ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ މައްސަލަ ކޯޓުން ބޭރުކޮށްލި އިރު ގޮސްފައިވާ ހިސާބުން، އަލުން ފަށަން ނިންމާ އިތުރު އަޑުއެހުމެއް މިރޭ ބާއްވަން ކުރިމިނަލްކޯޓުން ނިންމައިފިއެވެ.
ޤާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން ކުރާ ރިޝްވަތުގެ ދައުވާގެ އަޑުއެހުންތައް ފެށިފައިވަނިކޮށް އެ މައްސަލަ ކޯޓުން ބޭރުކޮށްލާފައިވަނީ ދައުލަތުގެ ވަކީލުން ކޯޓަށް ހާޒިރުނުވެގެންނެވެ.
އެ މައްސަލަ ދައުލަތުން އަލުން ކޯޓަށް ހުށައެޅުމުން މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި މައްސަލަ ބައްލަވާ ޤާޒީ ވިދާޅުވީ މި މައްސަލަ ކުރިޔަށް ގެންދާނީ ކުރިން އެ މައްސަލަ ގޮސްފައިވާ ހިސާބުން ފަށައިގެންކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ޤާސިމް ވަނީ ވަކީލަކު އައްޔަންކުރުމަށް ދިހަ ދުވަހުގެ ފުރުސަތެއް ދިނުމަށް އެދިފައެވެ. އެހެންމަވެސް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މި މައްސަލާގައި ޤާސިމް ވަކީލުން ހަމަޖައްސާފައި ނެތަސް ޤާސިމްގެ އެކިކަންކަމުގައި ވަކީލުން ކޯޓަށް ހާޒިރުވަމުން އަންނަކަމަށެވެ. އަދި މީޑީއާގައިވެސް ޤާސިމްގެ ފަރާތުން ވަކީލުން ވާހަކަ ދައްކަމުން އަންނަކަމަށާއި އެހެންކަމުން ވަކީލުން އައްޔަންކުރުމަށް އިތުރު ފުރުޞަތެއް ނުދެއްވާނެކަމަށް ގާޒީ ވިދާޅުވިއެވެ.
މި މައްސަލައިގެ އަޑުއެހުމެއް މިރޭ ބާއްވަން ތާވަލްކޮށްފައިވާއިރު މިރޭގެ އަޑުއެހުމަށް ވަކީލުން ހަމަޖެއްސުމަށާއި ވަކީލުން ހަމަނުޖެއްސި ނަމަވެސް މައްސަލަ ކުރިޔަށް ގެންދަވާނެކަމަށްވެސް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ.
ޤާސިމްގެ މައްސަލައިގެ އަޑުއެހުންތައް އަލުން ފަށާފައިމިވަނީ އޭނާގެ ބަލި ހާލަތު ހުރިގޮތުން ހޮސްޕިޓަލްގައި އެޑްމިކޮށް، ފަރުވާއަށްފަހު އިއްޔެގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލުމާއިއެކުގައެވެ.
ޤާސިމް އިބްރާހިމްގެ މައްސަލަ ކުރިން ބަލާފައިވަނީ ކުރިމިނަލްކޯޓްގެ ތިން ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ. މި މައްސަލައިގެ އަޑުއެހުންތައް މިއަދު އަލުން ފެށި އިރު މިހާރު މި މައްސަލަ ބައްލަވަނީ ކުރިމިނަލްކޯޓްގެ ހިންގެވުމާއި މިވަގު ހަވާލުވެ ހުންނެވި ގާޒީއެވެ.