ކުޅިވަރު

ކެރިއަރުގެ އެންމެ ބޮޑު އުއްމީދު ހާޞިލްވެއްޖެ - ފަޒްލީ


ރާއްޖޭގެ ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ބައިނަލްއަޤްވާމީ މުބާރާތެއް ކުޅެލުމުގެ ފުރުސަތު ލިބުމަކީ ޤައުމީ ބާސްކެޓް ޓީމުގައި ހޭދަކުރި ތޭރަ ވަރަކަށް އަހަރުގެ ތެރޭގައި އެންމެ ބޭނުންވި ކަންތައް ކަމަށް ޤައުމީ ޓީމުގެ މުހިއްމު ކުޅުންތެރިއާ އަލީ ފަޒްލީ ބުނެފިއެވެ.

މާދަމާ ޒުވާނުންގެ މަރުކަޒުގައި ފެށުމަށް ހަމަޖެހިފައިވާ ފަސް ވަނަ ސާބާ ޗެމްޕިއަންޝިޕަށް ތައްޔާރުވަމުންދާ ޤައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންވެސް ވަނީ މިމުބާރާތަކީ ތާރީހީ މުބާރާތެއްގެ ގޮތުގައި ސިފަކޮށް، މިއީ ދިވެހި ކުޅުންތެރިންނަށް އަލަށް ލިބިގެންދިޔަ ފުރުސަތެއް ކަން ފާހަގަކޮށްފައެވެ.

ޤައުމީ ޓީމުގެ ކެޕްޓަން މުހައްމަދު ޒިލާލް ބުނީ މިމުބާރާތް ޙާއްސަވެގެންދަނީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެލަން ލިބުމުން ކަމަށެވެ. ޓީމުގެ ކެޕްޓަން އިތުރަށް ބުނީ މިމުބާރާތުގައި ޓީމަށް ހޯދެން އޮތް އެންމެ ރަނގަޅު ކާމިޔާބީއެއް ހޯދުމަށް ޓީމުގެ ހުރިހާ ކުޅުންތެރިންވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ތަޖްރިބާކާރު ކުޅުންތެރިއާ އަލީ ފަޒްލީ ބުނީ މިއީ ދިވެހި ކުޅުންތެރިންނަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތު ކަމަށެވެ.

" ވަރަށް ރަނގަޅު ފުރުޞަތެއް މިއީ ސަޕޯޓަރުން ކުރިމަތީ ކުޅެން ލިބުމަކީ. ކެރިއަރުގައި އެންމެ ބޮޑަށް ބޭނުންވި ކަންތައް މިއީ " ފަޒްލީ ބުންޏެވެ.

މިމުބާރާތަށް ދިވެހި ޓީމު ނިކުންނައިރު އިންޑިޔާ ނޫން އެހެން ހުރިހާ ޓީމެއްވެސް ބަލިކުރެވޭނެ ކަމަށް ޓީމުން ވަނީ ބުނެފައި.

މުބާރާތުގެ ފުރަތަމަ މެޗުގައި ދިވެހިރާއްޖެ ހުކުރުދުވަހުގެ ރޭ ނިކުންނާނީ ވަރުގަދަ އިންޑިއާ އާދެކޮޅަށެވެ.

ޖެހިގެން އަންނަ ދުވަހު ރާއްޖެ ބައްދަލުކުރާނީ ނޭޕާލާއެވެ.

ފަސް ގައުމު ވާދަކުރާ މުބާރާތުގެ ތިންވަނަ މެޗުގައި ރާއްޖެ ނިކުންނާނީ ބަންގްލަދޭޝާއި ދެކޮޅަށެވެ. ލީގު ބުރުގެ ފަހު މެޗުގައި ދިވެހިރާއްޖެ ނިކުންނާނީ ސްރީލަންކާއާއި ދެކޮޅަށެވެ. އެ މެޗް ކުޅޭނީ އަންނަ އަންގާރަ ދުވަހުގެ ރެއެވެ. މުބާރާތުގައި ދިވެހިރާއްޖެ ކުޅޭ ހުރިހާ މެޗެއްވެސް ކުޅޭނީ ރޭގަނޑު ނުވައެއް ޖަހާއިރުއެވެ. ސައުތް އޭޝިއަން ބާސްކެޓްބޯޅަ މުބާރާތް ނުވަތަ ސާބާ ޗެމްޕިއަންޝިޕްގެ އެންމެ ފަހު މުބާރާތުން ރާއްޖެވަނީ ރިހި މެޑަލް ހޯދާފައެވެ.