ކުޅިވަރު

ގިނަ ކުޅިވަރުތަކަކާއެކު ޔޫތު ގޭމްސް އަންނަ އަހަރު ބާއްވަނީ


އަންނަ އަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން ޤައުމީ ޔޫތު ގޭމްސްއެއް ބޭއްވުމަށް ނިންމައިފިއެވެ.

ޒުވާނުންނަށް އަމާޒުކޮށްގެން މިހާތަނަށް ބާއްވާ އެންމެ ބޮޑު ކުޅިވަރު ގޭމްސް އަންނަ އަހަރު ބާއްވާނެކަން އިޢުލާންކޮށްދެއްވީ ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމްއެވެ. މިއަދު އޮލިމްޕިކް ކޮމިޓީ ޖެނެރަލް އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ އޮލިމްޕިކް ކޮމިޓީއާ ގުޅިގެން އަންނަ އަހަރު ޔޫތު ގޭމްސް ބާއްވާނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކަމަށާއި މިއީ ބައިނަލްއަޤްވާމީ މުބާރާތްތަކަށް ތައްޔާރުވުމަށް އެތުލީޓުންނަށް ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި މިގޭމްސްގެ ސަބަބުން ބައިނަލްއަޤްވާމީ ގޭމްސްތައް ރާއްޖޭގައި ބޭއްވުމަށް ފުރުސަތު ބޮޑު ވެގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މިގޭމްސް ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ނުބާއްވާވަރުގެ ބޮޑު އަދި ގިނަ ކުޅިވަރުތަކެއް ބައިވެރިވެގެން ބާއްވާ މިފަދަ ފުރަތަމަ ކުޅުވަރު މުބާރާތައް" މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވިއެވެ.



ރާއްޖޭގައި މިހާތަނަށް ބައިނަލްއަޤްވާމީ ކުޅިވަރު ގޭމްސްއެއް ބޭއްވިފައިނުވާއިރު ވަކިވަކި ކުޅިވަރުތަކުން ފަހަކަށް އައިސް އަންނަނީ ބައިނަލްއަޤްވާމީ މުބާރާތްތައް ރާއްޖޭގައި ބާއްވަމުންނެވެ. ގޭމްސްއެއް ބޭއްވުމަށް ގިނަ ވަސީލަތްތަކެއް ބޭނުންވާއިރު 2019ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށްވެސް މީގެ ކުރިން ރާއްޖެއިންވަނީ ޝައުޤުވެރިކަން ފާޅުކޮށްފައެވެ. ނަމަވެސް ބޭނުންވާ ވަސީލަތްތައް ޤާއީމްކޮށްފައި ނެތުމުން އެފުރުސަތު ވަނީ ގެއްލިފައެވެ. 

img:http://s3.psmnews.mv/images/660x400/14916409056384.jpg|މިއަދު ބޭއްވީ އެމްއޯސީ ޖެނެރަލް އެސެމްބްލީގެ ތެރެއިން - ފޮޓޯ ޕީއެސްއެމް

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫޤު ވިދާޅުވީ ޤައުމީ ޔޫތު ގޭމްސްއެއް ރާއްޖޭގައި ބޭއްވުމާއެކު ބައިނަލްއަޤްވާމީ ގޭމްސްތައް ބޭއްވުމަށް ރާއްޖެއަށް ގިނަ ފުރުސަތުތަކެއް ލިބޭނެ ކަމަށާއި، މިއީ ރާއްޖޭގެ ކުޅިވަރު އެހެން ހިސާބަކަށް ގެންދިއުމަށް ހުޅުވޭ ދޮރެއް ކަމަށެވެ. 2023ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، ރާއްޖޭގައި ބޭއްވޭ ޔޫތު ގޭމްސްއަށްފަހު ރާއްޖެއިން 2023ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް މަސައްކަތް ކުރާނެ ކަމަށް މަރުޒޫޤު ވިދާޅުވިއެވެ.

"މިއީ ރާއްޖެއަށް މިހާރު އެންމެ ބޭނުންވާ ކަންތައް. މިގޭމްސްއާއެކު ވަސީލަތްތައް ޤާއިމްވާނެ. ޚާއްސަކޮށް މުޅި ރާއްޖެއިން ހުނަރު ފެނިގެން ދިއުމަކީ ޤައުމީ ޓީމްތަކަށް އަންނާނެ ބޮޑު ކުރިއެރުމެއް" މަރުޒޫޤު ވިދާޅުވިއެވެ.

އޮލިމްޕިކް ކޮމިޓީއާ ޔޫތު މިނިސްޓްރީ ގުޅިގެން ބޭއްވުމަށް ނިންމި ޤައުމީ ޔޫތު ގޭމްސް އަންނަ އަހަރު ބޭއްވުމަށް މިހާރުވެސް މަސައްކަތް ފަށާފައިވާ ކަމަށާއި މަސައްކަތްތައް ރޭވުމަށް ތަޖުރިބާކާރު ޓީމެއް ވަރަށް އަވަހަށް ނަގާނެ  ކަމަށްވެސް މަރުޒޫޤު ވިދާޅުވިއެވެ.