ނާޞިރާ އަބްދުاللهގެ ފައިސާއިން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުރޮޅުލީ ގޮނޑި ހަދިޔާކޮށްފިއެވެ. މި ގޮނޑިތައް ހަދިޔާކޮށްފައިވަނީ އެސްޓީއޯ ފާރމަސީގައި އޮތް ރަސްމިއްޔާތެއްގައެވެ.
ނާޞިރާ މި ދުނިޔެއާއި ވަކިވެގެންދިޔައިރު އެނާ އެއްކޮށްފައިވާ ފައިސާ ވަނީ އެނާގެ ވާރިސުންގެ މެދުގައި ބަހާފައެވެ. މީގެތެރެއިން އެއް ވާރިސަކު އެނާއަށް ލިބުނު ފައިސާ ދަރުމައިގެ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަނީ ހަދިޔާކޮށްފައެވެ. ނުކުޅެދުންތަރިކަން ހުންނަށް ކުދިންނަށް ހަދިޔާކުރި މި ފައިސާ އޭނާ ހަވާލުކޮށްފައިވަނީ ޑިސޭބިލިޓީ އެމްބެސަޑަރ އަހުމަދު ހިޝާންއާއެވެ. މި ފައިސާއަށް ހިސާންވަނީ ފަހުގެ އެންމެ ޒަމާނީ ފުރޮޅުލީ 9 ގޮނޑި ގަނެ ނުކުޅެދުންތަރިކަން ހުންނަ މީހުންނަށް ހަދިޔާކޮށްފައެވެ. މި ގޮނޑިތައް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހިޝާން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީވުމަށް ނާސިރާގެ ވާރިސަކު ހަދިޔާ ކުރި ފައިސާ އެއްކޮށް އެސްޓިއޯއާއި ހަވާލުކޮށްފައިވާކަމަށެވެ.
މި ގޮނޑިތައް ހަވާލުކުރުމަށް ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނުދާއިރާގެ މެމްބަރ އަބްދުﷲ ރިފާޢު ވިދާޅުވީ، ނުކުޅެދުންތަރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމަށް ރައްޔިތުން މަޖިލީހުގެ ތެރެއިންވެސް ގިނަ މަސައްކަތްތަކެއް ކުރައްވަން ނިންމަވާފައިވާކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯ މެޑިކަލް ސާރވިސްގެ މެނޭޖަރ އަބްދުﷲ ވިޝާމް ވިދާޅުވީ، ކޮންފޯޓް ޗެއާރގެ ގޮތުގައި ބޭނުންކުރާ މި ގޮނޑިތައް ޗާރޖް ހުސްވެއްޖެނަމަ އެސްޓިއޯގެ ކޮންމެ ބޭސް ފިހާރައަކުންވެސް މި ގޮނޑިތައް ޗާރޖް ކުރުމުގެ ޚިދުމަތް ލިބިގެންދާނެކަމަށެވެ.
ނާސިރާގެ ފަރާތުން ހަދިޔާކުރި މި ގޮނޑިތައް ލިބުނު ފަރާތްތަކުން ބުނީ މިފަދަ އެހީތެރިކަމެއް ލިބުމުން ވަރަށް އުފާވާކަމަށާއި، މިއީ ވަރަށް ބޮޑު އިންތިޒާރެއްގެ ނިމުންކަމަށެވެ.
ނާސިރާގެ ފައިސާއިން ވީލްޗެއަރ ގަތުމަށް އެސްޓީއޯއާއި ހަވާލު ކުރީ ދެލައްކަ ރުފިޔާއެވެ. މިފައިސާއިން ގަތް ނުވަގޮނޑީގެ ތެރެއިން ބާކީ ގޮނޑިތައް ހަވާލުކުރުމުގެ ރަސްމިއްޔާތު ހދ ކުޅުދުއްފުށީ ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.