މިއަދުން ފެށިގެން ސިޔާސީ ޕާޓީ ބަދަލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅުއްވައިފިއެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅުއްވީ ރައްޔިތުން މަޖިލީހުގެ މެމްބަރުން، މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފިނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެކަމަށް ކަނޑައަޅާދިނުމަށް ދައުލަތުގެ ފަރާތުން ސުޕްރީމްކޯޓުގައި އެދުނު މައްސަލައިގައި އިއްވެވި ޙުކުމްގައެވެ.
ސުޕްރީމް ކޯޓުގެ ޙުކުމުގައި މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކުރުމަކީ ރައްޔިތުން އިންތިޚާބުކުރި ފިކުރާ ޚިލާފުވާ ކަމެއްކަން ފާހަގަކުރައްވާ، މިފަދަ ކަންކަމުގެ ސަބަބުން މުޖްތަމަޢުއަށްވެސް އޭގެ ނޭދެވޭ އަސަރުކުރާކަން ފާހަގަކުރައްވާފައިވެއެވެ. އަދި ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ޕާޓީ ބަދަލުކުރުމުން ފިޔަވަޅު އެޅުމަށް އުސޫލުތަކާއި ޤާނޫނުތައް ހަދާފައިވާކަން ކޯޓުގެ ޙުކުމްގައިވެއެވެ. އެހެންކަމުން ރާއްޖޭގައިވެސް ޕާޓީ ބަދަލުކުރުމާ ގުޅޭގޮތުން ޤާނޫނެއް އޮންނަންޖެހޭކަމަށް ސުޕްރީމް ކޯޓުގެ ޙުކުމްގައިވެއެވެ.
ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބަންޑާރަ ނައިބް އެދިވަޑައިގެންފައިވަނީ ރައްޔިތުން މަޖީލީހަށް މެމްބަރަކު އިންތިހާބުކުރާއިރު އެ މެމްބަރަކުން އިންތިޚާބްވާ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެޕާޓީއަކުން ވަކިކޮށްފިނަމަ ނުވަތަ އަމިއްލައަށް ޕާޓީން ވަކިވިނަމަވެސް އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެކަމަށް ކަނޑައަޅާދިނުމަށެވެ.
ބަންޑާރަ ނައިބް މުޙައްމަދު އަނިލް ވިދާޅުވީ އެގޮތަށް ކަނޑައަޅާ ދިނުމަށް އެދިވަޑައިގެންފައިވަނީ ޤާނޫނު އަސާސީގެ 26 ވަނަ މައްދާއާއި 30 ވަނަ މައްދާއާއި 74 ވަނަ މައްދާއާއި ހަތްދިހަފަސްވަނަ މައްދާ މާނަކޮށްގެންކަމަށެވެ.