ކުޅިވަރު

މިލަންދޫން ގްރީން ސްޓްރީޓަށް ވަރުގަދަ ޗެލެންޖެއް


މެޗުގެ އަށްޑިހަ ނުވަ ވަނަ މިނިޓްގައި ސޮބަލް އިލިއާ ކާމިޔާބުކޮށްދިން ލަނޑުން އުރިދޫ ދިވެހި ޕްރިމިއަރ ލީގުގައި ގްރީން ސްޓްރީޓްސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.

މިއަދު ހަވީރު ކްލަބް ގްރީން ސްޓްރީޓްސް އާއި ށ.މިލަންދޫ ބައްދަލުކުރި މިމެޗު ގްރީން ކާމިޔާބުކުރީ 2-1 ނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ގްރީންސްޓްރީޓުންނެވެ. މިލަނޑު މެޗުގެ ފަސް ވަނަ މިނެޓުގައި ގްރީންގެ ކެޕްޓަން ފަރުހާދު ނަގައިދިން ހުރަހަކުން ކާމިޔާބުކޮށްދިނީ ފޯވާޑް އަހުމަދު ރަޝީދު، އައްމަޑޭއެވެ.

ފުރަތަމަ ހާފްގައި މެޗު ޑޮމިނޭޓްކޮށްގެން މޮޅަށް ކުޅުނީވެސް ގްރީންއިންނެވެ. އެހެންނަމަވެސް އިތުރު ލަނޑެއް ޖަހާނެ މާރަނގަޅު ފުރުސަތުތަކެއް ގްރީންއަށް ފުރަތަމަ ހާފްގައި ތަނަވަސްކުރެވިފައެއް ނުވެއެވެ.

މެޗުގައި މިލަންދޫއިން ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފްގެ މެދަކާ ހިސާބުންނެވެ. މިލަނޑު މެޗުގެ 64 ވަނަ މިނެޓުގައި މިލަނދޫއަށް ކާމިޔާބުކޮށްދިނީ ޓީމުގެ ކެޕްޓަން އިސްމާއިލް ފަތުހީއެވެ. މިއީ ގްރީންގެ ގޯލް ކީޕަރު ޖުން ކޮޗީއަށް ހެދުނު ގޯހެއްގެ ސަބަބުން ކާމިޔާބުކުރެވުނު ލަނޑެކެވެ. ގޯލްކީޕަރ ޖުން ފަހަތުން ކްލިއާ ކޮށްލަން ފޮނުވާލި ބޯޅަ ލިބުނީ އޭރިއާ ކަނަކާ ހިސާބުގައި ހުރި ފަތުހީއަށެވެ. ފަތުހީ ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު ދެވަނަ ޓަޗުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ ގޯލް ކީޕަރު ޖުންގެ ބޯމަތިންނެވެ.

މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް މެޗުން ގްރީންއަށް ތިން ޕޮއިންޓް ހޯދައިދިން ލަނޑު ކާމިޔާބުކޮށްދިނީ ސޮބާލްއެވެ. މެޗުގެ އަށްޑިހަ ނުވަ ވަނަ މިނެޓުގައި ސޮބާލް ހުސް ގޯލެއްގެ ތެރެއަށް ބޯޅަ ފޮނުވާލީ އަހުމަދު ރަޝީދު އައްމަޑޭ ނަގައިދިން ރީތި ހުރަހަކުންނެވެ.

މިއީ މިލަންދޫން އެޓީމްގެ ފުރަތަމަ މެޗުގައި މާލޭ ލީގުގެ ދެވަނަ ޓީމާ ދެކޮޅަށް ކުރި ރަނގަޅު ޗެލެންޖެކެވެ.