ޚަބަރު

މިއުޒިކަލް ޑްރިލް ޑިސްޕްލޭއެއް ހުޅުމާލޭގައި ބާއްވައިފި


125 ވަނަ ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ޚާއްސަ ހަރަކާތްތަކުގެ ތެރެއިން، އެމްއެންޑީއެފް މިއުޒިކަލް ޑްރިލް ޑިސްޕްލޭއެއް ހުޅުމާލޭގައި ބާއްވައިފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހަވީރު ބޭއްވި މިއުޒިކަލް ޑްރިލް ޑިސްޕްލޭ ބަލާލުމަށްޓަކައި ގިނައަދަދެއްގެ އާންމުންނާއި ޚާއްޞަކޮށް ކުޑަކުދިން ޖަމާވެ، ހޫނު ތަރުހީބެއް ދީފައިވެއެވެ. އަދި މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ދައްކާލުންތަކަށްފަހު ޑިސްޕްލޭގައި ބައިވެރިވި ސިފައިންނާއެކު އެސަރަޙައްދަށް ޖަމާވި އާންމުންނަށާއި ކުޑަކުދިން ފޮޓޯވެސް ނެގިއެވެ. 

މިއުޒިކަލް ޑްރިލް ޑިސްޕްލޭ އަކީ އަސްކަރީ ސިފަވަންތަކަމާއި ސަފުތަކުގެ ބަދަހިކަމާއި އެއްބައެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މަތިވެރި ރޫޙު ވަރަށް ފުރިހަމައަށް ދައްކުވައިދޭ ހެވިކަމެކެވެ. އަދި މެހެތަރުގެ އެއްވެސް ކޮމާންޑެއް ނެތި ވަކި ސީކުއެންސަކަށް ސިފައިން އެއްބައެއްގެ ގޮތުގައި ހެވިކަމުގެ އެކިއެކި ހަރަކާތްތައް ދައްކުވައިދޭ މަންޒަރުތައް ހިމެނޭ ކަމެކެވެ.

125 ވަނަ ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފް އިން ކުރިއަށްގެންދާ ހަރަކާތްތަކުގެތެރޭގައި، އެމްއެންޑީއެފް މިއުޒިކަލް ޑްރިލް ޑިސްޕްލޭ މާދަމާ ހަވީރު 17:15 ގައި ވިލިމާލޭ ބަނދަރު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.