މިހިނގާ މާލީ އަހަރު އިންޑިޔާގެ އިޤްތިޞާދު ފަހެއް ޕޮއިންޓް ދޭއް އިން ސައްތަ ކުރި އަރާނޭކަމަށް އިންޑިޔާ ސަރުކާރުން ހާމަކޮށްފިއެވެ.
އިންޑިޔާގެ ބޮޑުވަޒީރު އެކުލަވާލާފައިވާ މާލީ މުޝީރުންގެ ކޮމިޓީގެ ޗެއަރމަން ރަންގަރާޖަން އިއްޔެ ވިދާޅުވީ މާޗްމަހުގެ އެއް ތިރީހަށް މިހިނގާ މާލީ އަހަރު ނިމޭއިރު އިޤްތިޞާދު ކުރި އަރާނޭކަމަށް ލަފާ ކުރެވެނީ ފަހެއް ޕޮއިންޓް ދޭއް އިން ސައްތައަށް ކަމަށެވެ.
ސިނާއީ އުފެއްދުންތަކުން އިޤްތިޞާދަށް އަންނަ ކުރިއެރުން ދަށްވުމުގެ ސަބަބުން އިންޑިޔާ ސަރުކާރުން މިއަހަރަށް ކަނޑައެޅި އަމާޒަށް ވާޞިލް ނުވި ނަމަވެސް ފެށޭ މާލީ އަހަރު އެކަން ރަގަޅުކޮށް އިޤްތިޞާދަށް ލިބޭ ކުރިއެރުން ރަގަޅު ކުރަން ބޮޑު ވަޒީރު ބޭނުންފުޅު ވެވަޑައިގަންނަވާ ކަމަށްވެސް މުޝީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރު މިއޮތް ގޮތުން ނަމަ އެޕްރީލް އެއްވަނަ ދުވަހު ފެށޭ އާ މާލީ އަހަރު އިންޑިޔާގެ އިޤްތިޞާދީ އުފެއްދުންތެރިކަން ފަހެއް ޕޮއިންޓް ހަޔަކަށް އަރާނޭކަމަށް ލަފާ ކުރެވޭ ކަމަށެވެ.