ޚަބަރު

ސިފައިންގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި


ސިފައިންގެ ސަތޭކަ ފަންސަވީސް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. 

މިއަދު ހެނދުނު 06:00 ގައި ކަޅުތުއްކަލާކޮށީގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރެވެ. މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވަނީ ސިފައިންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. ޑިފެންސް މިނިސްޓަރގެ ވާހަކަފުޅުގައި، ދިވެހި އަސްކަރިއްޔާ އަކީ މި ޤައުމުގެ ސަލާމަތާއި މިނިވަންކަމާއި އިސްތިޤުލާލު ދެމެހެއްޓުމުގެ އެންމެ ވަރުގަދަ އައްޑަނަ ކަމަށާއި، ދިވެހި ޤައުމަށް އެންމެ ބޮޑު ޚިދުމަތެއް ކޮށްދިން މުއައްސަސާއަކީވެސް ދިވެހި އަސްކަރިއްޔާކަން ފާހަގަކުރެއްވިއެވެ. 

img:http://s4.psmnews.mv/images/660x400/14927512408870.jpg|

ޑިފެންސް މިނިސްޓަރުގެ ވާހަކަފުޅުގައި، ސެނެހިޔަ ތަރައްޤީކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިއަހަރު ކުރިއަށް ގެންދަވާނެ ކަމަށާއި އަދި ސެނަހިޔާގައި އާ ޑިޕާރޓްމަންޓްތައް އުފައްދަވައި އެތަންތަނަށް އެންމެ އެކަށީގެންވާ ގޮތެއްގައި ލިބެން ހުރި ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މި ރަސްމިއްޔާތުގައި، ޑިފެންސް މިނިސްޓަރ ވަނީ، ކުރިއަށްއޮތް އަހަރު ސިފައިން ބޭނުންކުރުމަށް ހަމަޖެހިފައިވާ ޝިޢާރު ޢިއުލާނު ކޮށްދެއްވާފައެވެ. ކުރިއަށް އޮތް އަހަރު ސިފައިން ބޭނުންކުރުމަށް ހަމަޖެހިފައިވާ ޝިޢާރަކީ "އަސްކަރީ އަޚުލާޤު  ސިފައިންގެ ނާރެސް"އެވެ. 

ސިފައިންގެ އަހަރީ އައްޑަނަ މަޖައްލާގެ 21 ވަނަ ޢަދަދު، މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވަނީ ނެރެދެއްވާފައެވެ. 

img:http://s2.psmnews.mv/images/660x400/14927513505664.jpg|

މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝާހިދާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި އޮފިސަރުންގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ގިނަ ޢަދަދެއްގެ ސިފައިންނާއި ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާފައިވާ ސިފައިންގެ އިސް ޚިދުމަތްތެރިން ބައިވެރިވެޑައިގެންނެވިއެވެ.