ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ޕާކްތަކަށް ބައެއް ފަރާތްތަކުން ގެއްލުންދޭކަމުގެ ޝަކުވާތައް ލިބެމުންދާކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ބުނެފިއެވެ.
ހުޅުމާލެ ޔޫތު ސިޓީ ގޮތުގައި ތަރައްޤީކުރެއްވުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން ކުޅިވަރާއި މުނިފޫހިފިލުވާނެ ނުވަތަ ސްޕޯޓްސް އެންޑް ރެކްރިޝިއޭޝަނަލް ޙަރަކާތްތައް ކުރިއަށް ގެންދެވޭނެ ވަޞީލަތްތައް ހުޅުމާލެގައި ޤާއިމްކުރެއްވުމަކީ ސަރުކާރުން އެންމެ އިސްކަން ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެވެ. އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން އުފާވެރި ވަގުތުތައް ހޭދަކުރެވޭނެ ފަދަ އިންތިޒާމް ހަމަޖެއްސެވުމުގެ ގޮތުން ޕާކްތައް ދަނީ ތަރައްޤީ ކުރައްވަމުންނެވެ. މިފަދަ ޕާކްތަކަކީ ސަރުކާރުން ބޮޑު ހޭދައެއް ކުރައްވައިގެން ހައްދަވާފައިވާ ތަންތަނެވެ. މިޕާކްތަކުގެ ބޭނުން ހުރިހާ ޢުމުރުފުރައިގެ މީހުން ކުރަމުންދެއެވެ. އެހެންނަމަވެސް މިޕާކްތަކަށް ގެއްލުންދޭކަމުގެ ޝަކުވާ ލިބެމުންދާކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ބުނެއެވެ. ޕީ.އެސް.އެމްއަށް މަޢުލޫމާތު ދެއްވަމުން އެޗް.ޑީ.ސީގެ ޑައިރެކްޓަރ ޕްލޭނިންގ އެންޑް ފިޒިކަލް ޑިވެލޮޕްމަންޓް އިސްމާޢީލް ޝާމް ރަޝީދު ވިދާޅުވީ އައުޓްޑޯ ޖިމް އޭރިޔާއާއި ސެންޓްރަލް ޕާކް ހުޅުވިއިރު ބައެއް ފަރާތްތަކުން އެތަންތަނަށް ގެއްލުން ދީފައިވާ ކަމަށެވެ. އަދި މި މައްސަލަ ޙައްލު ކުރުމަށްޓަކައި، ޕާކްތަކުގައި ސީ.ސީ.ޓީވީ ކެމެރާ ހަރުކޮށް، މޮނިޓަރކުރަމުން ގެންދާކަމަށް ޝާމް ވިދާޅުވިއެވެ.
"ޕާކުތެރޭގައި އުޅޭއިރު އަތުގައިޖެހޭ އެއްޗެހި، މިސާލަކަށް ލައިޓްޕޯލްސްތައް ނޫނީ އެތާ ހުންނަ ލެޑްލައިޓް ސްޓްރިޕްތައް ނޫނީ ވޯކްގައި ހުންނަ ލައިޓްތައް. އެކަހަލަ އެއްޗެއްސަށް ވަރަށް ބޮޑަށް ގެއްލުންދީފަހުރި އޭރުގައި. އައުޓްޑޯ ޖިމްއޭރިޔާގައިވެސް. އައުޓްޑޯ ޖިމް އޭރިޔާއަކީ ބޭފުޅުން ވަޑައިގެން ފިޒިކަލީ ބޭނުންކުރައްވާ އިކުއިޕްމަންޓްސް މި ހުންނަނީ (އެތާގައި). މި އެއްޗެހިތައްވެސް މިދެންނެވިހެން ބައެއް އެއްޗެހި އަޅުގަނޑުމެންނަށް ވަރަށްބޮޑަށް ފާހަގަކުރެވުނު ހުޅުވިތާ ކައިރީގައި. އެކަމު މިހާރު އެއްޗެހި ހަލާކު ކުރުން މަދުވެފައިވާކަން ފާހަގަކުރަން،" އެޗް.ޑީ.ސީގެ ޑައިރެކްޓަރ ޕްލޭނިންގ އެންޑް ފިޒިކަލް ޑިވެލޮޕްމަންޓް އިސްމާޢީލް ޝާމް ރަޝީދު ވިދާޅުވިއެވެ.
އެހެން ކަމުން މިފަދަ ތަންތަން ހަލާކު ނުކޮށް ބެހެއްޓުމަކީ ހުރިހާ އެންމެނަށް އޭގެ ފައިދާ ކުރާނެ ކަމެއްކަން ޔަޤީނެވެ.