ރޯދަމަހުގެ ފުރަތަމަ ދިހައެއް ނިމުނުއިރު ބާރަހާހަށްވުރެ ގިނަ މީހުން ފިތުރު ޒަކާތް ދައްކާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މާލޭގެ އިތުރުން އަތޮޅުތެރޭގައި ފިތުރު ޒަކާތް ދެއްކުމުގެ އިންތިޒާމްތައް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސަވާފައެވެ. މީގެއިތުރުން އެސްއެމްއެސްއާއި އަޔާދި ތަކަފުލް މެދުވެރިކޮށްވެސް ފިތުރު ޒަކާތް ދެއްކޭނެއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އެ މިނިސްޓްރީއަށް މިހާތަނަށް އެގާރަހާސް އަށްސަތޭކަ މީހުން ފިތުރު ޒަކާތް ދައްކާފައިވާކަމަށެވެ. އަދި އެސް.އެމް.އެސް މެދުވެރިކޮށް ޖުމްލަ އަށްސަތޭކަ ފަސްދޮޅަސް ދެ މީހަކު ޒަކާތްދައްކާފައިވާއިރު އަޔާދި ތަކަފުލް މެދުވެރިކޮށް ސަތޭކަ ސާޅީސް އަށް މީހަކު ޒަކާތް ދައްކާފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
ޒަކާތް ނެރެންވާނީ އެ މީހަކު އާއްމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތަކުންނެވެ. ފިތުރު ޒަކާތުގެ ނެރެންޖެހޭ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރަށްވާ ފައިސާއެވެ.
މާލޭ މީހުން ޒަކާތް ދައްކަންޖެހޭނީ އާދައިގެ ހަނޑުލުންނަމަ މީހަކަށް ސޯޅަ ރުފިޔާއެވެ. ތައިލެންޑް ހަނޑުލުންނަމަ މީހަކަށް ފަންސާސް ފަސް ރުފިޔާއެވެ. އަދި ބާސްމަތީ ހަނޑުލުން ނަމަ އަށްޑިހަ ރުފިޔާއެވެ. ރަށްރަށުން ޒަކާތް ދައްކަންޖެހޭނީ އެރަށަކުން ހަނޑު ގަންނަށް ލިބޭ އަގަކުން ދޭއް ޕޮއިންޓް ހަތަރެއް ކިލޯއަށް ވާވަރަށެވެ.
ފިތުރު ޒަކާތް ބަލައިގަންނަމުންދާނީ ރަމަޟާންމަހުގެ ނަވާވީސް ވަނަދުވަހުގެ 1400ގެ ނިޔަލަށްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.