ކުޅިވަރު

މެސީގެ ސަސްޕެންޝަން އުވާލައިފި


ފީފާގެ އެޕީލް ކޮމިޓީން އާޖެންޓީނާގެ ކެޕްޓަން ލައެނަލް މެސީގެ ސަސްޕެންޝަން އުވާލައިފިއެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާއާއި ޗިލީ ބައްދަލުކުރި މެޗުގައި، މެސީ މެޗު އޮފިޝަލަކާ ދިމާއަށް އެއްޗެހި ކިއުމާ ގުޅިގެން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީއިން މެސީ ވަނީ އިންޓަނޭޝަނަލް 4 މެޗަށް ސަސްޕެންޑް ކޮށްފައެވެ. އެހެންނަމަވެސް މިސަސްޕެންޝަން ފީފާގެ އެޕީލް ކޮމިޓީން އުވާލީ މެސީ އެމެޗުގެ އޮފިޝަލާ ދިމާލަށް އެއްޗެހިކީ ކަމުގެ ފުރިހަމަ ހެކި ލިބެން ނެތުމުން ކަމަށް ބުނެއެވެ.

މެސީގެ ފަރާތުން މިމައްސަލަ ފީފާގެ އެޕީލް ކޮމިޓީއަށް ހުށައެޅީ އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުންނެވެ.

މިދިޔަ މާރޗް މަހު އާޖެންޓީނާ ޗިލީގެ މައްޗަށް 1-0 ން ކުރި ހޯދި މެޗުގައި މެސީ މެޗު އޮފިޝަލަކާ ދިމާލަށް އެއްޗެހި ކީނަމަވެސް މެޗުގެ ތެރެއިން މިކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އަދި ބްރެޒިލްގެ އޮފިޝަލް ފަހުން ބުނީ އޭރު މެސީ އެއްޗެހިކީ އޭނާއާ ދިމާއަށް ކަން ނޭންގުނީ ކަމަށެވެ.

ސައުތް އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ މިހާރު އޮތީ ގްރޫޕްގެ ފަސް ވަނައިގައެވެ. އަދި އެންމެ ފަހުން އާޖެންޓީނާ މެސީ ނުލާ ކުޅުނު މެޗުން ވަނީ ބޮލީވިއާ އަތުން 1-0 ން ބަލިވެފައެވެ.

އެހެންނަމަވެސް މެސީގެ ސަސްޕެންޝަން އުވާލުމުން ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ މެސީ ނުލާ ނިކުންނަން ތައްޔާރުވަމުން ދިޔަ މުހިއްމު ތިން މެޗުގައިވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ލިބިފައެވެ. އެއީ އުރުގުއާއި، ވެނެޒުއޭލާ އަދި ޕެރޫ އާއި ބައްދަލުކުރާ ތިން މެޗެވެ.

 މެސީގެ ސަސްޕެންޝަނާއެކު ސައުތް އެމެރިކާ ފަޅިން ގްރޫޕްގެ ފަސްވަނާގައި އޮތް އާޖެންޓީނާއަށް ވަނީ ވޯލްޑް ކަޕަށް ކޮލިފައިނުވުމުގެ ބިރު ހީވެފައެވެ.

ސައުތް އެމެރިކާ ކޮލިފައިން އޮންނަ ގޮތުން ވޯލްޑް ކަޕަށް ކޮލިފައިވާނީ ގްރޫޕްގެ ގަދަ ހަތަރު ޓީމެވެ. އަދި ފަސް ވަނަ ޓީމަށް ޖެހޭނީ އިތުރު ޕްލޭ އޯފް މެޗެއް ކުޅޭށެވެ.

 މި ގްރޫޕްގެ އެއްވަނާގައި އޮތް ބްރެޒިލް މިހާރު ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ޓީމުގެ ގޮތުގައި މުބާރާތުން ޖާގައެއް ޔަގީން ކޮށްފައެވެ.