މުނިފޫހިފިލުވުން

ގަދަ 10 ބައިވެރިން ހޮވުމަށް އެސްއެމްއެސް ކުރަން ހުޅުވާލައިފި


މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ގާލާ ރައުންޑުގެ ދެވަނަ ޝޯވގައި ލަވަ ހުށައަޅައިދިން 11 ބައިވެރިންގެ ތެރެއިން ބެލުންތެރިންނަށް އެންމެ ކަމުދާ ބައިވެރިއަކަށް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ގާލާ ރައުންޑުގެ ދެވަނަ ޝޯވ މިރޭ ޓީ.ވީ.އެމުން ދައްކާފައިވާއިރު، މިރޭގެ ޝޯވގައި ގާލާ ރައުންޑަށް ދަތުރުކުރި ގަދަ 11 ބައިވެރިންގެ ފަރާތުން ހިތްގައިމު ރީތި ހުށައެޅުންތަކެއް ވަނީ ފެނިގެންގޮސްފައެވެ. އަދި ބައިވެރިންގެ ހުށައެޅުންތަކަށް ޖަޖުންގެ ފަރާތުން ކޮމެންޓް ކުރުންވެސް ކުރިއަށްދިޔައެވެ.

ގާލާއަށް ދަތުރުކުރި ގަދަ 11 ބައިވެރިންގެ ތެރެއިން ބެލުންތެރިންނަށް އެންމެކަމުދާ ބައިވެރިއަކަށް ވޯޓުލުމަށްޓަކާ އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު މާދަމާގެ މެންދުރުފަހު 3 ޖެހުމާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. ވޯޓުލުމަށްޓަކާ، MI ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކޮށްފައި، އެ ބައިވެރިއެއްގެ ނަން ޖެހުމަށްފަހު 303 އަކަށް އެސް.އެމް.އެސް ކުރެވޭނެއެވެ. ބެލުންތެރިން މި ޝޯވއަށް ފޮނުވާ ކޮންމެ އެސް.އެމް.އެސްއަކަށް 3 ރުފިޔާ ޗާޖްކުރާނެއެވެ. އަދި ކޮންމެ ނަންބަރަކުންވެސް އެންމެ ގިނަވެގެން ފޮނުވޭނީ 50 އެސް.އެމް.އެސްއެވެ.

މިރޭގެ ޝޯވގައި ޕަރފޯމްކުރި 11 ބައިވެރިންގެ ތެރެއިން ޖަޖުންގެ 50 އިންސައްތަ މާކްސް އަދި ބެލުންތެރިން 50 އިންސައްތަ ވޯޓާއެކު، އެންމެ ގިނަ ޕޮއިންޓް ލިބޭ ބައިވެރިން ހިމެނޭހެން ގާލާ ރައުންޑުގެ ތިންވަނަ ޝޯވއަށް ދަތުރުކުރާ ގަދަ 10 ބައިވެރިން ކަނޑައެޅުން އޮންނާނީ މާދަމާ ރޭ ބާއްވާ އެލިމިނޭޝަން ނައިޓުގައެވެ.