ޑައިވްކުރަން ފޭބިފަހުން ޚަބަރެއް ނުވެގެން ހޯދަމުންދާ ޖައިލަމްވީ ކަނޑުއަޑީގައިކަމަށް ބެލެވޭކަމަށާއި، އޭނާ ފެންނަންދެން އޮޕަރޭޝަން ހުއްޓާނުލައްވައި ކުރިއަށްގެންދަވާނެ ކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއްޖެއެވެ.
މިމަހުގެ 16 ވަނަ ދުވަހު ހުއިފިލަނޑާ ނަގަން، އދ. ހުރުއެޅިއާއި، ހުކުރުދޫއާ ދޭތެރޭގައި އޮންނަ ފަޅަކަށް ޑައިވިންއަށް ފޭބި ށ. ޅައިމަގު އެވަރެސްޓް، އަޙްމަދު ޖައިލަމް ހޯދުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހުން ހިންގަވާ އޮޕަރޭޝަނުގައި މިހާތަނަށް 1000 އަކަ ނޯޓިކަލް މޭލު ވަނީ ބައްލަވާފައެވެ. ޖައިލަމް ގެއްލުމާ ގުޅިގެން އޭނާގެ ޢާއިލާއަށާއި، ދިވެހި ބޮޑު ކޮމިއުނިޓީއަކަށް އެކަމުގެ ނުތަނަވަސްކަން ވެރިވެފައިވާތީ މިކަމަށް ވަރަށް މުހިއްމު އިސްކަމެއް ދެއްވައިގެން ސިފައިން ގެންދަވަނީ ވައިގެ މަގުންނާއި، ކަނޑު މަގުންނާއި، ޑައިވްކޮށްގެންވެސް ކަނޑުގެ އަޑިންވެސް އޭނާ ފެނޭތޯ ހުއްޓުމެއް ނެތި މަސައްކަތް ކުރައްވަމުންނެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ކޯސްޓްގާރޑް ބިލްޑިންގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯސްޓްގާރޑްގެ ސަރޗް އެންޑް ރެސްކިއު މިޝަނުން ވިދާޅުވީ، އަޙްމަދު ޖައިލަމް ހޯދުމުގެ މަސައްކަތް ކުރައްވަނީ ޙާދިސާތަކުގައި ގެއްލޭ މީހުންގެ ފުރާނަ ސަލާމަތްކުރެއްވުމަށް ކުރައްވާ މަސައްކަތުގެ ދަށުން ސިފައިންގެ ލީޑަރޝިޕުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވައިގެން ކަމަށެވެ.
ޖައިލަމް ހޯދުމުގެ މަސައްކަތުގެ އިސް މޭސްތިރިއެއްގެ ގޮތުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ، ކޯސްޓްގާރޑްގެ ޕްރިންސިޕަލް ޑައިރެކްޓަރ އަދި، ސަރޗް އެންޑް ރެސްކިއު މިޝަންގެ ކޯޑިނޭޓަރ ލެފްޓިނަންޓް ކާރނަލް މުޙައްމަދު ސަލީމް ވިދާޅުވީ، އަޙްމަދު ޖައިލަމްގެ ޚަބަރެއް ނުވެގެން ހޯއްދަވަން ފެށްޓެވީ، ހުއިފިލަނޑާ ނެގުމައްޓަކައި މިމަހުގެ 16 ވަނަ ދުވަހު އިތުރު ދެމީހަކާއެކު ޖައިލަމް ކުރި 3 ވަނަ ޑައިވަށްފަހު ކަމަށެވެ. އަދި އެޑައިވަށް ދިޔައީ 45 މިނެޓަށް ނަމަވެސް އޭގެ ފަހުން އޭނާގެ ޚަބަރެއް ނުވެގެން ރިޕޯޓްކުރި ކަމަށެވެ. ޖައިލަމް ޑައިވަށްފަހު މައްޗަށް ނާރާކަމަށް އޭނާގެ ދެ އެކުވެރިންނަށްވެސް ވަރަށް ބޮޑަށް ޔަޤީން ކުރެވިފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ. މިގޮތަށް އަޑިއަށް ދާ މީހަކު މަދުވެގެން 48 ގަޑިއިރު ތެރޭގައި މައްޗަށް އަރާނެކަމަށް ނުވަތަ ނާރާ އޮތުމުގެ ފުރުޞަތު އޮންނަ ކަމަށް ސަލީމް ވިދާޅުވިއެވެ. އެހެންކަމުން ވައިގެ މަގުންނާއި، ކަނޑުމަގުން، އަދި ޑައިވްކޮށްގެންވެސް އެ ސަރަޙައްދު ބެއްލެވި ބެއްލެވުމުން، ޖައިލަމް ފެނިފައިނުވާތީ، އަދިވެސް ޖައިލަމް ވާނީ ކަނޑު އަޑީގައިކަމަށް ބެލެވޭކަމަށް ސަލީމް ވިދާޅުވިއެވެ.
"އަޑީގައި ސީދާ ވާނެއެކޭ ނޫނީ މަތީގައި ވާނެއެކޭ ދަންނަވަން ނޭންގޭތީ، ހަމަ ދެބައިވެސް އެގޮތަށް ކުރިއަށްމިގެންދަނީ، އެހެންވީމަ ބޮޑު އޭރިއާއެއް މިހާރު ވަނީ ބެލިފައި. އާންމުގޮތެއްގައި ދިމާވެފައި ހުރި އިންސިޑެންޓްތަކުގައި ސަރފޭސްވާން ވަގުތުކޮޅެއް ނަގާ. ދެން ބީސީޑީ އެއް އޮތުމާއި، އޭގެ އިތުރުން ޑައިވް އިކުއިޕްމަންޓް އަޅައިގެން ހުރީމަ ސީދާ ސަރފޭސްވާނެ ވަގުތު ކަނޑައެޅުމަކީވެސް ދަތިކަމެއް އެހެން ނަމަވެސް 48 ނޫނީ 72 ގަޑި އިރުތެރޭގައިވެސް ސަރފޭސް ވެދާނެކަމަށް ބަލާފައި އަޅުގަނޑުމެން ބޮޑީ ސާޗްކުރުމުގެ މަސައްކަތް މިކުރަނީ." ސަލީމް ވިދާޅުވިއެވެ.
ޖައިލަމް ހޯއްދެވުމަށް އދ. އަތޮޅުގެ ބައެއް ރިޒޯޓްތަކާއި އެސަރަޙައްދުން ދަތުރުކުރާ މަސްދޯނިފަހަރުގައި އެދިވަޑައިގެން އެފަރާތްތަކުންވެސް އެމަސައްކަތް ކުރެއްވި ކަމަށާއި، އެމް.އެން.ޑީ.އެފްގެ ފާސްޓް އިންޓަސެޕްޓްގެ އުޅަނދެއްގައި ދުވާލާއި ރޭގަނޑުވެސް ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ. އަދި ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން އިންޓަރނޭޝަނަލް ފަރާތްތަކުގެ ސަމާލުކަމަށްވެސް މިކަން ގެންނަވާފައިވާ ކަމަށް ކޯސްޓްގާރޑުން ވިދާޅުވެއެވެ. ސަރޗް އެންޑް ރެސްކިއުގައި 100 ޕަސެންޓް މަސައްކަތް ކުރިއަސް ކާމިޔާބުވާނީ 73 ވަރަކަށް ޕަސެންޓްކަމުން އަދިވެސް ޖައިލަމް ހޯދުމަށް ހުއްޓައިނުލައްވައި ކުރައްވަމުން ގެންދަވާ ކަމަށް ލެފްޓިނަންޓް ކާރނަލް މުޙައްމަދު ސަލީމް ވިދާޅުވިއެވެ.
"ކައިރިން ދަތުރުކުރާ ރާއްޖޭގެ އުޅަނދުތަކާއި ބޭރުގެ އުޅަނދުފަހަރަށްވެސް މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ބަލަންޖެހޭ ބެލުންތައް ބަލަމުންދާނީ. އެކަމުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ކޯސްޓްގާޑަށް އަންގަމުންދާނެ. އޭގެ އިތުރުން، މިހާރުވެސް އަޅުގަނޑުމެންގެ އުޅަނދަކާއި، ޑައިވިންގ ޓީމުތަކުން ޖައިލަމް ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް އެބަގެންދޭ." ސަލީމް ވިދާޅުވިއެވެ.
ފަހަކަށް އައިސް ރާއްޖޭގެ ޑައިވަރުން، ޑައިވިންކުރުމުގައި އޮންނަންޖެހޭ މިންގަނޑުތަކާއި ޚިލާފަށް އެއަށްވުރެ އިތުރަށްވެސް ޑައިވިންގ ކުރާކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ދިވެހި ޒުވާނުންނަށް އެކަމުގެ ނޭދެވޭ އަސަރުކޮށް ބައެއް ފަހަރު ފުރާނައަށްވެސް ނުރައްކާވާ ހިސާބަށް ކަންކަން ގޮސްފައިވެއެވެ. އެންމެ ޕްރޮފެޝަނަލް ޑައިވްކުރާމީހަކަށްވެސް ރޭގަނޑުގެ ޑައިވަކާއެކު އެއްދުވަހު ކުރެވޭނީ 3 ޑައިވްނަމަވެސް އެންމެ އެކަށީގެންވާގޮތުގައި މިކަންކަން ކުރެއްވުމަށް އެމް.އެން.ޑީއެފުންވެސް އިލްތިމާސްކުރައްވައެވެ.