ޚަބަރު

ކޮޅުވެއްޓި މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން


ގެއްލިގެން ހޯދަމުންދިޔަ ކޮޅުވެއްޓި ފެނުމާއި ގުޅިގެން، އެއުޅަނދު މާލެ ގެނައުމަށް އިންޑިއާ މަނަވަރުގެ އެހީތެރިކަމާއެކު ދަތުރުކުރަމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން ޙަބަރެއް ނުވެގެން ހޯދަން ފެށި މާރިއާ-3 ނަމަކަށް ކިޔާ ކޮޅު ވެއްޓި، އޭގައި ތިބި އެންމެންނާއެކު ފެނިފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެމްއެންޑީއެފުން ވިދާޅުވީ ކޮޅުވެއްޓި މާލެ އާދެވޭނެ ގަަޑިއެއް ލަފާކުރެވޭނީ ކޮޅުވެއްޓި ނިސްބަތްވާ ކުންފުނިން ކޮޅުވެއްޓި ކަފުޖަހާނެ ޓަގެއް ހަމަޖެހުމުންކަމަށެވެ. އެމްއެންޑީއެފުން މަޢުލޫމާތުދެއްވާ ގޮތުގައި ކޮޅުވެއްޓީގެ އިންޖީނާއި އެހެނިހެން ސިސްޓަމްތައް ރަނގަޅަށް މަސައްކަތްކުރެއެވެ. ނަމަވެސް ކޮޅުވެއްޓީގެ ކުރީކޮޅުގައި ހިއްލާލެވޭ ގޮތަށް އޮންނަ ރޭމްޕް ވަރަށް ބޮޑަށް ހަލާކުވެފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. 

އަދި ކޮޅުވެއްޓީގެ ރޭމްޕަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ކޯސްޓްގާޑުގެ އޮފިސަރުން މަސައްކަތް ކުރަމުންދާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. 

މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން އެމްއެންޑީއެފުން ހޯދަމުން އަންނަ ކޮޅުވެއްޓި ފެނިފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ލާމު އަތޮޅު އިސްދޫމުލީގެ އިރު އުތުރުން 130 ނޯޓިކަލް މޭލު ބޭރުންނެވެ. މި ކޮޅުވެއްޓި ފެނިފައިވަނީ އިންޑިއަން ނޭވީގެ މަތިންދާބޯޓުން ހިންގި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންގެ ތެރޭގައެވެ. ކޮޅުވެއްޓި ފެނުމާއެކު އެސަރަޙައްދުގައި ހަރަކާތްތެރިވި އިންޑިއަން ނޭވީ ޝިޕް ކިރްޗް އަށް ވަނީ އެކަން އަންގާފައެވެ. 

"މާރިޔާ-3" ކޮޅުވެއްޓި ފެނުނު އިރު އޭގައި ތިބި 6 މީހުންވެސް ސަލާމަތްތެރިކަމާއެކު ތިއްބެވެ. އަދި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ ކޮޅުވެއްޓީގެ ކުރީ ކޮޅުގައި ހުންނަ ރޭމްޕުގެ ޗޭނު ކަނޑައިގެން ގޮސް، ކަނޑުތެރެއަށް ވެއްޓުމާއި މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ދަތުރުކުރަން އުނދަގޫ ވުމުންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.