އަލްމަރުޙޫމް މޭޖަރ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބޭއްވި ސިފައިންގެ އަހަރީ ބަޑި މުބާރާތް 2017 ނިންމާލައިފިއެވެ.
މި މުބާރާތް ނިންމުމުގެ ގޮތުން ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފް ޢުމަރެވެ.
އިންޑިވިޖުއަލް އަދި ޓީމް އިވެންޓްތައް ހިމަނައިގެން، މިމަހު 6 ވަނަ ދުވަހުން ފެށިގެން ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ކުރިއަށްގެންދިޔަ، މިއަހަރުގެ ބަޑި މުބާރާތުގެ އިންޑިވިޖުއަލް ކެޓަގަރީން އެންމެ މޮޅު ބަޑިޖެހުންތެރިއަކަށް ހޮވިފައިވަނީ ޕްރެޒިޑެންޓަލް ގާޑް، ޕީޖީގެ ސްޓާފް ސާޖަންޓް އަޙްމަދު ރަޝާދުއެވެ. ދެވަނަ ބަޑިޖެހުންތެރިއަކަށް ހޮވުނީ މެރިން ޑިޕްލޮއިމަންޓް 7 ގެ ކޯޕްރަލް މުޙައްމަދު ފައްޔާޒުއެވެ. 3 ވަނަ ބަޑިޖެހުންތެރިއަކަށް ހޮވިފައިވަނީ މާލޭ އޭރިއާ ހުޅުލެ ޕޯސްޓްގެ ސާޖަންޓް ފަސްޓްކުލާސް މުޙައްމަދު ޢަލީއެވެ.
އެމްއެންޑީއެފްގެ ޔުނިޓްތަކުގެ މެދުގައި ކުރިއަށްގެންދިޔަ ޓީމް އިވެންޓް ފަޔަރިންތައް ކުރިއަށްދިޔައީ ދެ ގިންތިއަކަށް ބަހާލައިގެންނެވެ. މިގޮތުން ގިންތި 1 ގެ އެއްވަނަ ޓީމުގެ މަޤާމު ހާސިލްކޮށްފައިވަނީ، ސްޕެޝަލް ފޯސަސް (އެސްއެފް) އިންނެވެ. މި ގިންތީގެ ދެވަނަ ޓީމަކަށް މެރިން ޑިޕްލޯއިމަންޓް ޔުނިޓް (އެމްޑީޔޫ 2) ހޮވިފައިވާއިރު ތިންވަނަ ހޮވިފައިވަނީ މާލޭ އޭރިއާ ހުޅުލެ ޕޯސްޓެވެ.
img:http://s3.psmnews.mv/images/660x400/14951144664014.jpg|ސިފައިންގެ އަހަރީ ބަޑި މުބާރާތް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް
މި މުބާރާތުގެ ގިންތި 2 އިން އެއްވަނަ ޓީމަކީ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) އެވެ. މި ގިންތީގެ ދެވަނަ ޕްރެޒިޑެންޓަލް ގާޑް (ޕީޖީ) އަށް ލިބުނު އިރު ތިންވަނައަށް ގޮސްފައިވަނީ އިންޓެގްރޭޓެޑް ހެޑްކުއޯޓާރގެ ޓީމެވެ.
ސިފައިންގެ އަހަރީ ބަޑި މުބާރާތަކީ މޭޖަރ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ކުރިއަށް ގެންދެވޭ މުބާރާތެކެވެ. އަލްމަރްޙޫމް މޭޖަރ އިނގިރޭސި ޢުމަރު މަނިކަކީ ސިފައިންގެ ޚިދުމަތުގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ، އިޚުލާޞްތެރިކަމާ ވަފާތެރިކަމާއެކު ސިފައިންގެ ބަޑިގުދަން ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތްކުރައްވާފައިވާ އޮފިސަރެކެވެ.
ސިފައިންގެ އަހަރީ ބަޑި މުބާރާތް ނިންމުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންގެ އިތުރުން މުބާރާތުގައި ބައިވެރިވާ ޓީމްތަކުންނާއި އެހެނިހެން ސިފައިން ބައިވެރިވެވަޑައިގެންނެވިއެވެ.