ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެމްބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފިއެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުއްވާލެއްވީ އެކޮމިޝަނުގެ މެންބަރުކަމުގެ މަގާމުގައި ހުންނެވި، ޝިފާޤު މުފީދު އިސްތިޢުފާދެއްވާފައިވާތީ، ހުސްވެފައިވާ އެ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށްޓަކައެވެ،
ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވާފައިވާ އިޢުލާނުގައިވާ ގޮތުން، މިފުރުޞަތު ހުޅުއްވާލައްވާފައިވަނީ، މިމަހުގެ 24 ވާ ބުދަ ދުވަހުގެ 14:00ގެ ނިޔަލަށެވެ.
ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށުގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވެބްސައިޓުގެ އެޑްރެހަކީ، www.presidencymaldives.gov.mv އެވެ.