ތަރައްްޤީ

5 ވަނަ ސެގްމަންޓް 21 ދުވަހުގެ ތެރޭގައި ނިމޭނެ- މިނިސްޓްރީ


މާލޭ މަގުތައް ރަނގަޅު ފެންވަރަކަށް ހެއްދެވުމަށްޓަކާ ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢުގެ ދަށުން މިހާރު ކުރިޔަށްދަނީ މަޖީދީމަގުގެ 5 ވަނަ ސެގްމެންޓްގެ މަސައްކަތެވެ. 5 ވަނަ ސެގްމަންޓްގެ މަސައްކަތް އެކާވީސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

މާލޭ ސިޓީ ރީ-ޑިވެލޮޕްކުރެއްވުމުގެ ޕްލޭންގެ ދަށުން ސަރުކާރުން ގެންދަވަނީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ. މި މަޝްރޫޢޫގެ ދަށުން، މާލޭގެ ހުރިހާ ބޮޑެތި މަގުތަކެއް ހިމެނޭހެން ޖުމްލަ ތޭރަ މަގެއް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މިހާރު އެންމެ ހަލުވިމިނެއްގައި ކުރިއަށް ގެންދަވަނީ މަޖީދީމަގު ތަރައްޤީކުރެއްވުމުގެ މަސައްކަތެވެ.

މަޖީދީމަގުގެ ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ވަކި ވަކި ސެގްމެންޓްތަކަކަށް ބަހާލައިގެނެވެ. އެގޮތުން ހަތަރު ސެގްމެންޓްގެ މަސައްކަތް ނިމި، މިހާރު ކުރިޔަށްދަނީ ފަސް ވަނަ ސެގްމެންޓްގެ މަސައްކަތެވެ.

5 ވަނަ ސެގްމެންޓްގެ މަސައްކަތް ކުރިޔަށްދާ ސަރަޙައްދަކީ ޗާންދަނީ މަގާއި މަޖީދީމަގު ގުޅުނު ހިސާބުން ފެށިގެން އަލިކިލެގެފާނު މަގާއި ހިސާބަށެވެ. މި ސެގްމެންޓްގެ މަސައްކަތް ގާތްގަނޑަކަށް 21 ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ހައުސިންގ މިނިސްޓްރީން މާލޭގެ މަގުތައް ހައްދަވަން ފަށްޓަވާފައިވަނީ ފަސޭހަކަމާއެކު މީހުންނަށް ހިނގާ ބިނގާވެ އުޅެވޭނެގޮތަށެވެ. އެގޮތުން މިހާރުވަނީ ދުވާރުގައި ޖާހާފައި ހުރި ގާތަށް ވެސް ބަދަލުކުރައްވާފައެވެ. އަދި ދުވާރާއި، މަގުތަކުގައި އަތުރާފައިވާ ގާތައް އާކޮށް، ނުކުޅެންދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭގޮތަށް ދުވާރުތައް ވަނީ ބަދަލުކުރައްވާފައެވެ. މި މަޝްރޫޢުގައި ހިމެނޭ 13 މަގުގެ މަސައްކަތް މުޅިން ނިންމަވާލެއްވުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވައި ވަނީ ދެހާސް އަށާރަވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހެވެ.