދާނެކަމަށެވެ. އަދި ރަސްމީ ބަންދުދުވަސްތަކުގައިވެސް ހެނދުނު 9:00 އިން ހަވީރު 3:00 އަށް ފޯމް ބަލައިގަތުން ކުރިއަށްދާއިރު، ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ހަވީރު 5:00 އަށް ފޯމް ބަލައިގަތުން ކުރިއަށްދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.