ޚަބަރު

ގުގުރިއެއްޖަހާ ވަށަފަރުން ކަރަންޓު ކެނޑިއްޖެ


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބާރުގަދަ ގުގުރިއެއް ޖަހާ ހއ.ވަށަފަރުން ކަރަންޓު ކެނޑި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މިއަދު ހެނދުނު ހިނގި މި ހާދިސާގައި އެރަށަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ތިން ކަރަންޓް ޑިސްޓްރިބިއުޝަން ފޮއްޓެއްގައި އަލިފާން ރޯވެ، ކަރަންޓު ކެނޑި، ގޭގޭގައި ބޭނުންކުރާ އިލެކްޓްރޯނިކް ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ވަށަފަރު ކައުންސިލްގެ މެންބަރު އަބްދުﷲ ރަޢޫފް ވިދާޅުވިއެވެ.  

ދިރާގު ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ޓަވަރުގެ ކަރަންޓު ބޯޑުތަކުގައި އަލިފާން ރޯވެ މުއާސަލާތު ކުރުމަށް ގިނަ ދަތިތައް ކުރިމަތިވެފައިވާކަމަށްވެސް ރައޫފް ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/14955375558832.jpg|ވަށަފަރުގެ ކަރަންޓު ބޯޑަކަށް ލިބިފައިވާ ގެއްލުންތައް / ފޮޓޯ: ވަށަފަރު ކައުންސިލް

މީގެ އިތުރުން ރަށު ކައުންސިލާއި، ސްކޫލް އަދި ކޯޓުފަދަ މުއައްސަސާތަކަށް ގެންލުންވެ ގަވަރންމެންޓް ނެޓްވޯކްގެ ގުޅުން ކެނޑިފައިވާކަމަށްވެސް ރައޫފް ވިދާޅުވިއެވެ. ގުޅުން ކެނޑުމުގެ ސަބަބުން ކަމާ ބެހޭ ފަރާތްތަކަށް އެންގުމަށް ގިނަ ދަތިތަކަކާއި ކުރިމަތިވި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު އަތޮޅު ކައުންސިލްއާއި ޑިޒާސްޓަރ މެނޭޖްމެންޓްއަށް އަންގާފައިވާ ކަމަށާއި މިކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަށަފަރައް ހޮނުއަޅާ ކަރަންޓު ގޮސްފައިވަނީ މިއަދު ހެނދުނު ހައެއް ޖަހާއެހާކަންހާއިރުއެވެ. ނަމަވެސް ކަރަންޓު ބޯޑުތަކަށް ދިމާވި ބައެއް މައްސަލަތައް ހައްލުކުރެވި މިހާރު ވަނީ ކަރަންޓު ފޯރުކޮށްދީފައެވެ.