ދިވެހިރާއްޖޭގެ ޤައުމީ ނޫސް އޭޖެންސީ މިމަހުގެ ތެރޭގައި ލޯންޗް ކުރައްވާނެކަމަށް ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވެއްޖެއެވެ.
ޤައުމީ ނޫސް އޭޖެންސީއަށް ބޭނުންވާ މަލްޓިމީޑިއާ ޕޯޓަލް ޤާއިމުކުރެއްވުމާ ގުޅޭގޮތުން އާސަންދަ ކޮންޕެނީ ލިމިޓެޑާއެކު އެމް.އޯ.ޔޫއެއްގައި ސޮއިކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، ޤައުމީ ނޫސް އޭޖެންސީ ޤާއުމުކުރުމުގެ މަސައްކަތް ނިންމައި، މިމަހުގެ ތެރޭގައި އެއެޖެންސީ ލޯންޗްކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.
ދިވެހިރާއްޖޭގައި ޤައުމީ ނޫސް އޭޖެންސީއެއް ޤާއިމުކުރުމަކީ، ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނުގެ ދަށުން ޕީ.އެސް.އެމްގެ މައްޗަށް ލާޒިމުކޮށްފައިވާކަމެކެވެ. ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން ރާއްޖޭގެ ޚަބަރާއި މައުލޫމާތު ދުނިޔެއަށް ފެތުރުމަށްޓަކައި، އަދި ވިޔަފާރި އުސޫލުން އެފަދަ ބައެއް ޚަބަރާއި މައުލޫމާތު އެކި ފަރާތްތަކަށް ވިއްކުމަށްޓަކައި ރާއްޖޭގެ ޤައުމީ ނިއުސް އެޖެންސީއެއް އުފައްދަން ވާނެކަމަށެވެ.
ޕީ.އެސް.އެމުން ވަނީ ޤައުމީ ނޫސް އޭޖެންސީ އުފެއްދެވުމަށް ބައިނަލްއަޤްވާމީ އެކި ފަރާތްތަކާވެސް މަޝްވަރާކުރައްވާފައެވެ. އެގޮތުން އޭޝިއާ ވިޝަން ނޫސް އެކްސްޗޭންޖްގެ އިސްވެރިންނާ ބައްދަލުކުރައްވާ، ނޫސް އެޖެންސީ ވުޖޫދަށް ގެންނެވުމަށް ކުރައްވާ މަސައްތަކާގުޅޭގޮތުން ޕަބްލިކް ސަރވިސް މީޑިއާގެ އިސްވެރިން މަޝްވަރާކުރައްވާފައިވެއެވެ. މި މަޝްވަރާތަކުގައި އޭޝިއާ ވިޝަންގައި ހިމެނޭ 32 ޤައުމުގެ ކޮންޓެންޓް ރައިޓާއެކު ޕީ.އެސް.އެމުން އުފައްދާ ނިއުސް އޭޖެންސީއާ ޙިއްޞާ ކުރުމަށް އޭވީއެނުން ވަނީ އެއްބަސްވެފައެވެ.