ޚަބަރު

ފްރާންސްގެ އިންތިޚާބީ ރައީސަށް ތަހުނިޔާ ވިދާޅުވެއްޖެ


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏، ފްރާންސްގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި އިމަނުއެލް ޖީން-މިޝެލް ފްރެޑެރިކް މެކްރޮންއަށް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ފްރާންސްގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި މެކްރޮންއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏ ފޮނުއްވި މެސެޖުގައި، މެކްރޮން ފްރާންސްގެ ރައީސްކަމަށް އިންތިޚާބުވެވަޑައި ގެންނެވިކަމަށްޓަކައި އެމަނިކުފާނަށް ވަރަށް ހޫނު ‏މަރުޙަބާއެއް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ރާއްޖެއާއި ފްރާންސާ ދެ ޤައުމުގެ ދެމެދުގައި ޤާއިމްކޮށްފައިވާ ސިޔާސީ ގުޅުމަށް މިހިނގާ މޭ މަހުގެ 20 ވަނަ ދުވަހު 46 އަހަރު ފުރޭނެކަން ފާހަގަކުރެއްވިއެވެ. އަދި، ފްރާންސްގެ އިންތިޚާބީ ރައީސްގެ ޒަޢާމަތުގައި، ރާއްޖެއާއި ފްރާންސާއި ދެޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެ، ޚާއްޞަކޮށް ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިންނާއި ޓެރަރިޒަމް ނައްތާލުމުގެ ދާއިރާއިން ދެގައުމުގެ ދެމެދުގައިވާ ގުޅުން ‏‏ކުރިއަށް އޮތް ތާނގައި، އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ‏‏ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.‏ މީގެ އިތުރުން، އެމަނިކުފާނުގެ މެސެޖުގައި މެކްރޮންއަށް ފުރިހަމަ ޞިއްޙަތަކާއި އިތުރު ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

އިއްޔެ ބޭއްވި ފްރާންސްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މުސްލިމުންނާ ދެކޮޅު ވިސްނުމެއް ގެންގުޅޭ މެރީ ލެ ޕެންއާ ވާދަކުރައްވާ މެކްރޯން އިންތިޚާބު ކާމިޔާބުކުރެއްވީ 66.6 އިންސައްތައިގެ ބޮޑު އަޤްލަބިއްޔަތަކުންނެވެ.

އާބާދީގައި 66 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ ފަރަންސޭސިވިލާތަކީ ޔޫރަޕުގެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރެއިން، އިޤްތިސާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން އަދި އަސްކަރީގޮތުން ކުރިއަރާފައިވާ ގައުމެއް. ނަމަވެސް ފަހަކަށް އައިސް ފަރަންސޭސިވިލާތަކީ ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން ޓެރަރިސްޓް ޖަމާޢަތްތަކުގެ ނުރައްކާތެރި ޙަމަލާތަކެއް އަމާޒުވެފައިވާ ގައުމެކެވެ.