ޚަބަރު

މީދޫގެ ގިނަ ރައްޔިތުންގެ އުއްމީދު ތަކަކާއެކު ބިން ހިއްކުމުގެ މަޝްރޫޢު





 


ނިލަންދެއަތޮޅު ދެކުނުބުރީ މީދޫއަކީ ރާއްޖޭގެ ނިސްބަތުން އެންމެ ބޮޑަށް އާބާދީ ތޮއްޖެހިފައިވާ އެއް ރަށެވެ.


 
ރަށުން ގޯތި ދޫކުރާނެ ބިން ހުސްވުމުގެ ސަބަބުން ގޯތި ދޫނުކުރާތާ އެކާވީސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު މީދޫގެ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކަށް ވެފައިއޮތީ އެރަށުގެ ބިންހިއްކައި ބިމުގެ ތަނަވަސްކަން ލިބުން ކަމަށް އެރަށު މީހުން ބުނެއެވެ.


 
 
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫއަކީ ރާއްޖޭގެ ރަށްރަށުގެ ނިސްބަތުން ކުޑަ އެހެން ނަމަވެސް އާބާދީ ބޮޑު ރަށެކެވެ. އެގާރަ ހެކްޓަރުގެ މިރަށުގައި އެއްހާސް ތިންސަތޭކައަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ.


މީހުން ދިރިއުޅޭ ދުއިސައްތައަށްވުރެ ގިނަ ގެ ހުންނަ މީދޫއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރަށުގައި ގޯތި ދޫކުރާނެ ބިން ނެތުމުގެ މައްސަލަ ކަމަށް އެރަށު ރައްޔިތުން ބުނެއެވެ. ރަށުން ގޯތި ދޫނުކުރާތާ ބާވީސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު އާބާދީ ތޮއްޖެހުމުގެ ސަބަބުން އިޖުތިމާއީ ތަފާތު މައްސަލަތައް ދިމާވަމުންދާ ކަމަށް މީދޫ ކައުންސިލުން ބުނެއެވެ. މީދޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން މިހާރުވަނީ މީދޫގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައެވެ.


 
ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން އެމަނިކުފާނުގެ ސަރުކާރުން އެންމެ ފުރަތަމަ މީދޫ ޚިޔާރު ކުރެއްވީ މީދޫއަކީ ބިމުގެ ދަތިކަން އެންމެ ބޮޑަށް ދިމާވެފައިވާ ރަށްކަން ފާހަގަ ކުރެވިގެން ކަމަށެވެ. އަދި ރައްޔިތުން ބޭނުންވިވަރަށް ސަތާރަ ޕޮއިންޓް ފަހެއް ހެކްޓަރުގެ ބިން އެރަށަށް އިތުރުކޮށްދެއްވިކަމަށްވެސް ރައީސް ވިދާޅުވިއެވެ.


 
މީދޫ ބިން ހިއްކުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ދެހަފްތާއެއްހާ ދުވަސްތެރޭގައި މިމަސައްކަތް ނިންމާލެވޭނެކަމަށެވެ.


މީދޫގެ ބިން ހިއްކުމުގެ މަސައްކަތް ފެށިގެން ދިއުމުން އެރަށުގެ ރައްޔިތުން ބުނީ މިއީ މީދޫގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސް ކަމަށެވެ.


ނެދަލޭންޑްގެ ބޮސްކާލިސް އިންޓަރނޭޝަނަލް އާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ދ.މީދޫގައި ސަތާރަ ޕޮއިންޓް ފަހެއް ހެކްޓަރުގެ ބިން ހިއްކައި ހަތަރުސަތޭކަ އަށްޑިހަ ފަސްފޫޓުގެ ދިގު ރިވެޓްމެންޓެއް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.


 
 


އަށާރަ މަސްދުވަހުން ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ދަށުން ބ.އޭދަފުށްޓާއި ކ.ތުލުސްދޫގެ އިތުރުން ދ.ކުޑަހުވަދޫގެ ބިންވެސް ބޮސްކާލިސްއާއި ހަވާލުކޮށްގެން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓްރީއިން ބުނޭ.  މިއީ ސަރުކާރުން ދިހައެއް ޕޮއިންޓް އަށެއް މިލިއަން އެމެރިކާ ޑޮލަރު ޚަރަދު ހޭދަ ކޮށގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.