ސިއްހަތު

ހެލްތު މިނިސްޓަރއަށް ޑަބްލިއު.އެޗް.އޯގެ ޚާއްސަ އެވޯޑެއް


ވޯލްޑް ހެލްތު އޯރގަނައިޒޭޝަން، ޑަބްލިއު.އެޗް.އޯއިން ދޭ "ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް" ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމަށް ދެއްވުމަށް އެޖަމްޢިއްޔާއިން ނިންމަވައިފިއެވެ.

ޑަބްލިއު.އެޗް.އޯއިން ހާމަކުރެއްވި ގޮތުގައި ހެލްތު މިނިސްޓަރ ނާޒިމަށް އެ އެވޯޑް އަރުވަން ނިންމެވީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރެއްވުމަށް އިސްނަންގަވާ ކުރައްވާ މަސައްކަތްޕުޅު އަގުވަޒަން ކުރެއްވުމުގެ ގޮތުން ކަމަށެވެ. އެގޮތުން ރާއްޖޭގެ ދައުލަތާއި، މަޖިލީސް މެމްބަރުންނާއި ގުޅިގެން ދުންފަތް ހުންނަ އުފެއްދުންތަކުން 60 އިންސައްތަ ޓެކްސްނަންގަވާ މިފަދަ އުފެއްދުންތައް ރާއްޖެ އެތެރެވުން މަދުކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތައް ޑަބްލިއު.އެޗް.އޯއިން ފާހަގަކުރައްވާފައިވެއެވެ. އަދި މިފަދަ ފިޔަވަޅަކީ ރާއްޖޭގެ އިތުރުން ޑަބްލިއު.އެޗް.އޯގެ ދެކުނު އޭޝިއާގެ ޤައުމުތަކުގައި ހާސިލްކުރެނު ކާމިޔާބީއެއްކަންވެސް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އެމަނިކުފާނު ޓޮބޭކޯ ސެސޭޝަންގެ ޚިދުމަތް ރާއްޖޭގައި ތަޢާރަފްކޮށް ޓޮބެކޯ ސެސޭޝަން ޓޫލްކިޓް މާލޭގައި ތައާރަފްކުރެއްވުމާއި "އައި ޗޫސް ލައިފް ކެމްޕޭން"ގެ ނަމުގައި އެމަނިކުފާނު އިސްނަންގަވާ ހިންގެވި ދުންފަތުގެ ގެއްލުމުގެ މައުލޫމާތު އާންމުނަށް އެންގެވުމަށް ކުރެއްވި މަސައްކަތްޕުޅު ޑަބްލިއު.އެޗް.އޯއިން ފާހަގަކުރެވެ.

ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑަކީ، ޑަބްލިއު.އެޗް.އޯގެ 6 ރީޖަންގައި ދުންފަތް ކޮންޓްރޯލްކުރުމަށް ބޮޑެތި މަސައްކަތްތައް ކުރައްވާ ފަރާތްތަކުގެ މަސައްކަތް ފާހަގަކޮށް ދޭ އެވޯޑެކެވެ.