ޚަބަރު

ކޮރެޔާއިން ޓެސްޓުކުރި މިސައިލެއް ވައިގެ ތެރެއަށް ގޮވައިފި


އުތުރު ކޮރެޔާއިން ޓެސްޓުކުރި މިސައިލެއް ވައިގެ ތެރެއަށް ގޮވައިފިއެވެ. 

އެމެރިކާއާއި ދެކުނު ކޮރެޔާގެ އަސްކަރިއްޔާއިން ހާމަކުރާ ގޮތުގައި، އުތުރު ކޮރެޔާގެ އިރުމަތީ އައްސޭރިފަށުގެ ހިސާބަކުން ޓެސްޓުކުރި މިސައިލް ވަނީ އުދުއްސާލިތާ އިރުކޮޅެއްގެ ތެރޭގައި ވައިގެ ތެރެއަށް ގޮވާފައެވެ. 

އުތުރު ކޮރެޔާގެ ދައުލަތުގެ މީޑިއާއިން މިކަމާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއްނުވެއެވެ. އުތުރު ކޮރެޔާއިން މިފަހަރު ޓެސްޓުކުރީ ކޮން ބާވަތެއްގެ މިސައިލެއްކަމެއް އަދި މިސައިލަށް ދިމާވީ ކޮން މައްސަލައެއްކަމެއް އެމެރިކާއާއި ދެކުނު ކޮރެޔާއިންވެސް އަދި ހާމަކޮށްފައެއްނުވެއެވެ. އެމެރިކާއިން ބުނީ އެކަމުގެ ތަފްސީލްތައް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށެވެ. 

އުތުރު ކޮރެޔާއިން މިމަހު ކުރީކޮޅުވެސް ހަތަރު މިސައިލެއް އެއްފަހަރާ ޓެސްޓްކުރިއެވެ. އަދި މީގެ ހަތަރު ދުވަސްކުރިން އެންމެފަހުގެ ރޮކެޓް އިންޖީނެއްވެސް އުތުރު ކޮރެޔާއިން ވަނީ ޓެސްޓްކޮށްފައެވެ. އުތުރު ކޮރެޔާއިން މިސައިލްތައް ޓެސްޓްކުރުމުގެ ހަރަކާތްތަކެއް ހިންގަމުން މިދަނީ އުތުރު ކޮރެޔާއާއި ވާދަވެރި ދެކުނު ކޮރެޔާއިން އެމެރިކާގެ އަސްކަރިއްޔާއާ ގުޅިގެން އަސްކަރީ ތަމްރީންތަކެއް މިމަހުގެ ފުރަތަމަ ދުވަހު ފަށާފައިވަނިކޮށެވެ. 

އުތުރު ކޮރެޔާއިން ސިފަކުރާ ގޮތުގައި އެމެރިކާއާއި ދެކުނު ކޮރެޔާއިން ހިންގާ ތަމްރީންތަކަކީ އެޤައުމަށް ބިރުދެއްކުމުގެ ގޮތުން ހިންގާ އަމަލުތަކެއްކަމަށެވެ.