އަޟްޙާ ޢީދު ބަންދާއި ދިމާކޮށް ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފް ކޯސްޓްގާޑުން މިއަދު ފަށައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މިޕްރޮގުރާމަކީ އަޟްޙާ ޢީދު ބަންދުގައި ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށްވުމުން ދަތުރުރުވެރިންނާއި އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޓްރާންސްޕޯޓް އޮތޯރިޓީއިން ކަނޑައަޅާފައިވާ މިންގަނޑަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.
މި ޕޮރޮގްރާމްގައި އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ބެލުމާއި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މިއަދުން ފެށިގެން ޢީދު ބަންދުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމު، އެމްއެންޑީއެފް މާލޭ އޭރިއާގެ އިތުރުން އެމްއެންޑީއެފް ނޮދަން އޭރިއާ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އަދި އެމްއެންޑީއެފް ސަދަން އޭރިއާގައި ޤާއިމުކުރެވިފައިވާ ކޯސްޓްގާޑް ސްކޮޑްރަންތަކުން ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.