18އަހަރުގެ އެމްބާއްޕޭ ހޯދުމަށް ރެއާލްމެޑްރިޑުން މަސައްކަތް ފަށައިފިއެވެ.
ފްރާންސްގެ މޮނާކޯއަށް ކުޅެމުން އަންނަ 18 އަހަރުގެ ކިލިއަން އެމްބާއްޕޭ އަކީ މިހާރު ޔޫރަޕްގެ ގިނަ ކްލަބްތަތަކުން ހޯދުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކުޅުންތެރިއެކެވެ. ޒުވާން އުމުރުގައި ފްރާންސްގެ ސީނިއާ ޓީމުން އެމްބާއްޕޭ ޖާގަ ހޯދިއިރު، އެންމެ ފަހުން ފްރާންސް ލަގްޒެމްބާގް އަތުން މޮޅުވި މެޗްގެ ދެވަނަ ހާފްގައި އެމްބާއްޕޭ ވަނީ ކުޅެން ނުކުމެފައެވެ. އެއާއެކު އޭނާ ވެގެންދިޔައީ 1951ވަނަ އަހަރުގެ ފަހުން ފްރާންސް ޓީމުން ޖާގަ ހޯދި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.
އެންމެ ކުޑައިރުން ފެށިގެންވެސް ކްރިސްޓިއާނޯ ރޮނާލްޑޯއަށް ސަޕޯޓް ކުރަމުން އަންނަ އެމްބާއްޕޭ ހޯދުމަށް މެޑްރިޑުން މަސައްކަތް ފެށިކަން ހާމަވީ ދާދި ފަހުން ރެއާލްމެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ދިން އިންޓަރވިއުއަކުންނެވެ. ޕެރޭޒް ބުނީ ކަރީމް ބެންޒެމާއާއެކު އެމްބާއްޕޭ ދާދި އަވަހަށް މެޑްރިޑުން ފެނުމަކީ ކައިރި ކަމެއް ކަމަށެވެ. އަނެއްކޮޅުން މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް ވެސް ވަނީ ދާދި ފަހުން އެމްބާއްޕޭގެ ކުޅުމަށް ތަޢުރީފްކޮށް ވާހަކަދައްކާފައެވެ. ރާމޯސް ބުނީ މެޑްރިޑުން އުފަލާއެކު އެމްބާއްޕޭއަށް މަރުހަބާ ކިޔާނެ ކަމަށެވެ.
މިސީޒަނުގައި މޮނާކޯއަށް އެންމެފަހުން ކުޅެދިން އެގާރަ މެޗުން އެގާރަ ގޯލް ކާމިޔާބުކޮށްދީފައިވާ ހުނަރުވެރި މިކުޅުންތެރިޔާއަކީ ފްރާންސްގައި އުފެދުނު އެންމެ މޮޅު އެއްފޯވާޑް ތިއެރީ އޮންރީއާ ދާދި އެއް ގޮތަކަށް ކުޅޭ ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ފަރާތްތަކަކުން ސިފަކުރެއެވެ. ތިއެރީ އޮންރީވެސް ވަނީ އެމްބާއްޕޭގެ ކުޅުމަށް ތަޢުރީފްކޮށް އޭނާއަކީ ތަފާތު ކޮލިޓީއެއް ހުރި ކުޅުންތެރިއެއް ކަމަށް ބުނެފައެވެ.
މެޑްރިޑާ ވާދަވެރި ބާސެލޯނާއިން ވެސް އަންނަނީ އެމްބާއްޕޭ ހޯދުމަށް މަސައްކަތްކުރަމުންނެވެ. ނަމަވެސް މޮނާކޯއިން އޭނާ ވިއްކުމާ ދޭތެރޭ އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން މޮނާކޯއިން އެމްބާއްޕޭ ވިއްކާނީ އަދި އިތުރު އެއް އަހަރަށް ފަހުއެވެ. އެމްބާއްޕޭގެ އަގު މިހާރުވެސް 70 މިލިއަން ޕައުންޑަށްވުރެ ބޮޑުވާނެ ކަމަށް ބެލެވޭއިރު އިތުރު އެއް އަހަރުފަހުން ވަރލްޑް ރިކޯޑް ފީއަކަށް އޭނާ ވިއްކާލެވޭނެ ކަމަށް މޮނާކޯއިން ޤަބޫލް ކުރެއެވެ.
ފްރާންސްގެ ޒުވާން ޓީމަށް މީގެ ކުރިން ކުޅެފައިވާ އެމްބާއްޕޭގެ ހުނަރު އެންމެ ބޮޑަށް ފެނިގެންދިޔައީ ޗެމްޕިއަންސް ލީގުގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް އެންމެ ފަހުން މޮނާކޯ ކުޅުނު ދެމެޗްގައެވެ.
މޮނާކޯގެ ކުޅުންތެރިޔާ ފަބީނިއޯ ދާދި ފަހުން ދިން އިންޓަރވިއެއްގައި ބުނީ އެމްބާއްޕޭ ދާދި އަވަހަށް ބާސެލޯނާ ނުވަތަ ރެއާލްމެޑްރިޑާ ގުޅޭނެ ކަމަށެވެ.