ޚަބަރު

ﷲގެ އެއްކައުވަންތަކަމަކީ ދީން ބިނާވެފައިވާ މައިގަނޑު އަސާސް


މާތްވެގެންވާ އިސްލާމްދީން ބިނާވެފައިވާ މައިގަނޑު އަސާސަކީ މާތް ﷲ ސުބްހާނަހޫ ވަތައާލާގެ އެއްކައުވަންތަކަމާއި ތަވްޙީދު ކަމަށް މަސްޖިދުއްނަމިރާގައި މިއަދު ދެއްވި ހައްޖު ޚުތުބާގައި ސަޢޫދީ އިލްމުވެރިއެއް ކަމަށްވާ ޝައިޚް ޑޮކްޓަރ ސަޢްދު ބިން ނާސިރު ބިން އަބްދުލްއަޒީޒް އައްޝަތްރީ ވިދާޅުވެއްޖެއެވެ. 

ޝައިޚް ޑޮކްޓަރ ޝަތްރީ ވިދާޅުވީ ހުރިހާ ނަބިއްޔުން ނާއި ރަސޫލުން ގެންނެވި ރިސާލަތްތަކާއި ހިދާޔަތު ބިނާވެފައިވަނީ މާތް ﷲ ސުބްހާނަހޫ ވަތައާލާގެ އެއްކައުވަންތަކަމާއި އެކަލާނގެ ފިޔަވައި އެހެން އިލާހަކުނުވާކަމުގެ ތަވްޙީދުގެ އަސާސްގެ މައްޗަށް ކަމަށެވެ. މިގޮތުން އެންމެ ނުބައި ފާފައަކީ މާތް ﷲ އަށް ޝިރުކު ކުރުންކަމާއި ޝިރުކުކުރުން ނޫން އެހެން ފާފަތައް ފުއްސަވާނެކަން އެކަލާނގެ އަންގަވާފައިވާކަން ހަނދާންކޮށް ދެއްވިއެވެ. ޢަރަފާތުގެ ބިމަށް އެއްވެފައިވާ ހައްޖުވެރިންނާ މުޚާތަބުކުރައްވައި ޝައިޚް ވިދާޅުވީ ތަވްޙީދުގެ މަތީގައި އިސްލާމްދީނަށް ތަބާވެ އަޅުކަންތައް ގިނަކޮށް ކީރިތި ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމް މުސްލިމުންނަށް ދެއްކެވި ރިވެތި އުޅުމާއި ގުޅުންތަކުގެ މަތީގައި މުސްލިމުންގެ އަމަލުތައް ބެހެއްޓުމަށް ގޮވާލެއްވިއެވެ. މިގޮތުން ތެދުހެދުމާއި އެއްބަޔަކު އަނެއް ބަޔަކަށް އޯގާތެރިވުމާއި ދެފުށްދެގޮތް ނުވުމާއި ޚިޔާނާތްތެރި ނުވުމާއި އަނެކާގެ ހައްގުތަކަށް އަރައި ނުގަތުމާއި ތެދުވެރިވުމާއި ގާތްތިމާގެކަމާއި ރަހިމުގެ ގުޅުންތައް ދެހެއްޓުންފަދަ ކީރިތީ ރަސޫލާ ދެއްކެވި ރިވެތި އުޅުމާއި ގުޅުންތަކުގެ މަތީގައި ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކުރުމަށް މަސައްކަތް ކުރުމަށް ޝައިޚް ޑޮކްޓަރ ޝަތްރީ ގޮވާލެއްވިއެވެ. 

img:http://s2.psmnews.mv/images/660x400/15041834930089.jpg|ޝައިޚް ޑޮކްޓަރ ސަޢްދު ބިން ނާސިރު ބިން އަބްދުލްއަޒީޒް އައްޝަތްރީ ހައްޖު ހުތުބާ ދެއްވަނީ

ޝައިޚް ދެއްވި ޚުތްބާގައި އަރަފާތު ދުވަހުގެ މާތްކަމާއި ބަރަކާތުގެ މައްޗަށްވެސް އަލި އަޅުވާލެއްވިއެވެ. މަބްރޫރު ހައްޖެއްކޮށްފި މީހެއްގެ ޖަޒާއަކީ ސީދާ ސުވަރުގެކަން ކީރިތި ރަސޫލާ އަންގަވާފައިވާކަން ފާހަގަ ކުރައްވަމުން އަރަފާތުގައި ތިބެގެން މާތް ﷲ އަށް ދުޢާކޮށް އަސްތަޣްފާރުކޮށް އިބްތިހާލްވުމަށް އިލްތިމާސް ކުރެއްވިއެވެ. އަދި ގިނަގިނައިން ތަވްބާވެ ފާފަފުއްސެވުމަށް މާތް ﷲގެ ހަޒްރަތަށް ދުޢާ ދެންނެވުމަށާއި އަރަފާތު ދުވަހުގައި ލިބޭ ފުރްސަތުގެ ބޭނުން ހެޔޮގޮތުގައި ބޭނުންކުރުމަށް ގޮވާލެއްވިއެވެ. 

އިސްލާމް ދީނުގައި މުސްލިމުންގެ ރައްކާތެރިކަމާއި އަމަނާއި ސަލާމަތަށް ދެއްވާފައިވާ އަހައްމިއްޔަތު ފާހަގަ ކުރައްވަމުން އިސްލާމީ މުޖްތަމައުތަކުގައި އަމަން އަމާންކަން ނަގާލައި އެކި ނަންނަމުގައި ހަމަނުޖެހުންތައް އުފެއްދުމަށް ބައެއް ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތަކަކީ އިސްލާމް ދީނުގައި މުޅިން ނަހީ ކުރައްވާފައިވާކަންތައް ތަކެއްކަން ބަޔާންކޮށް ދެއްވިއެވެ. ޝައިޚް ދެއްވި ޚުތްބާގައި، މައްކާއާއި މަދީނާގެ ހަރަމްފުޅުތައް ރައްކާތެރި ކުރައްވާފައިވާ ފަދައިން މާތްވެގެންވާ މަސްޖިދުލްއަގްސާވެސް އެކަލާނގެ ރައްކާތެރި ކުރައްވާނެ ކަމަށް ވިދާޅުވެ މަސްޖިދުލްއަގްސާއަށް ޔަހޫދީން ކުރަމުން ގެންދާ ގޯނާތައް ކުށްވެރިކުރެއްވިއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށާއި ހުރިހާ މުސްލިމުންނަށްވެސް އަމާންކަމާއި ރައްކާތެރިކަން ދެއްވުމަށާއި ޔަހޫދީން ނިގުޅައިގެންފައިވާ ފަލަސްތީނުގެ ހައްގުތައް ހިމާޔަތް ކުރުމާބެހޭގޮތުން ޝައިޚް ވާހަކަ ދެއްކެވިއެވެ. އަދި ހައްޖަކީ މާތް ﷲ އަށްޓަކައި ކުރެވޭ އަޅުކަމެއްކަން ބަޔާން ކުރައްވަމުން ހައްޖުގެ ތެރޭގައި ހައްޖުގެ އަޅުކަމަށް ބުރޫއަރާބާވަތުގެ އެއްވެސް އަމަލެއް ނުހިންގުމަށް ގޮވާލެއްވިއެވެ. 

img:http://s2.psmnews.mv/images/660x400/15041834468159.jpg|ހައްޖާޖީން އަރަފާތު ބިމުގައި / ދެ މިލިއަނަށްވުރެ ގިނަ މީހުން ދަނީ ހައްޖުގެ އަޅުކަން އަދާކުރަމުން

މިއަދުގެ ހައްޖުގެ ޚުތްބާގައި ކީރިތި ރަސޫލާ (ސލވ)ގެ ދުވަސްވަރު ހައްޖަތުލްވަދާއުގައި އެކަލޭގެފާނު ހައްޖުކުރެއްވި ގޮތުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. މިގޮތުން މުސްލިމުންނަށް ޓަކައި އެކަލޭގެފާނު ދޫކުރެއްވީ ކީރިތި ގުރްއާނާއި އެކަލޭގެފާނުގެ ސުންނަތްކަން ހަނދާންކޮށް ދެއްވައި ގުރުއާނާއި ސުންނަތުގައި ހިފަހައްޓައިގެން އޭގައިވާ ގޮތަށް އަމަލުތައް ބެހެއްޓުމަށް މުސްލިމުންނަށް އިލްތިމާސް ކުރެއްވިއެވެ. 

img:http://s3.psmnews.mv/images/660x400/15041834323120.jpg|ހައްޖާޖީން އަރަފާތު ބިމުގައި / ދެ މިލިއަނަށްވުރެ ގިނަ މީހުން ދަނީ ހައްޖުގެ އަޅުކަން އަދާކުރަމުން

އަންހެނުންނަށް އިސްލާމް ދީނުގައި ދެއްވާފައިވާ ގަދަރާއި ކަރާމާތުގެ މައްޗަށް ބައްލަވާލައްވައި އަންހެނުންނަށް ހެޔޮކޮށް ހިތުމަށްވެސް އިލްތިމާސް ކުރެއްވިއެވެ. މީގެއިތުރުން މުސްލިމުންގެ ތެރޭގައި ފެތުރެމުންދާ ހަރުކަށި ތަކްފީރީ ޚިޔާލުތައް ދޫކޮށްލުމަށާއި ދީނުގެ ނަމުގައި ހަރުކަށި ނުވުމަށާއި މެދުމިން އިޚްތިޔާރު ކުރުމަށާއި އެއްމުސްލިމަކު އަނެއް މުސްލިމަށް އިޙްތިރާމްކޮށް އޯގާތެރިވުމަށް މުސްލިމުންނަށް އިލްތިމާސް ކުރެއްވިއެވެ. މިގޮތުން މަޒްހަބީ އަދި ތާއިފީ ޚިލާފްތަކުން ދުރުވެ އިސްލާމީ މުޖްތަމަޢުތައް ފިތުނައިން ސަލާމަތް ކުރުމަށް ހުރިހާ މުސްލިމުންނަށް ޝައިޚް އިލްތިމާސް ކުރެއްވިއެވެ. މުސްލިމުންގެ މާއްދީ އަދި ރޫޙާނީ މައްސަލަތަކުގެ މައްޗަށް ބައްލަވާލައްވަމުން މުސްލިމުން އިލްމީ ގޮތުންނާއި ޖިސްމާނީ ގޮތުން ވަރުގަދަ ވުމަށާއި އިލްމާއި މަސައްކަތްތެރިކަން ކުރިއެރުވުމަށާއި އާޚިރަތް ހޯދުމަށް މަސައްކަތް ކުރާގޮތަށް ދުނިޔޭގައިވެސް މުސްލިމުންނަށް އާރާއި ބާރުލިބޭ ގޮތަށް އިލްމާއި ތަރައްގީއަށް މަސައްކަތް ކުރުމަށް މުސްލިމުންނަށް ގޮވާލެއްވިއެވެ.