ޚަބަރު

ގްރީސް ސަފީރު ރައީސަށް ފަތްކޮޅު އަރުވައިފި


ގުރީސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން – ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ޕަނޮސް ކަލޮގެރޮޕުލަސް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުއްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ގުރީސްގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ސަފީރަށް ތަޙުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދެންނެވިއެވެ. މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ގުރީސްއާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، 2004 ވަނަ އަހަރު ދިމާވި ސުނާމީގެ ކާރިޘާ އާ ގުޅިގެން ގުރީސް ސަރުކާރުގެ ފަރާތުން ރާއްޖެއަށް ފޯރުކޮށްދެއްވި އެހީތެރިކަން ފާހަގަކުރައްވާ އެކަމަށްޓަކައި ޝުކުރު އަދާ ކުރެއްވިއެވެ. އަދި، ވޭތުވެދިޔަ 34 އަހަރުގެ ތެރޭގައި ތަފާތު ކަންކަމުގައި ގުރީސް ސަރުކާރުން ދިވެހިރާއްޖެއަށް ފޯރުކޮށްދެއްވި އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާ ކުރެއްވިއެވެ.

މި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށާ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގައި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ގުރީސްގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ދޭތެރޭގައިވާ ގުޅުން އެކި ދާއިރާއިން އިތުރަށް ބަދަހިކުރެއްވުމާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މިގޮތުން، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާ ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ‏ބައިވެރިވެވަޑައިގެންނެވިއެވެ.