އަލީ އަޝްފާގް ދަގަނޑޭ ކާމިޔާބުކޮށްދިން ލަނޑާއެކު ގްރީން ބަލިކޮށް ނިއުރޭޑިއަންޓް މުހިއްމު މޮޅެއް ހޯދައިފިއެވެ.
އޫރިދޫ ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗު ނިއު ކާމިޔާބުކުރީ އެކެއް ސުމަކުންނެވެ. މިމެޗުގައި ނިއުއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ ސާޅީސް ތިން ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލީ އަޝްފާގް ދަގަނޑޭއެވެ.
މިލަނޑަކީ ގްރީން ސްޓްރީޓްސްގެ ކުޅުންތެރިންނަށް ހެދުނު މިސްޓޭކެއްގެ ސަބަބުން ނިއުއަށް ކާމިޔާބުކުރެވުނު ލަނޑެއް ކަން ފާހަގަކޮށްލެވެއެވެ.
މިގޮތުން އަލީ އަޝްފާގް ޕެނަލްޓީ އޭރިއާ ކުރިމަތިން ކަހަލަ ގޮތަކަށް ބޯޅަ ހިފައިގެންގޮސް ޓީމުގެ ބިދޭސީ ފޯވާޑް ގަލާޑޯއަށް ޕާސް ކުރުމަށްފަހު ރިޓާން ޕާސްއެއް ލިބޭނެ ކަމުގެ އުއްމީދުގައި ޕެނަލްޓީ އޭރިއާތެރެއަށް ވަނީ، އެހެންނަމަވެސް ގަލާޑޯ އަޝްފާގަށް ދޭން ޖައްސާލި ބޯޅަ ލިބުނީ ގްރީންގެ މެދުތެރެއަށް ކުޅެމުންދިޔަ އިފާޒްއަށެވެ. އިފާޒް ބޯޅަ ޖައްސާލީ އެޓީމު ގޯލް ކީޕަރަށް ދޭންށެވެ. އެހެންނަމަވެސް ކީޕަރު ޖުން ބޯޅަ ހޯދުމަށް ކުރިއަށް އެރުމުގެ ސަބަބުން ކީޕަރަށް ނުލިބި ގޯލާ ދިމާލަށް ދިޔަ ބޯޅަ ލިބުނީ އަޝްފާގަށެވެ. އަޝްފާގު އެއްފަހަރުން ބޯޅަ ފޮނުވާލީ ހުސް ގޯލެއްގެ ތެރެއަށެވެ.
ފުރަތަމަ ހާފުގައި މިނޫނަސް ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ނިއުރޭޑިއަންޓުން ވަނީ ތަނަވަސް ކޮށްފައެވެ. އެހެންނަމަވެއް އޭގެ ތެރެއިން އެއްވެސް ބޯޅައެއް ބޭނުން ހިފޭގޮތް ވަނީ ނުވެފައެވެ.
މިގޮތުން ކުޑަ އޭރިއާ ކުރިމަތިން މިދުހަތުއަށް ލިބުނު ހުސް ފުރުސަތު ފާހަގަކޮށްލެވެއެވެ. img:http://s3.psmnews.mv/images/660x400/15030644681617.jpg|
ދެވަނަ ހާފްގައި ކުޅެން އަރާ ގްރީން އިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އަދި މެޗު ނިމެން ދެނަކޮށް ނަތީޖާ ހަމަ ހަމަކުރުމަށް ވަރަށް ރަނގަޅު ފުރުސަތެއް ގްރީންއަށް ލިބިގެންދިޔައެވެ، އެއީ ގްރީންގެ މިޑްފިލްޑަރ ސޮބޮލް އިލިއާ އަށް ޕެނަލްޓީ އޭރިއާ ތެރެއިން އަކްރަމް އަބްދުލް ޣަނީ ކުރި ފައުލް އަކީ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ.
ޕެނަލްޓީ ހޯދައިދިން ކުޅުންތެރިއާ ސޮބޮލް ކުރިއަށް ފޮނުވާލި ޕެނަލްޓީ ގޯލްގެތެރަށް ވަދުނު ނަމަވެސް އެޕެނަލްޓީ ޖެހުނީ އަލުން ޖަހާށެވެ. އެއީ ގްރީންގެ ފޯވާޑް މާކޯ ވިލިއަމް ޕެނަލްޓީ ކުރިއަށް ފޮނުވާލުމުގެ ކުރިން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދުމުގެ ސަބަބުންނެވެ.
ދެވަނަ ފަހަރަށް ސޮބޮލް ކުރިއަށް ފޮނުވާލި ޕެނަލްޓީ ޖެހުނީ ދަނޑީގައެވެ. ދަނޑީގައި ޖެހިފައި ނުކުތް ބޯޅަ ސޮބޮލް ދެވަނަ ފަހަރަށް ކުރިއަށް ފޮނުވާލުމަށް މަސައްކަތް ކުރިނަމަވެސް ރެފްރީ ވަނީ ސޮބޮލް އެބޯޅައަށް މަސައްކަތް ކުރުމުން ނުސީދާ ހިލޭ ޖެހުމެއް ނިއުރޭޑިއަންޓަށް ދީފައެވެ.
އެއީ ސޮބަލް ފޮނުވާލި ބޯޅަ އެއްވެސް ކުޅުންތެރިއަށް ގައިގައި ނުޖެހި ސީދާ ސޮބޮލްއަށް ލިބުމުގެ ސަބަބުންނެވެ. ދަނޑު ތެރޭގައިވެސް މިނިންމުމުގެ ސަބަބުން ގްރީންގެ ސަޕޯޓަރުންނާއި ކުޅުންތެރިންގެ ފާޑުކިޔުމާއި ނުތަނަވަސްކަން ވަނީ ފާހަގަކޮށްފައެވެ.
ފީފާއިން މިދިޔަ އަހަރު އިސްލާހުކޮށް ނެރުނު ގަވައިދުގައި ވަނީ ކުޅުންހުއްޓިފައިވަނިކޮށް ކުރިއަށް ފޮނުވާލާ ބޯޅަ އެހެން ކުޅުންތެރިއެއް ގައިގައި ނުޖެހި އެކުޅުންތެރިއާއަށް ލިބިއްޖެ ނަމަ ނުސީދާ ހިލޭޖެހުމަށް އިދިކޮޅަށް ޓީމަށް ލިބޭނެ ކަމަށެވެ.
މިމެޗުން މޮޅުވުމުން ނިއުރޭޑިއަންޓަށް ކުޅުނު ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. މިމެޗުން ބަލިވި ގްރީން ސްޓްރީޓްސްއަށްވެސް ލިބިފައިވަނީ ތިން މެޗުން ހަ ޕޮއިންޓެވެ.