ތަރައްްޤީ

މަންދޫ ޖެޓީ ހެއްދެވުމުގެ މަސައްކަތް ސަރުކާރުން ފަށްޓަވައިފި


އދ. މަންދޫ ޖެޓީ ހެއްދެވުމުގެ މަސައްކަތް ސަރުކާރުން ފަށްޓަވައިފިއެވެ. މިއީ، 3.1 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ސަރުކާރުން ހިންގަވާ މަޝްރޫޢެކެވެ.

އާބާދީގައި 700 އާއި ގާތްކުރާ ޢަދަދަކަށް މީހުން ދިރިއުޅޭ އދ.މަންދޫގައި ބޭނުންކުރަމުންދަނީ، ވަރަށް ބޮޑަށް ހަލާކުވެފައި އޮތް ޖެޓީއެކެވެ. މަންދޫގައި ބަނދަރު ހަދާފައެއް ނޯވެއެވެ. މަންދޫގައި މިހާރު ބޭނުންކުރަމުން އަންނަ ޖެޓީ ހަލާކުވެފައި އޮންނަތާ ގާތްގަނޑަކަށް ހައެއްކަ އަހަރުވެދާނެ ކަމަށް އެރަށުގެ ރައްޔިތުން ބުނެއެވެ. މިކަމުގެ ސަބަބަބުން ރަށުގެ ލަފާ ފުރުމަށާއި، މުދާ ބޭލުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހެއެވެ. ސަރުކާރުން މިވަނީ، މަންދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ޙައްލުކޮށްދެއްވުމުގެ ގޮތުން، އެރަށުގައި ރަނގަޅު ފެންވަރެއްގެ ޖެޓީއެއް ހެއްދުވަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްއާރްޑީސީއާ ޙަވާލުކުރައްވާފައެވެ.

މަންދޫ ޖެޓީ ހެއްދުވުމުގެ މަޝްރޫޢު ފެށްޓެވުމަށް އެރަށު ބަނދަރު ސަރަޙައްދުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު ފަށްޓަވައިދެއްވީ، އެމްއާރޑްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ފަސީޙުއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއާރްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ފަސީޙު ވިދާޅުވީ، މަންދޫ ޖެޓީގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ، 120 ދުވަސް ކަމަށާއި އެހެންނަމަވެސް އެމުއްދަތަށްވުރެ އަވަހަށް މަސައްކަތް ނިންމާލުމަށް އެކުންފުނިން އަމާޒު ހިފާފައިވާ ކަމަށެވެ. ޖެޓީގެ މަސައްކަތް ޢަމަލީ ގޮތުން ފެށްޓެވުމުގެ ތައްޔާރީތައް އަންނަ ހަފްތާގައި ފެށްޓެވުމަށް ހަމަޖެހިފައިވާ ކަމަށް ފަސީޙް ވިދާޅުވިއެވެ. img:http://s4.psmnews.mv/images/660x400/14939895421128.jpg|އދ.މަންދޫގައި ބޭނުންކުރަމުންދާ ހަލާކުވެފައިވާ ޖެޓީ - ފޮޓޯ: ޕީއެސްއެމް

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްޙާމް އަޙްމަދު ވިދާޅުވީ، މަންދޫގެ ތަރައްޤީއަށް ސަރުކާރުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން މަންދޫގައި ވަރަށް އަވަހަށް ފުލުހުންގެ މަރުކަޒެއް ޤާއިމްކުރެވޭނެ ކަމަށް އިލްޙާމް ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކި މަންދޫގެ ރައްޔިތުން ބުނީ، މިއީ އެރަށުގެ ރައްޔިތުން ޒަމާނުއްސުރެ އިންތިޒާރުކުރަމުން އައި ކަމެއް ކަމަށެވެ. މަންދޫ ޖެޓީ ހެއްދެވުމުގެ މަޝްރޫޢު ފެށްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއާރްޑީސީގެ އިސްވެރިންނާއި، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަޙްމަދާއި، އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މައުމޫން އަބްދުއް ސަމަދާއި، މަންދޫގެ ރައްޔިތުން ބައިވެރިވިއެވެ.