ރިޕޯޓް

ސާނަވީ އިމްތިޙާނުގައި މިއަހަރު ޤައުމީ ރެކޯޑެއް!


މިދިޔަ އަހަރުގެ ސާނަވީ އިމްތިޙާނުގެ އެންމެ ރަނގަޅު ނަތީޖާ 589 ދަރިވަރުން ޙާޞިލްކޮށް ޤައުމީ ރެކޯޑެއް ޤާއިމްކޮށްފިއެވެ. މިއީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ ޢަދަދަކަށް ގަދަ ދިހައެއްގައި ދަރިވަރުން ހިމެނުނު އަހަރެވެ.

2016 އަހަރު ސާނަވީ އިމްތިޙާނުގައި  5492  ދަރިވަރުން ބައިވެރިވެފައިވެފައިވެއެވެ. މީގެ ތެރެއިން 589 ދަރިވަރުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ގަދަ ދިހައެއްގައި ހިމެނުނު 87 ކުދިންގެ އިތުރު ޢަދަދެކެވެ.

މިދިޔަ އަހަރު އަށް މާއްދާއިން އޭ ފާސް ހޯދި ދަރިވަރުންގެ ޢަދަދުވެސް ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު އިތުރުވެފައެވެ. މިދިޔަ އަހަރު ހުރިހާ މާއްދާއަކުން 126 ދަރިވަރުން އޭ ފާސް ހާސިލްކޮށްފައިވެއެވެ. އޭގެ ކުރީ އަހަރު އޭ ފާސް ލިބިފައިވަނީ 76 ދަރިވަރަކަށެވެ. މިއީ ފަންސާސް ކުދިންގެ އިތުރު ޢަދަދެކެވެ. މިދިޔަ އަހަރު ދުނިޔެއިން އެއްވަނަ 48 ދަރިވަރަކު ހާސިލްކޮށްފައިވެއެވެ. 2015 ވަނަ އަހަރު ދުނިޔެއިން އެއްވަނަ ހާސިލްކޮށްފައިވަނީ 40 ދަރިވަރުންނެވެ. އެހެންކަމުން މިއީ 48 ދަރިވަރުންގެ އިތުރު ޢަދަދެކެވެ.

މިދިޔަ އަހަރު ފަސް މާއްދައިން ފާސްވި ކުދިންގެ ޢަދަދު ވެސް ވަނީއޭގެ ކުރީ އަހަރާއި އަޅާބަލާއިރު ހަތްދިހަ އިންސައްތަ އިތުރުވެފައެއެވެ. އަދި ތިން މާއްދައިން ފާސްވި ކުދިންގެ ނިސްބަތަކީ 79އެއް އިންސައްތައެވެ.

ދެހާސް ސޯޅަވަނަ އަހަރުގެ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދެވެ. 

މި ޖަލްސާގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމް ދެއްކެވި ވާހަކަފުޅުގައި، އެންމެ ކުއްޖަކުވެސް ބާކީނުކޮށް، ކުރިމަގަށް ރިޢާއަތްކޮށް، ޒުވާނުންނަށް ފާގަތި މުސްތަޤްބަލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިރުޝާދުގެ ދަށުން ތަޢުލީމީ ދާއިރާއަށް ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ގެނެވުނު އީޖާބީ ބަދަލުތަކުގެ ނަތީޖާ ނުހަނު ފޮނިކަމުގައި ފާހަގަކުރެއްވިއެވެ.

ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންނަށާއި، ދުނިޔޭގެ އެންމެ ރަނގަޅު 10 ނަތީޖާގައި ހިމެނިފައިވާ ދަރިވަރުންނަށާއި، ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން ވަކި ވަކި މާއްދާތަކުން ރާއްޖެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ހަނދާނީ ލިޔުމާއި ޓްރޮފީ ހަވާލުކޮށްދެއްވިއެވެ.