އިނގިރޭސިވިލާތުގެ މެންޗެސްޓަރ އެރީނާގައި ކުރިއަށްދިޔަ ކޮންސެޓެއްގައި ދިން ޓެރަރިސްޓް ހަމަލާ، ދިވެހި ސަރުކާރުން ކުށްވެރިކުރައްވައިފިއެވެ.
އެ ޢަމަލު ކުށްވެރިކޮށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ޝާއިޢުކުރެއްވި ބަޔާނުގައި ވަނީ އެ ހަމަލާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކުރައްވާފައެވެ. އަދި މިޙަމަލާގެ ސަބަބުން އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މަޢުލޫމާތު ލިބިފައިނުވާކަމަށް ހާމަކުރައްވާ، މެންޗެސްޓަރގައި މިވަގުތު ތިބި ދިވެހިންގެ ޙާލަތު ގާތުން ބައްލަވަމުންގެންދަވާކަމުގެ ޔަޤީންކަން މިނިސްޓްރީން ވަނީ ދެއްވާފައެވެ. އަދި މެންޗެސްޓަރގައި ތިބި ދިވެހިންގެ މަޢުލޫމާތު މިނިސްޓްރީގެ ހޮޓްލައިން މެދުވެރިކޮށް ހިއްސާކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.
މެންޗެސްޓަރ އެރީނާގައި ކުރިއަށްގެންދިޔަ ކޮންސެޓެއްގައި ދިން ހަމަލާގައި ނަވާރަ މީހުން މަރުވެ، ފަންސާހަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަމަށް އިނގިރޭސިވިލާތުން މަޢުލޫމާތުދެއެވެ. މިއީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ޝައްކުކުރެވޭ ކަމަށް އެގައުމުގެ ސަލާމަތީ ބާރުތަކުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން ބުނެފައިވަނީ މި ގޮވުމުގެ އަސްލު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާ މިއީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ޝައްކުކުރެވޭ ކަމަށެވެ. އަދި އެނޫން ގޮތަކަށް ސާބިތުވަން ދެން މި ހާދިސާ ތަހްޤީޤުކުރަމުންދާނީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތަށް ކަމަށް ވެސް އިނގިރޭސިި ފުލުހުން ވަނީ ބުނެފައެވެ. ހޯމަދުވަހު ހިނގި މި ޙާދިސާއަކީ ޓެރަރިސްޓް ހަމަލާއެއް ކަން ކަށަވަރު ވެއްޖެނަމަ މި ހަމަލާ ވަނީ 2005 ވަނަ އަަހަރު ލަންޑަންގެ ރޭލުގެ ނިޒާމަށް ދިން ޓެރަރިސްޓް ހަމަލާގެ ފަހުން އެސިޓީގައި ދިން އެންމެ ނުރައްކާތެރި ހަމަލާއަށެވެ. 2005 ވަނަ އަހަރުގެ ހަމަލާގައި 52 މީހުން މަރުވިއެވެ.
މި ޙާދިސާއާ ބެހޭ ގޮތުން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ތެރީސާ މެއި ވިދާޅުވީ، މެންޗެސްޓަރ އެރީނާގައި ހިނގި ހާދިސާއާ ބެހޭ ހުރިހާ މަޢުލޫމާތެއް ހޯދުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި މި ވަގުތު އިނގިރޭސިވިލާތް އޮތީ މި ޙާދިސާގައި މަރުވި އަދި ޒަޚަމްވި މީހުންގެ އާއިލާތަކާއެކު ކަމަށް ވެސް އިނގިރޭސި ބޮޑު ވަޒީރު ވިދާޅުވިއެވެ.
އިނގިރޭސި ބޮޑު ވަޒީރު ވަނީ ކުރިއަށް އޮތް ޢާއްމު އިންތިޚާބަށް ކެމްޕޭން ކުރުމުގެ ކަންކަން މި ވަގުތު މަޑުޖައްސާލަވާ މި ޙާދިސާގެ ތަހްޤީޤަށް އިސްކަން ދެއްވުމަށް ނިންމަވާފައި ކަމަށް ވެސް ޚަބަރު ލިބެއެވެ. މިއަދުގެ ވަގުތެއްގައި އިނގިރޭސި ވަޒީރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
މި ޙާދިސާ ހިނގި މެންޗެސްޓަރ އެރީނާއަކީ 21 ހާސް މީހުން އެއްފަހަރާ ތިބުމުގެ ޖާގަ އޮންނަ ބޮޑު ތަނެއް ކަމަށް ޚަބަރު ލިބެއެވެ. އަދި ލަވަކިޔުންތެރިޔާ އާރިއާނާގެ ކޮންސެޓަށް ގިނަ އަދަދެއްގެ ޒުވާނުންނާ ކުޑަކުދިން ގޮސްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. މިޙާދިސާއަށް ފަހު ސޯޝަލް މީޑިއާގައި މިހާތަނަށް ޢާއްމުވެފައިވާ ވީޑިއޯތަކުން ފެންނަނީ ގޮވުމަށް ފަހު ގިނަ އަދަދެއްގެ ބައެއް އެރީނާއިން ނިކުތުމަށް މަސައްކަތް ކުރާތަނެވެ. އަދި ބައެއް ކުޑަކުދިން ގެއްލިގެން އެކުދިންގެ އާއިލާތަކުން ހޯދަމުންދާ މަންޒަރުތައް ވެސް މިވީޑިއޯތަކުން ފެނިގެންދެއެވެ.
މި ޙާދިސާއަށް ފަހު 23 އަހަރުގެ ލަވަ ކިއުންތެރިޔާގެ ޓީމުން ބުނެފައިވަނީ މި ޙާދިސާގައި އޭނާއަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށެވެ.