ޚަބަރު

ޤާނޫނު އަސާސީގެ ހުރުމަތް ކެނޑުމަކީ މާޢާފަށް އެދެންޖެހޭ ކަމެއް!


ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީންކަމާއި، ދިވެހިރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ޖާގަ ނޯންނާނެކަމާއި، ދިވެހިރާއްޖޭގެ ޤާނޫނުގެ އަސްލަކީ އިސްލާމް ދީންކަމަށް ބަޔާންކޮށް ކަނޑައަޅާފައިވަނީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައެވެ. އެހެންކަމުން ޤާނޫނުއަސާސީއަކީ ޤައުމީ ގޮތުން ޙުރުމަތްތެރި އެއްޗެކެވެ. ޤާނޫނުއަސާސީއަށް އިޙްތިރާމް ކުޑަކޮށްލުމަކީ ދިވެހި ދައުލަތާއި ރައްޔިތުންނަށް އިޙްތިރާމް ކުޑަކޮށްލުމެވެ.

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި މީގެ 800 އަހަރު ކުރިން އަޅުގަނޑުމެންގެ ކާބަފައިން ވަނީ ކަނޑައަޅާފައެވެ. އަދި މިއަދުގެ ޖީލަށް މިޤައުމު އިސްލާމް ކަންމަތީގައި ވާޞިލުކޮށްދިނުމަށް ޖާނާ ފުރާނައިން ޤުރުބާންވި އެތައް ދިވެހި ފަހުލަވާނުންތަކެއްގެ ވާހަކަ ތާރީޚްގެ ފަތްފުއްތަކުގައި ލިޔެވިފައިވެއެވެ. ދިވެހި ޤައުމާއި، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީންކަމުގައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ބޭރުގެ އެކި ފަރާތްތަކުން އެކި ފަހަރު މަތިން ކުރި މަސައްކަތް ކާބަފައިންގެ ޖާނާ ފުރާނަ ޤުރުބާންކޮށްގެން ވަނީ ނާކާމިޔާބު ކޮށްލާފައެވެ.

ބަވަނަވަމުންދާ މިއަދުގެ ދުނިޔޭގައި ބޭރުގެ ނުފޫޒުތަކާއި، ލާދީނީ ފިކުރުތަކުގެ ނުރައްކާތެރިކަމުން ރާއްޖެ ސަލާމަތްކޮށް، ދިވެހިރާއްޖޭގެ އިސްލާމީ ވަޙްދަތު ޙީމާޔަތްކޮށްދީ، ލާދީނީ އެކި ފިކުރުތަކުން އެއްކިބާވެގެންވާ މިނިވަން މުސްތަޤިއްލު ދައުލަތެއްކަމަށް ދިވެހިރާއްޖެ ކަނޑައަޅައިދެނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއެވެ.

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީންކަމަށާއި، އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރުކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި ދިވެހިރާއްޖޭގައި އިސްލާމް ދީނުގެ އަސްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެ ކަމަށާއި، އެފަދަ ޤާނޫނެއް ހެދިނަމަވެސް އެއީ ބާޠިލު އެއްޗެއްކަމަށް ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ވަނީ ކަނޑައަޅުއްވާފައެވެ.

ދިވެހިރާއްޖޭގެ ދީނީ ވަޙްދަތު ޙިމާޔަތްކޮށް، އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާކުރެވޭ ވެރިކަން ހިންގުމުގެ ނިޒާމެއް ރާއްޖޭގައި ކަށަވަރުކޮށްދޭ އެއްޗަކީވެސް ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޙްތިރާމް ކުޑަކޮށްލުމަކީ ދިވެހިދައުލަތާއި، ރައްޔިތުންނަށް އިޙްތިރާމް ކުޑަކޮށްލުމެވެ. ސިޔާސީ ގޮތުން ޚިޔާލު ތަފާތުވުމާއި، ސިޔާސީ ދެބަސްވުންތަކަކީ ދިވެހި ދައުލަތާއި، ރައްޔިތުންނަށް ކުރަންޖެހޭ އިޙްތިރާމް ކުޑަކުރުމަށް އޮތް އުޒުރެއް ނޫނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށައެޅުނު މައްސަލައިގައި، ހޯމަ ދުވަހު ގޮތެއް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އެހުމާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކުގެ މެދުގައި އުފެދުނު ޚިޔާލުތަފާތުވުންތަކުގައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިޙްތިޖާޖް ކުރިއަށްދިޔަ ވަގުތު ވަރަށް ހިތާމަވެރި، މަންޒަރެއް ފެނިގެންދިޔައެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ދަށުން އުފެދިފައިވާ، ޤާނޫނުހަދާ މަޖިލީހުގެ މެންބަރުކަމަށް ރައްޔިތުން އިންތިޚާބުކޮށްފައިވާ މެމްބަރަކު ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިހާނެތިކޮށް ހިއްތެވި މަންޒަރެވެ. އިޙްތިޖާޖް ކުރެއްވުމުގެ ނަމުގައި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ މައްޗަށް ކޮޅަށް އަރައި ޤާނޫނުއަސާސީ ނިކަމެތި ކޮށްލި މަންޒަރެވެ.

ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގައި، ޤާނޫނުއަސާސީ ނެގެހެއްޓުމުގެ ޒިންމާ ޙަވާލުކުރައްވައި، ރައްޔިތުން އިންތިޚާބު ކޮށްފައި ހުންނެވި މެންބަރަކު ކުރެއްވި އެޢަމަލަކީ ދިވެހި ދައުލަތާ ރައްޔިތުން ނިކަމެތިކޮށްލުން ފަދަ ކަމެކެވެ.

މިއީ ދިވެހިރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫނެވެ. ދިވެހި ރައްޔިތުންގެ ޙައްޤުތަކާއި، މިނިވަންކަމުގެ މައިގަނޑު އަސާސް، އަދި މުޅި ދައުލަތުގެ ސިޔާދަތު ދަމަހައްޓާ މައިގަނޑު ބާރުކަމުގައިވާ ޤާނޫނުއަސާސީ، ދިވެހި ދައުލަތުގެ ޤާނޫނުހަދާ މަޖިލީހުގައި ހުންނަވައި ނިކަމެތިކޮށްލި މީހަކު ދިވެހި ޤައުމާއި، ދިވެހި ރައްޔިތުންނާމެދު އޮންނާނެ އިޚްލާސްތެރިކަމާމެދު ސުވާލު އުފެދެއެވެ.

މިއީ ޑިމޮކްރަސީގެ ނަމުގައި ރައްޔިތުންނަށްކުރި މަލާމާތެކެވެ. ދިވެރި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ދިވެހި ދައުލަތުގެ ރަމްޒް ކަމުގައިވާ ދިވެހިރާއްޖޭގެ ދިދައާއި ޤައުމީ ނިޝާނަކީ ދިވެހިރައްޔިތުންގެ މިލްކިއްޔާތެވެ. ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ފެށިގެންއަންނަނީ، އަދި އެބާރުތައް ދެމި އޮންނާނީވެސް ދިވެހިރައްޔިތުންގެ އަތުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރެއްގެ މަޤާމުގައި ހުންނަވައި، ރައްޔިތުންގެ ކަރާމަތާއި، ޢިއްޒަތް ދަށްކޮށްލުމަށް ކުރި މިޢަމަލަށް ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވަން ޖެހެއެވެ.