މުނިފޫހިފިލުވުން

އައިޑަލް ސީޒަން ދޭއްގެ ގަދަ 10 ޔަޤީންވެއްޖެ


މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ގަދަ 10 އަކަށް ދަތުރުކުރި ބައިވެރިން ޔަޤީންވެއްޖެއެވެ. 

މިފަހަރުގެ ސީޒަންގެ ގާލާ ރައުންޑުގެ 3 ވަނަ ޝޯވއަށް ދަތުރުކުރި ގަދަ 10 ބައިވެރިން އިޢުލާންކޮށްފައިވަނީ ޓީ.ވީ.އެމުން މިރޭ ގެނެސްދިން އެލިމިނޭޝަން ނައިޓުގައެވެ. މިރޭގެ ޝޯވއިން މޯލްޑިވިއަން އައިޑަލްއާ ވަކިވެގެން ދިޔައީ ޝަޒާ ޢަބްދުﷲ ރަޝީދެވެ.

img:http://s4.psmnews.mv/images/660x400/14892575735064.jpg|

ގާލާ ރައުންޑުގެ 3 ވަނަ ޝޯވއަށް ދަތުރު ކުރި ބައިވެރިންގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖަޖުންގެ 50 އިންސައްތަ މާކްސް އަދި ބެލުންތެރިންގެ 50 އިންސައްތަ ވޯޓު އެއްކޮށްލުމުން އެންމެ މަތިން ޕޮއިންޓް ލިބުނު 10 ބައިވެރިންނެވެ. 

ގަދަ 11 ބައިވެރިންނާއެކު ގާލާ ރައުންޑުގެ 2 ވަނަ ޝޯވ ރޭ ޓީ.ވީ.އެމުން ގެނެސްދީފައިވާއިރު، ރޭގެ ޝޯވްގައި ރާއްޖޭގެ މިއުޒިކީ އުދަރެހުން އިވިގެންދިޔަ މޮޅެތި ޅެންތައް ހިމެނޭ ލަވަތަކެއް ބައިވެރިންގެ ފަރާތުން ވަނީ ފެނިގެންގޮސްފައެވެ. އަންހެންކަނބަލުން ކުރައްވާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، ދިވެހި އަންހެންކަނބަލުން ހުށައަޅައިދީފައިވާ ލަވަތަކަށް މިރޭގެ ޝޯވ ޚާއްސަކޮށްފައިވާއިރު، މިރޭގެ ޝޯވގައިވެސް ބައިވެރިންގެ ފަރާތުން ރީތި ހިތްގައިމު ހުށައެޅުންތަކެއް ވަނީ ފެނިގެންގޮސްފައެވެ. މިރޭގެ ޝޯވގައި ގެސްޓް ޖަޖެއްގެގޮތުގައި ފެނިފައިވަނީ ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި 25 އަހަރަށްވުރެ ގިނަ އަހަރު ޚިދުމަތްކޮށްފައިވާ އަދި މިހާރުވެސް ޚިދުމަތްކުރަމުން އަންނަ ކުޅަދާނަ ލަވަކިޔުންތެރިޔާ ޝިފާ ތައުފީޤެވެ.

ގާލާ ރައުންޑާއެކު، ބައިވެރިންގެ މެދުގައިވެސް ވާދަވެރިކަން އިތުރުވާނެކަމަށް ބެލެވޭއިރު، ކޮންމެ ހަފްތާއެއްގެވެސް އޮންނަ އެލިމިނޭޝަން ނައިޓުން ބައިވެރިންގެ ތެރެއިން ކޮންމެވެސް އެއް ބައިވެރިއަކު އައިޑަލް ޝޯވއާ ވަކިވެގެންދާނެއެވެ. މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ގްރޭންޑް ފިނާލޭ އޮންނާނީ ފައިނަލަށް ދަތުރުކުރާ ގަދަ 3 ބައިވެރިންނާއެކުއެވެ.

ގަދަ 10 އަކަށް ހޮވުނު ބައިވެރިންނަކީ: 

- ޝަމްވީލް މުޙައްމަދު

- ޢިބްރާހީމް ވަޙީދު

- މުޙައްމަދު ތަސްނީމް

- މުޙައްމަދު ރީހާން

- އަޙްމަދު ނަބީލް މުޙައްމަދު

- ޙަމޫދު އަޙްމަދު

- ޙަސަން އިރުފާން

- އަޙްމަދު ފަރާޝް

- އައިޝަތު ޖައިޝާ ވަޙީދު

- ޢަބްދުﷲ ހިޝާން