ޚަބަރު

ޕީއެސްއެމްއާއި އައިޔޫއެމް ގުޅިގެން ދީނީ ޕްރޮގްރާމްތައް އުފައްދަނީ


ޕަބްލިކް ސަރވިސް މީޑިއާގެ ޗެނަލްތަކުން ގެނެސްދޭ ދީނީ ކޮންޓެންޓް އިތުރުކޮށް، އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ދެފަރާތް ގުޅިގެން މަސައްކަތް ކުރުމަށް ޕަބްލިކް ސަރވިސް މީޑިއާއާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން އެއްބަސްވެއްޖެއެވެ. މިކަމާބެހޭ އެއްބަސްވުމުގައި ޕީ.އެސް.އެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ޚަލީލް، އަދި އިސްލާމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވި ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

ޕަބްލިކް ސަރވިސް މީޑިއާގެ ޓީވީ އަދި ރޭޑިއޯ ޗެނަލްތަކުން ގެނެސްދޭ ދީނީ ކޮންޓެންޓް އިތުރުކޮށް، އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ޕަބްލިކް ސަރވިސް މީޑިއާއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވަނީ މިކަމަށްޓަކައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ދިވެހިންގެ މެދުގައި ދީނީ އެއްބައިވަންތަކަން ޤާއިމުކޮށް، އިސްލާމީ ވަޙްދަތު އަށަގެންނެވުމުމަށް ޕީ.އެސް.އެމްގެ ޓީވީއެމާއި، ދިވެހިރާއްޖޭގެ އަޑު މުހިންމު ދައުރެއް އަދާކޮށްފައިވާކަމަށެވެ. ޕީ.އެސް.އެމާއި އިސްލާމީ ޔުނިވާސިޓީއާ ދެމެދު ގުޅުން ބަދަހިކޮށް އެއްބާރުލުން ދެއްވުމުގެ ރަސްމީ އެއްބަސްވުމެއް އެކުލަވާލެވުމާއެކު، ދީނީ އެކި ޕްރޮގްރާމްތައް އުފެއްދުމުގައި އިސްލާމީ ޔުނިވާސިޓީގެ ޢިލްމުވެރިންގެ ފަންނީ އެހީ ކުރިއަށްވުރެ ބޮޑަށް ލިބިގެންދާނެކަމަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި.

"އިސްލާމިކް ޔުނިވާސިޓީއާ ޕީ.އެސް.އެމާ މި ދެމުވައްސަސާއަކީމީ ރާއްޖޭގެ އިސްލާމީ އެއްބައިވަންތަކަމުގެ 2 ފިޔަކަމަށް އަޅުގަނޑު މާނަކުރަން. އަދި މި ވޭތުވެދިޔަ ސާޅީހަކަށް އަހަރުގެ ތެރޭގައި ދިވެހިރައްޔިތުންގެ ހިތްތަކުގައި އިސްލާމް ދީނުގެ މަތިވެރި ނޫރު ދެމެހެއްޓުމަށްޓަކައި އެންމެ ބުރަ އެންމެ ބޮޑު މަސައްކަތެއްކުރި މުވައްސަސާއަކީ އެއީ ޕީ.އެސް.އެމްކަމުގައި އަޅުގަނޑު ދަންނަވަން" ޑރ. ޝަހީމް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕަބްލިކް ސަރވިސް މީޑީއާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ، ދިވެހިރާއްޖޭގައި ދީނީ އެއްބައިވަންތަކަން ވަރުގަދަކުރުމަށްޓަކައި، ޕީ.އެސް.އެމްގެ ޗެނަލްތަކުގެ ދީނީ ކޮންޓެންޓް އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާކަމަށެވެ. އެގޮތުން ދީނީ މަޢުލޫމާތު ގެނެސްދިނުމަށްޓަކައި ޕީ.އެސް.އެމުން އަލަށް ޤާއިމުކޮށްފައިވާ މުންނާރު ޓީވީއާއި، ދީނުގެ އަޑަކީ އިސްލާމް ދީނުގެ ރިވެތި އަޙްލާޤު ޢާންމުންނަށް ގެނެސްނިމުމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށާއި، އަދި މި ޗެނަލްތަކުގެ ކޮންޓެންޓް އިތުރަށް ހަރުދަނާކޮށް، ދީނީ މައުލޫމާތު ގެނެސްދޭ މައި ޗެނަލްތައްކަމުގައި އެޗެނަލްތައް ހައްދަވާނެކަމަށް ޚަލީލް ވިދާޅުވިއެވެ.

"އިރާދަކުރެއްވިޔާ މިޗެނަލްތަކަކީ ދިވެހި ރައްޔިތުންނަށް، ރާއްޖޭގެ ކުރިއަށްއޮތް ޖީލުތަކަށް ވަރަށް ގިނަގުނަ މަންފާކުރާނެ ޗެނަލްތަކަށްވެގެންދާނެ." ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްވަމުން ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަތީފް ވިދާޅުވީ، މި ރަމަޟާން މަހަކީ ޕީ.އެސް.އެމްގެ ޗެނަލްތަކުގެ ދީނީ ކޮންޓެންޓް އެތައް ގުނައެއް އިތުރުވެގެންދާނެ މަހަކަށްވާނެކަމަށެވެ. އަދި އިސްލާމީ ވަޙުދަތާއި އިސްލާމީ ޙަޟާރަތާއި ދީނީ އަދި ޤައުމީ ރޫޙު އާލާކުރުމުގެ މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ފަށްޓަވާފައިވާ ޤައުމީ މަޝްރޫޢު، ތަރިކައަށް އިޖާބަ ދިނުމުގެ ގޮތުން، ޕީ.އެސް.އެމުން ކާޓޫން ގެނެސްދިނުން ހުއްޓާލާފައިވާކަން ފާހަގަކުރައްވައި، ކާރޓޫނުގެ ބަދަލުގައި ކުޑަކުދިންގެ މެދުގައި ދީނީ ރޫޙް ޢާލާވާފަދަ އިތުރު ޕްރޮގްރާމްތައް ގެނެސްދޭނެކަމަށް އިކްރާމް ވިދާޅުވިއެވެ.

ޕީ.އެސް.އެމާއި އިސްލާމީ ޔުނިވާސިޓީއާއެކު ސޮއިކުރެވިފައިވަނީ 5 އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. މި އެއްބަސްވުމުގެ ދަށުން، ދީނީ އެކި އެކި ޕްރޮގްރާމްތައް ތައްޔާރުކޮށްދީ ހުށައެޅުމުގައި އިސްލާމީ ޔުނިވާސިޓީގެ ފަންނީ ޢިލްމުވެރިންގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ދެފަރާތް ގުޅިގެން ތަފާތު ސެމިނާތަކާއި ވޯކްޝޮޕްތައް ހިންގުމަށްވެސް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އިސްލާމީ ޔުނިވާސިޓީން ކުރިއަށްގެންދާ، ޢިލްމީ އެކި ޕްރޮގްރާމްތައް ޕީ.އެސް.އެމްގެ ޗެނަލްތަކުން ގެނެސްދިނުމަށްވެސް ހަމަޖެހިފައިވެއެވެ.