ޤައުމީ ފުޓްބޯޅަ ޓީމްގެ މެނޭޖަރު ކަމަށް މުހައްމަދު އީސާ (މޯ) ހަމަޖައްސައިފިއެވެ. ޓީސީ ސްޕޯޓްސް ކްލަބްގެ މެނޭޖަރުކަން ކުރަމުން އަންނަ މުހައްމަދު އީސާ ޤައުމީ ޓީމްގެ މެނޭޖަރު ކަމަށް ހަމަޖެއްސިކަން އެފްއޭއެމްއިން އިޢުލާންކުރީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ފަލަސްތީން ވާދަކުރާ މެޗްގެ ކުރިން މިއަދު ބޭއްވި އެންމެ ފަހުގެ ފަރިތަކުރުންތަކުގައެވެ.
ބަންގްލަދޭޝްގައި ނިމިގެންސިޔަ ޝެއިޚް ކަމާލް އިންޓަރނޭޝަނަލް މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭގެ ޓީސީ ސްޕޯޓްސް ހޯދިއިރު އެތީމްގެ މެނޭޖަރަކަށް ހުރީ މުހައްމަދު އީސާއެވެ. މިއަދު ޕީއެސްއެމް ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި މުހައްމަދު އީސާ (މޯ) ބުނީ ޤައުމީ ޓީމާއެކު ކުރިއަށްދާއިރު މިއީ ބޮޑު ޗެލެންޖެއްކަމަށާއި އަދި އެއާއެކު ބޮޑު ޒިންމާއެއްވެސް ކަމަށެވެ. އަދި ބޭނުންވަނީ މި މުހިންމު މުބާރާތަށް ރާއްޖެ ކޮލިފައިކޮށްދީ ރާއްޖޭގެ ނަން ބޭރު ދުނިޔޭގައި ވިދާލަން ކަމަށް މޯ ބުންޏެވެ.
"މިއީ ވަރަށް ބޮޑު ޒިންމާއެއް، ވަރަށް ބޮޑު ޝަރަފެއް މިއީ ޤައުމީ ޓީމްގެ މެނޭޖަރު ކަމަށް ހަވާލުވުން. މުޅި ޓީމްގެ އެހީއާއެކު މިމެޗް އެކަންޏެއް ނޫން މުޅި ކޮލިފައިން ކާމިޔާބުކުރުން އުއްމީދަކީ" މިއަދު ޤައުމީ ޓީމްގެ މޭނޭޖަރުކަމަށް އައްޔަން ކުރި މުހައްމަދު އީސާ (މޯ) ބުންޏެވެ.