ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައެޅުމަށް، ކުރައްވާ މަސައްކަތުގެ %75 ފުރިހަމަ ކުރެވިއްޖެކަމަށް، ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައިވަނީ 2016 ވަނަ އަހަރުންފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް ކަނޑައަޅާފައިވާ، ސިއްޙީ ދާއިރާގެ މާސްޓަރ ޕްލޭން ނެރެދެއްވާފައެވެ. މިއީ ކުރިޔަށް އޮތް 10 އަހަރަށް ރާއްޖޭގެ ސިއްޙީ ދާއިރާއިން ޙާސިލްކުރަން ބޭނުންވާ ލަނޑުދަނިޑިތައް ކަނޑައަޅާފައިވާ ޕްލޭނެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ރާއްޖޭގެ ސިއްޙީ ނިޒާމުގައި އެންމެ ބޮޑު ނުރައްކަލެއްގެ ގޮތުގައި މިހާރު ފާހަގަކުރެވިފައިވާ ގައިން ގަޔަށް ނާރާ ބަލިތަކުގެ ދާއިރާއަށް ވަރަށް ބޮޑަށް ރިޢާޔަތްކޮށްފައިވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ރާއްޖެއަކީ މީސަލްސް ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައެޅުމަށް ކުރެއްވި މަސައްކަތް، ދާދިފަހުން ފެތުރުނު އިންފުލުއެންޒާ ރޯގާއާ ގުޅިގެން މެދުކަނޑާލާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެމަސައްކަތް އަލުންފަށަން ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އިންފުލުއެންޒާއާ ގުޅިގެން މެދުކަނޑާލިއިރު 75 އިންސައްތަ ވަނީ ޙާސިލްކުރެވިފައި. ކުރިޔަށް އޮތް ދެހަފްތާގެ ތެރޭގައި އަލުން ފަށާނެ. މިއަހަރުގެ ނިޔަލަށް ރާއްޖެ މީސްލްސް ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައެޅިގެންދާނެ. ރާއްޖެ ވަނީ މިރީޖަންގަ މިލަނޑުދަނޑި ޙާސިލްކުރާ ފުރަތަމަ ޤައުމަށް" މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
ރާއްޖޭގެ ސިއްޙީ ދާއިރާއިން ހޯދަމުންދާ ކާމިޔާބީތަކަށް އަލިއަޅުއްވާލާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އައިޖީއެމްއެޗް ތަރައްޤީކުރެއްވުމަށް ވޭތުވެދިޔަ ތިން އަހަރު އެކަނިވެސް 200 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުގެ ބަޖެޓުން ޚަރަދުކުރައްވާފައިވާކަމަށެވެ. އަދި އައު ޚިދުމަތްތަކެއް އައިޖީއެމްއެޗްގައި ތަޢާރަފްކުރައްވާފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އަތޮޅުތަކުގައި ފޯރުކޮށްދޭ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ދަށުން، ސިއްޙީ މަރުކަޒުތައް ޤާއިމުކުރެއްވުމަށް 500 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުގެ ބަޖެޓުން ހަރަދުކުރައްވާފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.