ދެކުނުގެ އަތޮޅުތަކުން ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބެންޖެހޭ 1.9 މިލިއަން ރުފިޔާ މިހާތަނަށް ދައުލަތަށް ލިބިފައިނުވާކަމަށް، އޮޑިޓް އޮފީހުން ހާމަކުރައްވައިފިއެވެ.
އެއޮފީހުން މިކަން ހާމަކުރައްވާފައިވަނީ، 2016 ވަނަ އަހަރު އޮޑިޓްކުރެއްވި ދެކުނުގެ ހަތަރު އަތޮޅުގެ ސާޅީސް އަށް އިދާރާއެއް ހިމެނޭހެން، ދެކުނު ސަރަޙައްދީ އޮފީހުގެ އަހަރީ ރިޕޯޓް ނެރުއްވުމަށް މިއަދު ބޭއްވި ރަސްމިޔާތުގައެވެ.
އޮޑިޓަރ ޖެނެރަލްގެ ދެކުނު ސަރަޙައްދީ އޮފީހަކީ ރާއްޖޭގެ އެންމެ ދެކުނުން އައްޑޫސިޓީއާއި، ފުވައްމުލައްސިޓީއާއި، ހުވަދު އަތޮޅު އުތުރުބުރިއާއި އެއަތޮޅު ދެކުނުބުރީގައިވާ ދައުލަތުގެ އިދާރާތަކާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މާލީ ދައިރާގެ ކަންކަން ހަރުދަނާކޮށް ޖަވާބުދާރީވުން އިތުރުކުރުމަށްޓަކައި މަސައްކަތްކުރެއްވުމެވެ.
img:http://s4.psmnews.mv/images/660x400/14884480753371.jpg|ދެކުނު ސަރަޙައްދީ އޮޑިޓް އޮފީހުގެ އަހަރީ ރިޕޯޓު އޮޑޓަރ ޖެނެރަލް ޙަސަން ޒިޔަތު ނެރެދެއްވަނީ - ފޮޓޯ: ޕީއެސްއެމް
ދެކުނުގެ 4 އަތޮޅުގެ 28 ރަށެއްގައިހުރި ސަރުކާރުގެ 155 މުއައްސަސާ ހުރެއެވެ. އޮޑިޓަރ ޖެނެރަލް އޮފީހުގެ ދެކުނު ސަރަޙައްދީ އޮފީހުން 2016 ވަނަ އަހަރު، 48 އިދާރާއެއް އޮޑިޓްކުރައްވާ ރިޕޯޓް ޢާންމުކުރައްވާފައިވެއެވެ. ދެކުނު ސަރަޙައްދީ އޮފީހުގެ އަހަރީ ރިޕޯޓް ނެރެދެއްވީ އޮޑޓަރ ޖެނެރަލް ޙަސަން ޒިޔަތެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، އޮޑިޓަރ ޖެނެރަލް ވިދާޅުވީ، ދެކުނު ސަރަޙައްދީ އޮފީހުން މިއަހަރު އެންމެ އިސްކަންދެއްވާނީ ދައުލަތުގެ ކުންފުނިތަކުން ދެކުނުގެ ހަތަރު އަތޮޅުގައި ޤާއިމްކޮށްފައިވާ ވިޔަފާރިތައް އޮޑިޓްކުރުމަށްކަމަށެވެ.
img:http://s2.psmnews.mv/images/660x400/14884481397727.jpg|ދެކުނު ސަރަޙައްދީ އޮޑިޓް އޮފީސް ހުންނަ ޢިމާރާތް - ފޮޓޯ: ޕީއެސްއެމް
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެސިސްޓަންޓް އޮޑިޓަރޖެނެރަލް ޙަސން ނިޔާޒު ވިދާޅުވީ، ދެކުނުގައި ކުރެވިފައިވާ އޮޑިޓް ރިޕޯޓްތަކުން ދައްކާގޮތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބެންޖެހޭ 1.9 މިލިއަން ރުފިޔާ މިހާތަނަށް ދައުލަތަށް ލިބިފައިނުވާކަމަށެވެ. އަދި ލޯކަލް ކައުންސިލްތަކަށް ބިމުކުއްޔާއި އެނޫންވެސް ކުލީގެ ގޮތުގައި ލިބެންޖެހޭ ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބިވާކަމަށެވެ. މި ފައިސާތަކަކީ ގިނަ ދުވަސްވުމުން ހޯދަން ދަތިވެފައިވާ ފައިސާތަކެއްކަމަށާއި، ނަމަވެސް އޮޑިޓް ރިޕޯޓްތަކުގައި އެފައިސާތައް ހޯދުމަށް އިލްތިމާސްކޮށްފައިވާނެކަމަސް ނިޔާޒު ވިދާޅުވިއެވެ.
މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ލޯކަލް ކައުންސިލްތަކެއް އޮޑިޓްކޮށް ނިންމާ ރިޕޯޓްތައް ޢާންމުކުރުމަކީ އަމާޒެއްކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން މަޢުލޫމާތުދެއްވައެވެ.