ކުޅިވަރު

ލަލީގާގައި ރޭ ބޮޑު ތިން ޓީމުވެސް ކުޅުނު މެޗުތަށް ކާމިޔާބުކޮށްފި


ސްޕެނިޝް ލަލީގާގައި ރޭ ބޮޑު ތިން ޓީމުވެސް ކުޅުނު މެޗުތަށް ކާމިޔާބުކޮށްފިއެވެ.

ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި އެތްލެޓިކޯ މެޑްރިޑް ލަލީގާއި ކުޅުނު މެޗުތައް ކާމިޔާބުކުރިއިރު މި ތިން ޓީމުވެސް ވަނީ ރޭގެ މެޗުގައި ތިން ލަނޑު ކާމިޔާބުކޮށްފައެވެ.

މިގޮތުން ރޭ ކުޅުނު ފުރަތަމަ މެޗުގައި ރެއާލް ސްޕޯޓިން ގިހޯންގެ މައްޗަށް ކުރި ހޯދީ ތިނެއް ދޭކުންނެވެ. މިމެޗުގައި ސްޕޯޓިން ވަނީ ދެފަހަރަށް ލީޑު ނަގާފައެވެ. އެހެންނަމަވެސް ދެފަހަރުވެސް މެޗުގެ ނަތީޖާ އެއްވަރު ކުރުމަށްފަހު މެޗުން މޮޅުވި ލަނޑު މެޗުގެ ނުވަދިހަ ވަނަ މިނެޓުގައި ރެއާލްއަށް ކާމިޔާބުކޮށްދިނީ އިސްކޯއެވެ. މިމެޗުގައި ރެއާލްގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިނީ އިސްކޯއެވެ. ރެއާލްގެ އަނެއް ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާއެވެ.

މިމެޗަށް ރެއާލް ނިކުތީ އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުގައި ކުޅުނު އެގާރަ ކުޅުންތެރިންގެ ތެރެއިން ނުވަ ކުޅުންތެރިން ނުލައެވެ. އެމެޗުގައި ފެށި ކުޅުންތެރިންގެ ތެރެއިން ރޭގެ މެޗުގައި ކުޅުނީ ކެޕްޓަން ރާމޯސް އާއި ނާޗޯ އެކަންޏެވެ.

ރޭ ލަލީގާގައި ބާސެލޯނާ ކުޅުނު މެޗުވެސް އެޓީމް ކާމިޔާބުކުރީ ތިނެއް ދޭއްގެ ނަތީޖާއަކުންނެވެ. ރެއާލް ސޮސިއެދާދް އާއި ބައްދަލުކުރި މިމެޗުގައި ބާސާގެ ފުރަތަމަ ދެލަނޑު ކާމިޔާބުކޮށްދިނީ މެސީ އަދި ތިންވަނަ ލަނޑު ޖަހައިދިނީ އަލްކަސާއެވެ.

އެތްލެޓިކޯ މެޑްރިޑާއި އޮސަސޫނާ ބައްދަލުކުރި މެޗު އެތްލެޓިކޯ ކާމިޔާބުކުރީ ތިނެއް ސުމަކުންނެވެ. މިމެޗުގައި އެތްލެޓިކޯގެ ލަނޑުތައް ޖަހައިދިނީ ކަރެސްކޯ އާއި ފޮލިޕޭ ލުއިސްއެވެ. ކަރަސްކޯ މިމެޗުގައި ދެލަނޑު ޖަހާފައިވާއި ހެޓްރިކް ހެދުމުގެ ފުރުސަތުވެސް އޭނާއަށް ލިބުނުވެ. އެހެންނަމަވެސް އޭނާ ފޮނުވާލި ޕެނަލްޓީ ވަނީ އޮސަސޫނާ ކީޕަރު މަތަކޮށްފައެވެ.

ސްޕެނިޝް ލީގުގައި އަމްމަ ހާފްތާގައި ކުޅޭ އެންމެ ވަރުގަދަ މެޗަކަށް ވެގެންދާނީ ބާސެލޯނާއާ ރެއާލްމެޑްރިޑްގެ ކުރިމަތިލުމެވެ.