ދުނިޔެ

ތުރުކީވިލާތުގެ ވެރިކަމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް!


ތުރުކީވިލާތުގެ ރައީސަށް ބޮޑެތި ބާރުތަކެއް ލިބޭގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހުތަކަށް ތުރުކީވިލާތުގެ ރައްޔިތުން ރުހުން ދީފިއެވެ.

ތުރުކީވިލާތުގައި ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ބަރުލަމާނީ ނިޒާމަކުން، ރިޔާސީ ނިޒާމަކަށް ތުރުކީވިލާތުގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް، ރައީސަކަށް ހުންނަވާ ބޭފުޅާއަށް ބޮޑެތި ބާރުތަކެއް ލިބިދޭ އިސްލާޙުތަކަށް ތުރުކީ ރައްޔިތުންގެ 51 އިންސައްތަ ތާޢީދުކުރެއެވެ.

ތުރުކީވިލާތުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްގެން، އަލަށް އެކުލަވާލި ޤާނޫނުއަސާސީއަށް ރައްޔިތުންގެ ރުހުން ހޯދުމަށް ނެގި ވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން 1.25 މިލިއަން މީހުން ވަނީ ޤާނޫނުއަސާސީއަށް ގެންނަން ހުށަހެޅި އިސްލާހުތަކަށް ތާޢީދުކޮށްފައެވެ. މިއީ ވޯޓުލީ މީހުންގެ 51.3 އިންސައްތައެވެ. އައު ޤާނޫނުއަސާސީއާ ދެކޮޅަށް ވޯޓު ދީފައިވަނީ 48.7 އިންސައްތަ މީހުންކަމަށް ވަގުތީ ނަތީޖާއިން ދައްކައެވެ.

img:http://s4.psmnews.mv/images/660x400/14924376850494.jpg|ތުރުކީގެ ޤާނޫނުއަސާސީއަށް އިސްލާހު ގެންނަން ތާޢީދުކުރި ފަރާތްތަކުން އުފާ ފާޅުކުރަނީ / ފޮޓޯ: ޒިންހުއާ

ނަމަވެސް، ތުރުކީވިލާތުގެ އެންމެ ބޮޑެތި ސިޓީތައްކަމަށްވާ އިސްތަންބުލް، އަންކާރާ އަދި އިޒްމީރުން ވޯޓު ދިން މީހުންގެ އަޤްލަބިއްޔަތު އޮތީ އައު ޤާނޫނުއަސާސީއާ ދެކޮޅަށެވެ. ޤާނޫނުއަސާސީއަށް އިސްލާހު ގެންނަން ނުފެންނަކަމަށް ތާޢީދުކުރި ޕާޓީތަކުން ނަތީޖާއާ މެދު އިތުބާރު ނުކުރާކަމަށް ބުނި ނަމަވެސް، ވަގުތީ ނަތީޖާއިން އައު ޤާނޫނުއަސާސީއަށް ރުހުން ލިބިފައިވާކަމަށް ތުރުކީވިލާތުގެ އިންތިޚާބުތަކާބެހޭ ރަސްމީ އިދާރާއިން ވަނީ އިޢުލާންކޮށްފައެވެ.

ތުރުކީވިލާތުގެ ޤާނޫނުއަސާސީއަށް ގެނައި އިސްލާހުތަކަކީ، 1923 ވަނަ އަހަރު އެޤައުމު ޖުމްހޫރިއްޔަތަކަށް ބަދަލުވި ފަހުން، އެޤައުމުގެ ޤާނޫނުއަސާސީއަށް ގެނައި އެންމެ ބޮޑު ބަދަލެވެ.

މިބަދަލުތަކުގެ ތެރޭގައި...

* ބޮޑު ވަޒީރުގެ މަޤާމު އުވާލައި، ރައީސްގެ ދަށުން މަސައްކަތްކުރައްވާ ނައިބު ރައީސުން އައްޔަންކުރުން.

* ސަރުކާރާއި ދަޢުލަތުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނަވާނީ ރައީސް. ކުރިން އޮތް ގޮތުން ސަރުކާރު ހިންގަވާނީ ބޮޑު ވަޒީރު.

* ޚާއްސަ ޤަރާރުތަކުން ޤާނޫނުތައް ހަދައި، ތަންފީޒުކުރުމުގެ ބާރު ރައީސަށް ލިބުން.

* ވަޒީރުންނާއި މަތީ ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމުގެ ބާރު ރައީސަށް ދިނުން.

* ޤާނޫނު ހަދާ މަޖިލިސް އުވާލުމުގެ ބާރާއި ކުއްލި ޙާލަތު އިޢުލާންކުރުމުގެ ބާރު ހަމައެކަނި ރައީސަށް ދިނުން.

* ވަޒީރުން ޖަވާބުދާރީ ކުރުމުގެ ބާރު ޤާނޫނު ހަދާ މަޖިލީހަށް ނެތުން، ނަމަވެސް ތިންބައިކުޅަ ދެބައިގެ އަޤްލަބިއްޔަތާއެކު އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިދާނެ.

* ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ 550 އިން 600 އިތުރުވުން.

* ކޮންމެ ފަސް އަހަރަކުން ބާއްވާ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުން.

* ރައީސްކަން ކުރެވޭނީ ދެ ދައުރުކަމަށް ކަނޑައެޅުން.

ސަރުކާރުން ހުށަހެޅި އައު ޤާނޫނުއަސާސީއަށް ރައްޔިތުންގެ ރުހުން ލިބުމުން، ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ވިދާޅުވީ މިއީ އެޤައުމުގެ ތާރީޚުގައިވެސް އެޤައުމުގެ ރައްޔިތުން ނިންމި އެންމެ މުހިއްމު އެއް ނިންމުންކަމަށެވެ.

img:http://s4.psmnews.mv/images/660x400/14924376628040.jpg|ތުރުކީގެ ރައީސް އުރުދުޣާން ވޯޓް ދެއްވަނީ / މިއިސްލާޙުތަކާއެކު ތުރުކީގެ ރައީސްއަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެ

"އަހަރުމެން ކުރަން އަދި ބައިވަރު މަސައްކަތް އެބަހުރި.. އެކަމަކު އެކަންކަން ވާނީ އަހަރެމުން ގެންގުޅޭ އާލާތްތައް ބަދަލުކޮށް، އަވަހަށް މަސައްކަތްކޮށްގެން" ކާމިޔާބީ ފާހަގަކުރައްވަމުން އުރުދުޣާން ވިދާޅުވިއެވެ.

އުރުދުޣާންގެ ވާހަކަފުޅުގައި ތުރުކީވިލާތަށް އަންނަމުންދާ ބަދަލުތަކަކީ އެޤައުމުގެ ތާރީޚުގައި އަންނަ އެންމެ ބޮޑެތި ބަދަލުތައްކަމަށް ވިދާޅުވިއެވެ. އަދި ފެންނަ ނުފެންނަ ވޯޓުން ކާމިޔާބު ލިބުނީ ވަކި ބަޔަކަށް ނޫންކަމަށާއި، އެއީ ތުރުކީގެ ހުރިހާ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއްކަމަށް އުރުދުޣާން ވިދާޅުވިއެވެ.

ތުރުކީވިލާތުގެ ޤާނޫނުއަސާސީއަށް ގެނައި އިސްލާހުތަކަށް ހުޅަނގުގެ ޤައުމުތަކުން ފާޑު ކިޔަމުންދާއިރު، އުރުދުޣާން ވިދާޅުވީ ބޭރުގެ ބާރުތަކުން އެޤައުމުގައި ނެގި ވޯޓުގެ ނަތީޖާއަށް އިޚްތިރާމް ކުރަންޖެހޭކަމަށެވެ. އަދި ޤާނޫނުއަސާސީއަށް ގެނައި އިސްލާހުތަކުގެ ބޭނުންކުރާނީ ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށްކަމަށް އުރުދުޣާން ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14924376191069.jpg|ތުރުކީގެ ޤާނޫނުއަސާސީއަށް އިސްލާހު ގެންނަން ތާޢީދުކުރި ފަރާތްތަކުން އުފާ ފާޅުކުރަނީ / ފޮޓޯ: ޒިންހުއާ

2003 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާއި ހަމައަށް ބޮޑުވަޒީރުކަން ކުރެއްވުމަށްފަހު، 2014 ވަނަ އަހަރުން ފެށިގެން ތުރުކީވިލާތުގެ ރައީސްކަން ކުރައްވަމުން އަންނަ އުރުދުޣާން ފާހަގަވެފައިވަނީ އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާވެފައިވާ ވެރިކަމުގެ ނިޒާމެއް ޤާއިމްކުރައްވާ، އިސްލާމްދީނާއި ދެކޮޅު ފިކުރުތައް އެޤައުމުން ނައްތާލެއްވުމަށް މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. ހަމައެއާއެކު އެމަނިކުފާނު އިޤްތިޞާދީ ގޮތުން ތުރުކީވިލާތަށް ގެންނަވަމުންދާ ކުރިއެރުންތަކަކީ ދުނިޔޭގެ މާލީ އިދާރާތަކުން ފާހަގަކުރާ ކުރިއެރުންތަކެކެވެ.