ކުޑަކުދިންނަކީ އިސްލާމްދީނަށް ޙުރުމަތްތެރިކޮށްހިތާ، ދިވެހި ޤައުމުދެކެ ލޯބިވާ، ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރާ ބަޔަކަށް ހެއްދެވުމަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތްކޮށް ދެއްވުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ޢިލްތިމާސްކުރައްވައިފިއެވެ.
އެ ކޮމިޝަނުން މިގޮތަށް އިލްތިމާސް ކުރައްވާފައިވަނީ މިއަދު ފާހަގަކުރަމުންދާ ކުޑަކުދިން ދުވަހާއި ގުޅިގެން ނެރުއްވި ބަޔާނުގައެވެ. ދައުލަތާއި އާއިލާއާއި މުޖުތަމައުގެ ފަރާތުން ކުޑަކުދިންނަށް ލިބެންޖެހޭ ލޯތްބާއި ހާޢްސަ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ގޮވާލައްވާފައިވެއެވެ. އަދި އެކުދިންނަށް ކުރާ އަނިޔާތައް ހާޢްސަކޮށް ކުޑަކުދިންނަށް ލިބޭ ޖިންސީ އަނިޔާގެ އަމަލުތައް ރިޕޯޓްކުރުމަކީ ލަދުވެތިކަމެއްކަމުގައި ދެކި އެކަން ފޮރުވުމުގެ ބަދަލުގައި އެފަދަ ކަންކަން ލަސްނުކޮށް ރިޕޯޓްކުރުމަށްވެސް އެޗްއާރުސީއެމްގެ ބަޔާނުގައި އިލްތިމާސްކުރައްވާފައިވެއެވެ.
ކުޑަކުދިންނާ މެދު އަނިޔާގެ އަމަލުތައް ހިންގާ ފަރާތްތަކާއި އެކުދިންނާ މެދު އިހުމާލުވާ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެނެސް ވީ އެންމެ އަވަހަކަށް އިންސާފު ޤާއިމުކުރުމަށްވެސް އެޗްއާރުސީއެމްގެ ބަޔާނުގައި ގޮވާލައްވާފައިވެއެވެ.
ކުޑަކުދިންގެ ޙައްޤުތަކާއި، ލިބޭ އަނިޔާތަކާމެދު ހެލުންތެރިކަން އިތުރުކުރުމަށް ކަމާ ގުޅުން ހުރި މުއައްސަސާތަކާއި މިޑިއާއިން ކުރަމުންގެންދާ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާ ކުރަންޖެހޭކަމަށްވެސް އެ ނޫސް ބަޔާނުގައިވެއެވެ. އަދި ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކުރުމުގެ ގޮތުން ހެދިފައިވާ ޤާނޫނީ ނިޒާމް މިހާރަށްވުރެ ހަރުދަނާ ކުރުމަށް ދައުލަތުގެ ކަމާއި ބެހޭ އިދާރާތަކަށްވެސް އެޗްއާރުސީއެމްގެ ބަޔާނުގައި ގޮވާލައްވާފައިވެއެވެ.
އެޗްއާރުސީއެމުން ވިދާޅުވީ މިދިޔަ އަހަރު އެ ކޮމިޝަނަށް އެންމެ ގިނައިން ހުށައެޅި މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންގެ ޙައްޤުތަކާ ގުޅުން ހުރި މައްސަލަތައް ހިމެނޭކަމަށެވެ. އަދި މިވަގުތު އެ ކޮމިޝަނުން ބައްލަވަމުން ގެންދަވާ މައްސަލަތަކުގެ ތެރޭގައިވެސް ކުޑަކުދިންގެ ޙައްގުތަކާ ގުޅުންހުރި މައްސަލަތައް ގިނަކަންވެސް އެ ކޮމިޝަނުން ފާހަގަކުރައްވައެވެ.