ސިއްހަތު

"ނަރުހުންނަކީ ސިއްޙީ ނިޒާމުގެ މައިބަދަ"


ނަރުހުންނަކީ ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި ވަރަށް މުހިއްމު އިސް ދައުރެއް އަދާކުރަމުންގެންދާ ފަންނީ މަސައްކަތްތެރިންތަކެކެވެ. ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ ސިއްޙީ ދާއިރާގެ ފަންނީ މުވައްޒަފުންގެ ތެރެއިން އެންމެ ގިނައީ ނަރުހުންކަން ފާހަގަކޮށްލަންޖެހެއެވެ. 

ސިއްޙީ ނިޒާމު ހަރުދަނާ ކުރުމުގައި ނަރުހުން ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ. ހަމައެއާއެކު ސިއްޙީ ލަނޑުދަނޑިތައް ޙާސިލްކުރުމުގައި ސިއްޙީ ދާއިރާއަށް ދެމެހެއްޓެނެވި ތަރައްޤީ ގެނައުމުގައި ނަރުހުންގެ ޙިއްސާ ވަރަށްބޮޑެވެ.

1975 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް މެއިމަހުގެ 12 ވަނަ ދުވަސް، ނަރުހުންގެ ދުވަހުގެ ގޮތުގައި އަންނަނީ ފާހަގަކުރަމުންނެވެ. ނަރުހުންގެ ދުވަހުގެ ގޮތުގައި ދުވަހެއް ޚާއްސަކުރުމަށް 1953 ވަނަ އަހަރު އެމެރިކާގެ ޞިއްޙީ ކަންކަމާބެހޭ އޮފިޝަލަކު އޭރު އެމެރިކާގެ ރައީސަށް ހުންނެވި ބޭފުޅާއަށް ލަފާދެއްވިއެވެ. ނަމަވެސް ސަރުކާރުން އެކަމާއި ދެކޮޅު ހެއްދެވިއެވެ. އެކަމަކު 1965 ވަނަ އިންޓަނޭޝަނަލް ކައުންސިލް އޮފް ނާސަސް އިން ނަރުހުންގެ ދުވަހުގެ ގޮތުގައި، ޒަމާނީ ނަރުހުންގެ ބާނީ ފްލޮރެންސް ނައިޓިންގެލްގެ އުފަންދުވަސް ކަނޑައަޅާ، އެދުވަސް ފާހަގަކުރަން ފެށިއެވެ. އަދި 12 މޭ އަކީ ނަރުހުންގެ ދުވަހުގެ ގޮތުގައި އިންޓަނޭޝަނަލް ކައުންސިލް އޮފް ނާސަސްއިން ރަސްމީކޮށް ފާހަގަކުރަން ފެށީ 1975 ވަނަ އަހަރުން ފެށިގެނެވެ. އެހާހިސާބުން ފެށިގެން ކޮންމެ އަހަރަކުވެސް އިންޓަނޭޝަނަލް ކައުންސިލް އޮފް ނާސަސްއިން ދަނީ މިދުވަސް ކުލަގަދަކޮށް ފާހަގަކުރަމުންނެވެ. 

img:http://s1.psmnews.mv/images/660x400/14945777322166.jpg|ޒަމާނީ ނަރުހުންގެ ބާނީ ފްލޮރެންސް ނައިޓިންގެލް / ނަރުހުންގެ ދުވަސް ފާހަގަކުރަނީ އޭނާގެ އުފަންދުވަހާ ގުޅުވައިގެން

1820 ވަނަ އަހަރު މެއި މަހުގެ 12 ވަނަ ދުވަހު އިގިރޭސިވިލާތަށް އުފަންވި، ޒަމާނީ ނަރުހުންގެ ބާނީ ފްލޮރެންސް ފާހަގަވެގެން ގޮސްފައިވަނީ 1853 ވަނަ އަހަރުން 1856 ވަނަ އަހަރަށް ކުރިއަށްދިޔަ ކްރައިމިއަން ހަނގުރާމައިގެ ތެރޭގައި ނަރުހުންގެ މެނޭޖަރެއެއްގެ ހައިސިއްޔަތުން އަދާކޮށްފައިވާ އަގުނުކުރެވޭ ޚިދުމަތްތަކުގެ ސަބަބުންނެވެ. މީގެ އިތުރުން "ދަ ލޭޑީ ވިތް ދަ ލޭމްޕް" ގެ ގޮތުގައި އާއްމުންނަށް މަޝްހޫރުވެފައި ފްލޮރެންސް ވަނީ ސިއްޚީ ދާއިރާގެ އެކިއެކި ފޮތްތައް އިނގިރޭސި ބަހުން ލިޔުއްވާފައެވެ. އަދި މިފޮތްތައް އޭނާ ލިޔުއްވާފައިވަނީ އެންމެ އާދައިގެ މީހާއަށްވެސް މެޑިކަލް ކަންކަން ފަޞޭޙާއިން އެނގޭނެ ފަދަ ގޮތަކަށެވެ. 

ފްލޮރެންސް ނައިޓިންގެލް ފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ނަރުހުންގެ މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުން ނަރުހުންގެ ދުވަސް ގިނަގައުމުތަކުގައި ވަރަށް ކުލަ ގަދަ ގޮތެއްގައި ފާހަގަކުރެއެވެ. އެގޮތުން މިއަހަރުވެސް ޤައުމުތަކުގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ. މިއަހަރު ނަރުހުންގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އިސްނަގައި އަޑުއުފުލުންނެވެ. ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހާ ގުޅޭގޮތުން، ރާއްޖޭގައިވެސް ތަފާތު ހަރަކާތްތައް ހިންގެވުމަށް ވަނީ ރާވާފައެވެ. ހެލްތް މިނިސްޓަރ އަބްދުﷲ ނާޠިމްއިބްރާހިމް ނަރުހުން ސިފަކުރައްވަނީ ސިއްޙީ ނިޒާމުގެ މައި ބަދައިގެ ގޮތުގައެވެ. 

img:http://s4.psmnews.mv/images/660x400/14942565390471.jpg|ހެލްތު މިނިސްޓަރ ވާހަކަފުޅުދައްކަވަނީ / ނަރުހުންނަކީ ސިއްޙީ ނިޒާމުގެ މައިބަދަ ގޮތުގައި ސިފަކުރެއްވި

ހެލްތް މިނިސްޓަރ ވިދާޅުވީ، ނަރުހުން އެންމެ ކަންބޮޑުވެފައިވާ ނަރުހުންގެ އޮނިގަނޑުގެ މަސައްކަތް، ވަރަށް ކައިރި މުސްތަޤްބަލެއްގައި ނިންމަވާލައްވާ ޚިދްމަތް ދެއްވަން ފަށްޓަވާނޭކަމަށެވެ. 

"ނަރުހުންގެ ކަންކަން ރަނގަޅުކޮށް ނަރުހުންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ހެލްތު މިނިސްޓްރީން މިދަނީ މަސައްކަތް ކުރަމުން. އިރާދަ ކުރެއްވިއްޔާ ނަރުހުން އެންމެ ކަންބޮޑުވެފައިވާ ނަރުހުންގެ އޮނިގަނޑުގެ މަސައްކަތް އަޅުގަނޑުމެން ވީހާވެސް އަވަހަކަށް ނިންމާ، އޮނިގަނޑުގެ ތެރެއިން ޚިދްމަތް ދިނުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން." މިނިސްޓަރ ވިދާޅުވިއެވެ. 

މިއަހަރުގެ ނަރުހުންގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު ސަރުކާރުން ވަނީ 3000 ނަރުހުން ތަމްރީން ކުރެއްވުމުގެ މަސައްކަތް މިއަހަރު ފަށްޓަަވާފައެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ނަރުހުންނަކީ 100 އިންސައްތަ ދިވެހި ނަރުހުންނަށް ހެއްދެވުމެވެ.