ޚަބަރު

ހަމަޖެހުން ނަގާލުމަށް ބަޔަކު ދަނީ މަސައްކަތްކުރަމުން- ޕޮލިސް


ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ހަމަޖެހުން ނަގާލުމަށް ގަސްދުގައި ބަޔަކު މަސައްކަތްތަކެއް ކުރަން ރާވަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ހާމަކުރައްވައިފިއެވެ.

ޕޮލިސް ސަރވިސުން މިކަމާއި ގުޅޭގޮތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި މާރާމާރީ އާއި ރޭވިގެން ހިންގާ ކުށްތައް މަދުކުރެވިފައިވަނިކޮށް، ފަހަކަށް އައިސް މިފަދަ ކުށްކުރުން އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި ބަޔަކު ގަސްދުގައި ރާއްޖޭގެ ހަމަޖެހުން ނަގާލުމަށް މަސައްކަތްކުރަމުންދާކަމަށާއި ނަމަވެސް އެފަދަ އެއްވެސް ކަމެއް ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި ހިންގުމުގެ ފުރުޞަތު ނުދެއްވާނެކަމަށް ޕޮލިހުގެ ބަޔާނުގައިވެއެވެ.

މިބަޔާނުގައި މާލެއާއި ރާއްޖޭގެ އެހެނިހެން ސަރަޙައްދުތައް ބެލެއްޓެމުގެގޮތުން ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށާއި ހަމަޖެހުން ނަގާލުމުގެ އެއްވެސް އަމަލެއް ހިންގުމަށް ހިތްވަރުދީ އެފަދަ އަމަލެއް ރާވައި ނުވަތަ އެފަދަ އަމަލެއް ކުރަން އުޅޭޖަނަށް ބެލެވޭ ފަރާތްތަކާމެދުވެސް ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް މޯލްޑިވްސް ޕޮލިސް ސަރވިސުން ބުނެއެވެ.