ޚަބަރު

އަދަބީ ޢީދެއްގެ ގޮތުގައި ދިވެހިބަހުގެ ދުވަސް ފާހަގަކުރަނީ


މިއަހަރުގެ ދިވެހިބަހުގެ ދުވަސް އަދަބީ ޢީދެއްގެ ގޮތުގައި ކުލަގަދަކޮށް ފާހަގަކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ދިވެހިބަހުގެ އެކަޑަމީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ، ދިވެހި ބަހުގެ ދުވަހުގެގޮތުގައި ފާހަގަކުރާ އޭޕްރީލް 14ވަނަ ދުވަސް މިފަހަރު ބަންދު ދުވަހަކާ ދިމާވާތީ، ސަރުކާރު އޮފީސްތަކުގައި މި ދުވަސް ފާހަގަކުރެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 ވާ ބުރާސްފަތި ދުވަހުގައިކަމަށެވެ.

ދިވެހިބަހުގެ ދުވަހާއި ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ސަރުކާރު އޮފީސްތަކަށް ހުޅުވާލައްވައިގެން ބާއްވަވާ ތާނަ އަތުލިޔުމުގެ މުބާރާތެއް ހިމެނެއެވެ. މި މުބާރާތުގައި ކޮންމެ އޮފީހަކުން ގިނަވެގެން 5 މުވައްޒަފުންނަށް ބައިވެރިވެވޭއިރު މުބާރާތުން ވަނަވަނައަށްދާ ފާރާތްތަކަށް ފައިސާގެ އިނާމު ދެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ. ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނަށް ހުޅުވާލައްވައިގެން ކުރުމުއްދަތުގެ ދިވެހި ބަހުގެ ކޯސްތަކެއް ހިންގެވުމަށް ހަމަޖެހިފައިވާކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ. މީގެއިތުރުން މާލޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ޚާއްޞަ ކުރައްވައިގެން އަދަބީ ޢީދުގެ ނަމުގައި އަބަދީ ބޮޑު ހަރަކާތެއް ހިންގެވުމަށް ހަމަޖެހިފައިވާކަން އަޝްރަފް ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/9810.jpg|ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ / ދިވެހިބަހުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ވަނީ ނިންމަވާފައި

"މަދަރުސާ ކުދިންގެ މެދުގައި މިހާރު މިހިރަ އަދަބީ ރޫޚުގެ މައްޗަށް ބަލާއިރު، އަޅުގަނޑުމެންނަށް ފެނުނީ ކޮންމެ އަހަރެއްގައިވެސް ރާއްޖޭގެ އަތޮޅެއްގައި ބާއްވާ ޢަދަބީ ޢީދުގޮތަށް މާލޭގައިވެސް މާލޭގެ ހުރިހާ މަދަރުސާތަކެއް ބައިވެރިކޮށްގެން ބާއްވާ އަދަބީ ހަރަކާތެއް އަދަބީ ޢީދުގެ ނަމުގައި ކުރިއަށްގެންދިއުމަށް. އެގޮތުން މިފަހަރުގެ ފުރަތަމަ ޢީދު މިފަށްޓަނީ ދިވެހި ބަހުގެ ދުވަހާއި ގުޅުވައިގެން މިމަހު 14 އަދި 15 މި ދެދުވަހުގެ ތެރޭގައި. އޭގެތެރޭގައި ޕްރީސްކޫލުން ފެށިގެންގޮސް މަތީ ސާނަވީއާއި ދެމެދުގެ ސްކޫލްތަކުގެ ކުދިންނަށް މި އަދަބީ ޢީދުގެ އެކިއެކި މުބާރާތްތަކުގައި ވާދަކޮށް ޢަދަބީ، ތާރީޚީ ކަންކަމުގެ ތެރޭގައި އުޅުމުގެ ފުރުޞަތު ފަހިވެގެންދާނެ" އަޝްރަފް ވިދާޅުވިއެވެ.

ދިވެހިބަހުގެ ދުވަހުގެ ހަރަކާތްތައް މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ހަފްތާއެއް ވަންދެން ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށް ދިވެހި ބަހުގެ އެކަޑަމީން ވިދާޅުވެއެވެ.