ޚަބަރު

ޖަޕާނު ފައްތާލާ، އެމެރިކާ އަޅިއަށް ހަދާނެކަމުގެ އިންޒާރު ދީފި


މިމަހުގެ 3 ވަނަ ދުވަހު އުތުރު ކޮރެއާއިން ކުރި ނިއުކްލިޔަރ ޓެސްޓާ ދެކޮޅަށް އދގެ ސަލާމަތީ މަޖިލީހުން މި ހަފުތާގައި ފާސްކުރި ދަތިކުރުމުގެ ފިޔަވަޅުތަކަށް ޖަޕާނާއި އެމެރިކާއިން ތާއީދުކޮށްފައިވާތީ، ޖަޕާނު ފައްތާލާ، އެމެރިކާ އަނދިރިކަމާއި އަޅިއަށް ހަދާނެކަމުގެ އިންޒާރު އުތުރު ކޮރެއާގެ ސަރުކާރުގެ އިދާރާއަކުން ދީފިއެވެ.

އުތުރު ކޮރެއާގެ ބޭރުގެ ގުޅުންތަކާ ޕްރޮޕަގެންޑާއާ ބެހޭ އިދާރާ، ކޮރެއާ އޭޝިޔާ ޕެސިފިކް ޕީސް ކޮމިޓީން ބުނެފައިވަނީ، އުތުރު ކޮރެއާއަށް ޖަޕާނުގެ ބޭނުމެއް ނެތްކަމަށާއި ނިއުކްލިޔަރ ހަތިޔާރު ބޭނުންކޮށްގެން ޖަޕާނުގެ ޖަޒީރާ ރަށްތައް ނައްތާލާނެ ކަމަށެވެ. އަދި ޖަޕާނަކީ އެމެރިކާއިން ކުޅޭ ރާގުތަކަށް ނަށާ ގައުމެއް ކަމަށާ ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނުން އުތުރު ކޮރެއާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކަށް ޖަޕާނަށް އެކަށީގެންވާ ފިޔަވަޅުތައް އަޅާފައި ނުވާކަމަށް މި ކޮމިޓީން ބުންޏެވެ. 

ޖަޕާނުން ވަނީ މި ކޮމިޓީގެ މި އިންޒާރުތައް ކުށްވެރިކޮށްފައެވެ. މީގެ އިތުރުން، މި ކޮމިޓީއިން ވަނީ އެމެރިކާގެ މައި ސަރަހައްދަށް ހަމަލާދީ އެ ޤައުމަކީ އަނދިރިކަމާއި އަޅިއަށް ހަދާނެކަމުގެ އިންޒާރުވެސް ދީފައެވެ. 15 މެމްބަރު ގައުމު ހިމެނޭ އދގެ ސަލާމަތީ މަޖިލީހުން ފުރިހަމަ އަޣުލަބިއްޔަތުން ފާސްކުރި މި ފިޔަވަޅުތަކުގައި ވަނީ އުތުރު ކޮރެއާއިން މީގެފަހުން އަންނައުނާ ފޮތި އެކްސްޕޯޓް ކުރުން މަނާކޮށްފައެވެ.

މީގެ އިތުރުން އުތުރު ކޮރެއާގެ ރައްޔިތުންނަށް ވަރކް ޕަރމިޓް ދިނުން އެހެން ގައުމުތަކަށް މަނާކޮށްފައިވާއިރު އުތުރު ކޮރެއާއަށް އަހަރަކު އެތެރެ ކުރެވޭނެ ސާފުނުކުރާ ތެޔޮ އަދި ސާފުކޮށްފައިވާ ޕެޓްރޯލިއަމް އެތެރެކުރެވޭނެ މިންވަރުވެސް ވަކި މިންގަނޑެއްގައި ބެހެއްޓުމަށް، އދގެ ސަލާމަތީ މަޖިލީހުގެ މި ފިޔަވަޅުތައް ގޮވާލާއެވެ.

އުތުރު ކޮރެއާގެ މި ކޮމިޓީން ވަނީ އދގެ ސަލާމަތީ މަޖިލީހަށްވެސް ހަރުކަށި ފާޑުކިއުންތައް އަމާޒުކޮށްފައެވެ. މިގޮތުން އދގެ ސަލާމަތީ މަޖިލީހަކީ ދުނިޔޭގައި ނުބައިކަން ފެތުރުމަށް ބޭނުންކުރާ ވަސީލަތެއް ކަމަށާއި، އެ މަޖިލީހުގައި ތިބެނީ ފައިސާގެ ފައިދާތަކަށް އެމެރިކާގެ އެދުންތައް ފުރިހަމަކުރާ ގައުމުތައްކަމަށެވެ.